ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގެ ނިންމުންތަކާ ދެކޮޅަށް އެމަނިކުފާނު ހުށަހެޅުއްވި އިސްތިއުނާފް ސުޕްރީމް ކޯޓުން ވެސް އެމަނިކުފާނަށް މިރޭ ނާކާމިޔާބުވެއްޖެ އެވެ.
ވ. އާރަށް މައްސަލާގައި ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓަށް ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ތެރެއިން ބައެއް ހުށަހެޅުންތަކާ މެދު ނިންމި ނިންމުން އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފްކުރި އެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް އެދި ހެއްކާބެހޭ ގާނޫނުގެ ދަށުން އާ ހުށަހެޅުންތައް ހުށަހެޅުމުގެ ނުދޭން ނިންމި ނިންމުމާއި ބައެއް ލިޔުންތައް ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމި ނިންމުމެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުންތަކަށް ހައި ކޯޓުން ކުރިން އޮތީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެއްވުމުން އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިރޭ ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެހެން ނަމަވެސް ހައި ކޯޓުގެ ހުކުމަށް ވާސިލްވުމުގައި ހުރި ބައެއް ސަބަބުތައް ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
އަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަތުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ހެއްކާބެހޭ ގާނޫނުގެ ދަށުން އާ ހުށަހެޅުންތަކަށް ފުރުސަތު ދޭން ނުޖެހޭނެ ކަމަށެވެ. ސަބަބަކީ އެ ގާނޫނަކީ އެ މައްސަލާގެ ފަހުން އަމަލުކުރަން ފެށި ގާނޫނަކަށް ވާތީ އާއި ފަހުން އަންނަ ގާނޫނުގެ އުސޫލުތައް ހިނގާނީ ކުށާއި އަދަބު ކަނޑައަޅާ ގާނޫނުތަކުގައި އެކަނި ކަމަށްވާތީ ހުކުމުގައިވެ އެވެ. އެހެންވެ، އަދީބާއި ޒިޔަތުގެ ހެކިބަހަށް ދެވޭނެ ބުރަދަނާ ގުޅޭގޮތުން ގޮތް ނިންމަން ޖެހޭނީ ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ޝަރީއަތުގެ މަރުހަލާއިން ކަމަށް ހުކުމުގައިވެ އެވެ.
އަދީބާއި ޒިޔަތު ފިޔަވައި ދެން ތިބި ހެކިން ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމުމުގައި ސަބަބު ބަޔާން ކޮށްފައި ނެތް މައްސަލަ ވެސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކުރި އެވެ.
މިރޭގެ އަޑުއެހުމަށް ޔާމީން ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމުގައި ސަބަބު ބަޔާން ކޮށްފައި ނެތުމަކީ އެ ކޯޓުން ރަނގަޅަށް ކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ މަރުހަލާ ކްރިމިނަލް ކޯޓުން އަލުން ކުރިއަށް ގެންދަން އަމުރު ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަރުހަލާ ފެށިފައިވާތީ އާއި އަދި އެ ހެކިތައް ބަލައިގަތަސް، ޝަރީއަތުގެ މަރުހަލާގައި އެ ހެކިތައް މައްސަލައާ ގުޅޭތޯ ނުވަތަ ނޫންކަމާ މެދު ބަހުސްކޮށް، ގޮތް ނިންމުމުގެ ފުރުސަތު އޮތުމުންނެވެ.
އެ މައްސަލައާ ލިޔުންތަކެއް ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެ ހެކިތައް ހާމަކުރަން އަމުރު ނުކުރެވޭނެ ކަމަށެވެ. އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހާމަކުރަން ޖެހޭނީ ތަހުގީގީ އިދާރާތަކުގައި ހުންނަ މައުލޫމާތުތައް އެކަނި ކަމަށް ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގައި މިރޭ ހުކުމް އިއްވަނީ
ޔާމީނާ އެކު އެ މައްސަލާގައި ދައުވާލިބޭ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ފަރާތުން ވެސް ބައެއް ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ކްރިކް ރިޒާގެ މައްޗަށް ދައުވާކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ވާއިރު، އޭނާގެ މައްޗަށް ދައުވާ ކުރަން ޖެހޭނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށް ބުނެ ވެސް އޭނާގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅި އެވެ.
މި ހުށަހެޅުމާ މެދު ސުޕްރީމް ކޯޓުން ނިންމީ ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ތަހުގީގީ އިދާރާތަކުގައި ހުރި ހެކިތަކުގެ ތެރެއިން މައްސަލައާ ގުޅުންހުރި ހެކިތައް ބެލުމުގެ ފުރުސަތު އޭނާއަށް ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.
ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ފުއްގިރި މައްސަލާގެ އިސްތިއުނާފް: ސުޕްރީމް ވެސް ޔާމީނަށް ނާކާމިޔާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ