މެމްބަރު ޒަރީރަށް ހަމަލާދިން ގައްބަރޭ ދޫކޮށްލި އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މއ. ނައިޓްވިލާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ގައްބަރޭ ދޫކޮށްލި މައްސަލަ އާދިއްތަ ދުވަހު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުން ގައްބަރޭ ދޫކޮށްލި ސަބަބެއް މިހާތަނަށް ނޭނގެއެވެ. ކޯޓުގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ހުރި އަމުރުތަކުގެ ތެރޭގައި އެ އަމުރު ފެންނާކަށް ވެސް ނެތެވެ. https://sun.mv/179349 ގައްބަރޭ ހައްޔަރުކުރީ، ހޯދަން އިއުލާންކުރިތާ ހަފުތާއެއް ފަހުން، އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން މެއި މަހުގެ 23ވަނަ ދުވަހުއެވެ. އެފަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުން އެ ދުވަހު ނެރުނު އަމުރުން އެނގޭ ގޮތުގައި ގައްބަރޭގެ މައްޗަށް ކުށަށް ތުހުމަތުކުރެވޭ ވަރަށް ހެކި ފުލުހުން ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހެކީންގެ ބަޔާނާއި، ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓާއި އަނިޔާލިބުނު ފަރާތުގެ މެޑިކޯ އަދި ފޮޓޯތަކާއި އިންޓެލިޖެންސް ރިޕޯޓްތައް ހިމެނެއެވެ. ގައްބަރޭއަކީ 2007ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އުފުލައިފައެވެ. ނަމަވެސް ހެކި ނެތުމުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް 2010ވަނަ އަހަރު ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޖުވެނައިލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ފަހުން އެ މައްސަލައަށް ވީގޮތެއް ސާފެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ