ފުވާދަށް ގައުމީ އެންމެ މަތީ ޝަރަފު ހައްގު: ޝަހީދު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގަށް ގައުމީ އެންމެ މަތީ ޝަރަފު ހައްގު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިފަދައިން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
ޑރ. ޝަހީދު ވިދާޅުވީ ފުވާދުގެ ސާބިތުކަމާއި އަމާނާތްތެރިކަމުގެ ސަބަބުން ގައުމީ އެންމެ މަތީ ޝަރަފު ހައްގު ކަމަށެވެ.
2021 ވަނަ އަހަރު އެ ކޮމިޝަންގެ ރައީސް ކަމަށް އިންތިޚާބުކުރެއްވި ފުވާދު ވަނީ 2008 އިން 2009އަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ފުރުއްވާފައެވެ.
އޭގެ ފަހުން މަގާމުން ވަކިކުރަންދެން 2014 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ފުވާދު ހުންނެވީ އެކޮމިޝަނުގެ ރައީސްގެ މަގާމުގައެވެ.
ކޮމިޝަންގެ ރައީސް ކަމުން ފުވާދު ވަކިކުރީ ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން މައްސަލައެއް ބަލައި އިއްވި ހުކުމަކަށް ފަަހުއެވެ. އެފަހަރު، ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ހަމަސް ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފައެވެ. އަދި ފުވާދުގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިއްޖެކަމަށް ވެސް ކޯޓުން ކަނޑައެޅިއެވެ.
އެހެންނަމަވެސް ޖަލުޙުކުމް ތަންފީޒު ކުރައްވާކަށް ޖެހިވަޑައެއް ނުގަތެވެ.
ޤާނޫނުގައިވާ ގޮތުން އިލެކްޝަން ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް މެންބަރުކަމުން އިސްތިޢުފާ ދެއްވައިފިނަމަ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް މެންބަރަކު އައްޔަންކުރަންޖެހެ އެވެ.
އެކަމަކު 60 ދުވަހުގެ ތެރޭގައި މެންބަރަކު އައްޔަން ކުރެވިފައި ނުވާނަމަ، ކޮމިޝަންގައި ތިބި ހަތަރު މެންބަރުންގެ މެދުގައި ނަގާވޯޓަކުން ވެސް ކޮމިޝަނުގެ ރައީސް ކަނޑައެޅިދާނެ ކަމަށް ބުނެފައި ވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް އެންމެ ފަހުން ފުވާދު އިންތިޚާބުކުރެއްވީ އެ މަގާމު ފުރުއްވަމުން ގެންދެވި އަހްމަދު ޝަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެން މަގާމު ހުސްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ