ވިނަރެސްގެ ޑައުންޕޭމެންޓާއި ކުލި ކުޑަކޮށްދޭނަން: ރައީސް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓްގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އަދަދު ބޮޑު ކަމުގެ ޝަކުވާ ލިބޭތީ އެ އަގު ކުޑަކޮށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕޭނު ކުރުމަށް ގަލޮޅުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކެމްޕޭނަށް މާލޭގައި ދޮރުން ދޮރަށް ހިންގަވާއިރު ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމެންޓާއި ކުލި ބޮޑުކަމުގެ ކަންބޮޑުވުންތައް އިވޭ ކަމަށެވެ. އެ ޝަކުވާއަށް ވަރަށް އަވަހަށް ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ."އެއަށް ލަސްތަކެއް ނުވެ ބަދަލުތަކެއް ގެނެސް ޑައުންޕޭމަންޓް ކުޑަކޮށް ކުއްޔަށް ގެނެވޭނެ ހެޔޮ ބަދަލެއް ގެނެސްދޭނަން، އެކަން ވެސް އަޅުގަނޑުމެން އިއުލާން ކުރާނަން،" ރައީސް ވިދާޅުވި އެވެ.މީގެ އިތުރުން ރައީސް ވިދާޅުވީ އެމްޕީއެލް ފްލެޓުތަކުގެ ކުއްޔާއި، ޑައުންޕޭމަންޓު ވެސް ކުޑަކޮށް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ. އެ ފްލެޓުތަކުގެ އަގު ދައްކަން ޖެހޭ މުއްދަތު ދަންމާލައި، މަހުން މަހަށް ދައްކަން ޖެހޭ ވަރު މީގެ ކުރިން ވެސް ވަނީ ކުޑަކޮށްދީފައެވެ.ވިރަނެސް ފްލެޓްތަކުގެ ގޮތުގައި 1،344 ފްލެޓް ހިމެނޭ 13 ބުރީގެ 10 ޓަވަރު ވަނީ އިމާރާތް ކޮށްފަ އެވެ. އޭގެ ތެރެއިން ގުޅިފަޅުން ފްލެޓް ގަތް 140 ފަރާތަކަށް ވިނަރެސް ފްލެޓް ދޫކުރި އެވެ. އަދި ސީލައިފް އިން 123 މީހުންނަށް އަދި ހިޔާ އިން ފްލެޓް ދޫކޮށްލި 78 ފަރާތަކަށް ވެސް ވިނަރެސް އިން ވަނީ ފްލެޓް ލިބިފަ އެވެ. އެ ފަރާތްތަކަށް އާބަންކޯއިން މިހާރު އަންނަނީ ފްލެޓް ތަޅުގަނޑި ހަވާލު ކުރަމުންނެވެ.އެފަރާތްތަކުގެ އިތުރުން ވިނަރެސް އިން ފްލެޓަށް ހޮވުނީ މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1094 މީހުންނާއި މާލޭގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހުންނެވެ.ވިނަރެސްގައި ހުރި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ވިއްކަނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ