ފުލުހުންގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދަށް

ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން އިއްޔެ ރިޓަޔާ ކުރެއްވުމާ ގުޅިގެން، ފުލުހުންގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ޖޫން މަހު ކޮމިޝަނަރުކަމާ ހަވާލުވެވަޑައިގެންނެވި ނަވީން ވަނީ މިދިޔަ އާދިއްތަ ދުވަހު ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމެވިކަން އިއުލާން ކުރައްވާފަ އެވެ.
ހިދުމަތުގައި ގާތްގަނޑަކަށް 32 އަހަރު ހޭދަކުރެއްވުމަށް ފަހު ނަވީން ރިޓަޔާ ކުރެއްވިކަން އޭނާ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަކުރައްފަ އެވެ.
ތަފްސީލް - "... ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން، 18 ފެބްރުއަރީ 2026 ވަނަ ދުވަހުން ފެށިގެން ދިވެހި ފުލުހުންގެ ހިދުމަތް ވަގުތީ ގޮތުން ހިންގަވާނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމުގައި މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވަނީ ކަނޑައަޅުއްވާފަ އެވެ،" ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެ އެވެ.
ފާހަގަކޮށްލެވޭ - މީގެ ކުރިން ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުމެއްގައި ފަރުހާދު ވެސް ހިމެނެ އެވެ.
އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ފަރުހާދު ޕްރޮމޯޓްކުރަން ނިންމީ 2024ގަ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރަނީ ޕޮލިސް ބޯޑުގެ ނިންމުމުގެ މައްސަލަ ކޯޓުގައި އޮއްވަ އެވެ.
ހައި ކޯޓުގެ މަރުހަލާގައި އޭރު އޮތް މައްސަލަ ކޯޓުން މިހާރު ވަނީ ބޭރުކޮށްލައިފަ އެވެ. ކޯޓުން ވެސް އެފަދަ ނިންމުމަކަށް އައީ، ޕޮލިސް ބޯޑުން ވަކިކުރަން ނިންމި ބައެއް އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުމުން ދައުލަތުން އެ ކަމުގައި ޝަރީއަތުގެ މަރުހަލާ ނަހަމަ ގޮތުގައި ބޭނުންކޮށް ތަފާތުކުރުން ގެންގުޅެފައި އޮތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ