އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ތެރެއިން އީރާންގެ ނަޠަންޒް ނިއުކްލިޔަރ މަރުކަޒަށް ދިން ނުރައްކާތެރި ޢުދުވާނުގެ ބަދަލު ހިފުމުގެ ގޮތުން، އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ޔަހޫދީންގެ އެންމެ ބޮޑު އަސްކަރީ އަދި ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތަކުގައި ޞަހްޔޫނީ ދައުލަތުގެ ދެކުނުގެ ރަށެއް ކަމުގައިވާ ދިމޯނާއާއި އަރާދަށް ބޮޑެތި ގެއްލުންތަކެއް ލިބި، 100 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. އެއީ، ޔަހޫދީން ވެރިވެގަނެފައިވާ ބިންތެކެކެވެ.
އައިއާރްޖީސީއާ ޙަވާލާދީ އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ، މި އޮޕަރޭޝަނަކީ އަމިއްލަ ދިފާޢުގައި ދިން ޙައްޤު ރައްދެއް ކަމުގައެވެ. ފެބުރުވަރީ 28 އިން ފެށިގެން އެމެރިކާއާއި ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 1,444 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި 200 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
އީރާނުން ދިމޯނާއާއި އަރާދަށް ދިން ޙަމަލާތައް ދިފާޢު ކުރުމުގައި ޔަހޫދީންގެ ވައިގެ ދިފާޢީ ނިޒާމު ފޭލުވެފައިވާ ކަން ޔަހޫދީ ފައުޖުގެ ތަރުޖަމާނު ވަނީ އިޢުތިރާފުވެފައެވެ. ދެ ފަރާތުން ވެސް ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާމެދު، އެކުވެރި ދައުލަތްތަކުގެ (އދ) އެޓޮމިކް ހަކަތައާ ބެހޭ މައި އިދާރާގެ (އައިއޭއީއޭ) ވެރިޔާ ރަފަޔަލް ގްރޮއްސީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި، ނިއުކްލިޔަރ މަރުކަޒުތައް ހުންނަ ސަރަޙައްދުތަކުގައި އަސްކަރީ ހަރަކާތްތައް ހިންގުމާއި ޙަމަލާތައް އަމާޒުކުރުން ހުއްޓައިލުމަށް ބާރުއަޅުއްވާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 48 ގަޑިއިރު ތެރޭގައި ހުރްމުޒް ކަނޑުއޮޅި ހުޅުވައިނުލައިފި ނަމަ، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތައް ސުންނާފަތިކޮށްލާނެ ކަމަށް ބުނެ ހަރުކަށި އިންޒާރެއް ދެއްވާފައެވެ. ނަމަވެސް، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީވަނީ މި އިންޒާރުތަކަށް ރައްދު ދެއްވައި، އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ޙަމަލާއެއް ދީފިނަމަ، މުޅި ސަރަޙައްދުގައި ހުރި އެމެރިކާގެ ހުރިހާ ހަކަތައިގެ ބިނާރުތައް އަމާޒަކަށް ހަދާނެ ކަމުގައި ވިދާޅުވެފައެވެ. އީރާނުން ދެކޭ ގޮތުގައި ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަމަކީ އީރާނުގެ އިސްތިޤްލާލާ ގުޅިފައިވާ ކަމެކެވެ.
މި ހަނގުރާމައަކީ ދުނިޔޭގެ އިޤުތިޞާދަށް 1973 ވަނަ އަހަރު ކުރިމަތިވި ތެލުގެ ކާރިސާއަށް ވުރެ ބޮޑު ލޮޅުމެއްގެ ގޮތުގައި މާލީ އަދި އިޤުތިޞާދީ ދާއިރާގެ މާހިރުން ޤަބޫލު ކުރެއެވެ. ތެލުގެ އަގު މިހާރުވެސް %50 އުފުލި ތެޔޮ ފީފާއެއްގެ އަގު 100 އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މަސްރަޙު އިތުރަށް ގޯސްވެއްޖެނަމަ ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އުފުލި، ދުނިޔެ ބޮޑު އިޤުތިޞާދީ ހީނަރުކަމަކަށް ހުށަހެޅިގެންދާނެ ކަމުގައި އެ ފަރާތްތަކުން އިންޒާރު ކުރިއެވެ. މީގެ އިތުރުން، ޤަޠަރުގެ ރައުސް ލިއްފާން ގޭސް ދަނޑަށް ލިބުނު ގެއްލުންތަކާއެކު ވިލާތާއި އޭޝިއާގެ ގޭހުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. މިއީ ޔަހޫދީންނާއި އެމެރިކާގެ ޢުދުވާނީ ސިޔާސަތުތަކުގެ ސަބަބުން މުޅި ދުނިޔެއަށް އުފުލަންޖެހިފައިވާ ބުރައެއް ކަމުގައި ވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޔަހޫދީންގެ ދިފާޢު ފޫއަޅުވައިލައި، 100 އަށްވުރެ ގިނަ ޔަހޫދީން ޒަޚަމުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ