ސަރުކާރު ކުންފުނިތަކުގެ ނަޒާހަތްތެރިކަން އިތުރުކުރަން އޭސީސީން، ޕީސީބީއާ މަޝްވަރާކޮށްފި
ސަރުކާރުގެ ކުންފުނިތަކުގެ ނަޒާހަތްތެރިކަން އިތުރުކޮށް, ހިންގުން ހަރުދަނާކުރުމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެ ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އާ މިއަދު މަޝްވަރާކޮށްފިއެވެ. އޭސީސީން، އެކްސްގައި ކުރި ޕޯސްޓެއްގައި ބުނިގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލުތަކާއި ގަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމާއި އެ އުސޫލުތައް ތަންފީޒުކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތަކުގެ ތެރޭގައި ޕީސީބީގެ ގައިޑްލައިންތައް ހިމެނުމަށާއި، މިހާރު ކުރިއަށްދާ ތަމްރީނު ޕްރޮގްރާމްތަކުގައި މި އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ޚާއްސަ އިސްކަމެއް ދިނުމަށް މަޝްވަރާކުރި ކަމަށް އެ ކޮމިޝަނުން ބުންޏެވެ. https://x.com/ACC_Maldives/status/2046178430346314167 މީގެ އިތުރުން ޕްރޮކިއުމަންޓް އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާއާ ގުޅޭ މައުލޫމާތު ދިނުމަށް ޕްރޮގްރާމްތަކެއް ތައާރަފުކުރުމާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަދެއްކި ކަމަށް އޭސީސީން ވަނީ ބުނެފައެވެ. ޕީސީބީއަކީ ސަރުކާރުގެ ކުންފުނިތަކުގެ ބަލަދުވެރި ބޯޑު ކަމަށްވާއިރު، ސަރުކާރު ކުންފުނިތަކުގެ ޒިންމާދާރުވެރިން ހިންގާ ނޭދެވޭ ކަންކަމަށް ފިޔަވަޅު ނޭޅޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އޭސީސީން ވެސް ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ، ފާޑުކިޔުން އަމާޒުވެފައިވެއެވެ. ސަރުކާރު ކުންފުނިތަކަށް މުދަލާއި ޚިދުމަތްތައް ގަތުމުގައިއާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަން ހިންގާ ކަމުގެ ގިނަ ތުހުމަތުތަކެއް ފެންމަތިވެފައިވެއެވެ. ޚާއްސަކޮށް، ކޮންމެ ސަރުކާރެއްގައި ވެސް އިންތިޚާބުތަކާ ދިމާކޮށް އެފަދަ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވެއެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު މުހިންމު އިންތިޚާބުތަކެއް ބޭއްވިއިރު، މިދިޔަ މަހުގެ ތެރޭގައި ސަރުކާރު ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަން އިއުލާންކޮށްފައިވެއެވެ. އެގޮތުން މިދިޔަ މަހުގެ އެކަކުން 28އަށް އެކަނިވެސް އެމްޓީސީސީން ޖުމްލަ 1،185 ވަޒީފާއަކަށް މީހުން ހޯދަން އިއުލާންކޮށްފައިވެއެވެ. https://sun.mv/220814 އޭގެ ސަބަބުން ސަރުކާރަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އަދި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރަށް ލިބުނީ ނާކާމިޔާބީއެވެ. އޭގެ ފަހުން ސަރުކާރަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެއް ދުވަހެއްގައި 10 މިނިސްޓަރުން އިސްތިއުފާ ދެއްވައިފައިވާއިރު، މިނިސްޓްރީތަކުގެ އަދަދު ވަނީ 20އިން 15އަށް މަދުކޮށްފައެވެ. މީގެ އިތުރުން، ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރު ކުންފުނިތަކުގެ 33 އިންސައްތަ މުވައްޒަފުން މަދުކުރަން އަންގަން، ޕީސީބީއަށް އަންގައިފައެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވަނީ އެ ކުންފުނިތަކުގައި ތިބި ކަމަށް ލަފާކުރެވޭ ޖުމްލަ އަދަދަކީ 42،000 މުވައްޒަފުން ކަމަށާއި، މުވައްޒަފުން ކެނޑުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ވިދާޅުވެފައެވެ. https://sun.mv/220860 އެހެންނަމަވެސް މުވައްޒަފުން ކަނޑާނީ ކުންފުނީގެ މަސައްކަތްތަކާއި މުވައްޒަފުން ބޭނުންވާ ވަރަށް ބަލައިފައި ކަމަށާއި، އެގޮތުން ބައެއް ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ކަނޑަން ނުޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ސިޔާސީ ވިސްނުމެއްގައި ވަކި މީހަކު ބުނެގެން އައްޔަންކުރާ މީހުން ސަރުކާރު ކުންފުނިތަކުގައި ތިބެގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވެސް ވަނީ މުވައްޒަފުންގެ މަސައްކަތަށް ބަލައި، ސަރުކާރުން ކުންފުނިތަކުން މުވައްޒަފުން މަދުކުރާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ