މި އަހަރުގެ ރިޔާސީ ބަޔާނަކީ މަގުސަދު ހާސިލުނުވާ ކުލަނެތް ކޮޕީއެއް: އިދިކޮޅު

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަކީ ފާއިތުވި ދެ އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.މަޖިލީހުގެ ގަވާއިދުގެ ދަށުން ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާން އިއްވެވުމުން އެ ރިޔާސީ ބަޔާނުގެ ޖަވާބު އެއިރެއްގައި މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ޕާލަމަންޓްރީ ލީޑަރު ދެއްވަންޖެހެ އެވެ.އެގޮތުން، މިވަގުތު މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕީއެންސީގެ މެންބަރުންގެ އިތުރުން އެންމެ ގިނަ މެންބަރުން ނިސްބަތްވާ އެމްޑީޕީގެ ޕާލަމަންޓްރީ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ ޖަވާބުގައި ވަނީ ގައުމުގެ ހާލަތާއި މިސްރާބު އެ ރިޔާސީ ބަޔާނުގައި ސާފުކޮށް ދެވިފައިނުވާ ކަމަށެވެ."މިހެންކަމުން އަޅުގަނޑު ދަންނަވަން ޖެހެނީ މި އަހަރުގެ ރިޔާސީ ބަޔާނަކީ 2025 ވަނަ އަހަރުގެ ކުލަ ނެތް ކޮޕީއެއް ކަމަށް، ކުލަ ނެތް ކޮޕީއެއް ކަމަށް މި ދަންނަވަނީ ފާއިތުވި ދެ އަހަރު މި މަޖިލީހުގައި ތިޔަ އިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމަތީގައި އަދި، މުޅި ރާއްޖޭގެ ރައްޔިތުންނަށް އަޑު އިވޭނޭހެން ވިދާޅުވި ހުވަފެނީ ވާހަކަތަކެއް އެހެން ގޮތަކަށް ބަދަލުކޮށްގެން އަނެއްކާވެސް މިއޮތީ މި މަޖިލީހަށް އިއްވާފައި،" އޭނާ ވިދާޅުވި އެވެ.ރައީސް މުއިއްޒު ކުރައްވާނެ ކަމަށް ވިދާޅުވި ކަންކަން ނުކުރައްވާ ދެއްކެވީ އައު ހުވަފެންތަކެއް ކަމަށްވެސް ނާޒިލް ވިދާޅުވި އެވެ."މިހާރު މި އޮތް ސަރުކާރަކީ ރާއްޖޭގެ ތާރީހުގައި ނުފެންނަވަރުގެ ނާގާބިލު ސަރުކާރެއް. އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރައީސް މުއިއްޒު ވަނީ ބޮޑުތަނުން ފެއިލްވެފަ،" ނާޒިލް ވިދާޅުވި އެވެ.މީގެ އިތުރުން، ސަރުކާރުން ބާއްވާ ކުލަގަދަ ރަސްމިއްޔާތުތަކަށް ކުރާ ބޮޑެތި ޚަރަދުތަކާ މެދު ސުވާލު އުފައްދަވަމުން، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އިސްރާފު ބޮޑު ގޮތަކަށް ރަސްމިއްޔާތުތައް ބާއްވާ ސަރުކާރު ކަމަށް އޭނާ ސިފަކުރެއްވިއެވެ.ޚާރިޖީ ދާއިރާއިން ރާއްޖެއަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަގުވެއްޓި، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ނުރުހުން އަމާޒުވަމުންދާ ކަމަށް ވިދާޅުވެ، ނާޒިލް ވަނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ