ވޯލްޑްކަޕް ޕްލޭއޮފް މެޗު ފަސްކޮށްދިނުމަށް އިރާގުން ފީފާގައި އެދިއްޖެ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިރާގުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާއެކު، މި މަހުގެ 31 ވަނަ ދުވަހު މެކްސިކޯގެ މޮންޓެރޭގައި ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ޕްލޭއޮފް މެޗު ފަސްކޮށްދިނުމަށް އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ފީފާގައި ރަސްމީކޮށް އެދިއްޖެއެވެ. ބޮލީވިއާ ނުވަތަ ސުރިނާމްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މި މެޗަށް ދަތުރުކުރުމަށް ފީފާއިން ވަނީ 25 ގަޑިއިރުގެ ދިގު އެއްގަމު ދަތުރެއްކޮށް ތުރުކީއަށް ދިއުމަށް ލަފާދީފައެވެ. ނަމަވެސް އިރާގުން ވަނީ މި ހުށަހެޅުމަށް ދެކޮޅުހަދާފައެވެ. އިރާގު ގައުމީ ޓީމުގެ ދެބައިކުޅަ އެއްބައި ކުޅުންތެރިން މިވަގުތު ތިބީ ވެރިރަށް ބަޣުދާދުގައެވެ. އަދި ޓީމުގެ އޮސްޓްރޭލިއާ ކޯޗު ގްރަހަމް އާނޯލްޑް ހުރީ ދުބާއީގައި ތާށިވެފައެވެ. ފީފާއިން ލަފާދީފައިވަނީ ބަޣުދާދުން ފުރައިގެން އެއްގަމު މަގުން އިސްތަންބޫލަށް ދިއުމަށެވެ. ނަމަވެސް މިއީ އީރާނުގެ ޑްރޯން ހަމަލާތައް އަމާޒުވަމުންދާ ނުރައްކާތެރި ސަރަހައްދަކުން ކުރަންޖެހޭ ދަތުރަކަށްވާތީ، ހަނގުރާމަ ހުއްޓުމަކަށް ނާންނަނީސް އެއްގަމު މަގުން ކުޅުންތެރިން ދަތުރުކުރުމަށް ހުއްދަ ނުދޭނެކަމަށް ކޯޗު އާނޯލްޑް ވަނީ އިރާގުގެ އެފްއޭއަށް އަންގާފައެވެ. ދަތުރުފަތުރުގެ ދަތިތަކުގެ އިތުރުން، އެމެރިކާގެ ހިއުސްޓަންގައި ބޭއްވުމަށް ރާވާފައިވާ ޓްރެއިނިންގ ކޭމްޕަށާއި މެކްސިކޯއަށް އެތެރެވުމަށް ބޭނުންވާ ވިސާ ވެސް ޓީމުގެ ގިނަ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަދި ލިބިފައެއް ނުވެއެވެ. މި ހަފުތާގެ ތެރޭގައި މެޗު ފަސްކުރުމާމެދު ފީފާއިން އަވަސް ގޮތެއް ނިންމައިދިނުމަށް އިރާގުން ދަނީ ބާރުއަޅަމުންނެވެ. ހަ ޓީމު ވާދަކުރާ އިންޓަކޮންޓިނެންޓަލް ޕްލޭއޮފްގެ ފައިނަލުން އިރާގު ވަނީ ޖާގަ ހޯދާފައެވެ. މީގެ އިތުރުން، ހަނގުރާމައިގެ ސަބަބުން އީރާނުން ވޯލްޑް ކަޕްގައި ވާދަނުކުރަން ނިންމައިފިނަމަ، އޭޝިއާ ބައްރުން ދެން އެންމެ ފުރުސަތު ބޮޑީ އިރާގަށެވެ. އެއީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ ކޮލިފައިން މުބާރާތުގެ ނަތީޖާއަށް ބަލާއިރު ދެން އެންމެ ރަނގަޅު ރޭންކިންގއެއްގައި އޮތީ އިރާގު ކަމަށްވާތީއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ