އީރާނަށް ދޭ ހަމަލާތަކާއި ދިވެހި އިގުތިސާދަށް ކުރާނެ އަސަރު

މިދިއަ 28 ފެބްރުއަރީގައި އީރާނަށް ދޭން ފެށި ހަމަލާތަކަށް 10 ދުވަސް ވެގެން ދާއިރު، އެ ހަމަލާތަކުގައި އީރާނުގެ ސުޕްރީމް މާލީޑަރު ޝަހީދުކޮށްލުމުގެ އިތުރުން، އީރާނުގެ އިންފްރާސްޓަރަކްޗަރަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަަނީ ދީފަ އެވެ. ދަނޑިވަޅުގެ ބޭނުންކޮށްގެން އިޒްރޭލުން ލުބްނާނަށާއި އަރަބި ޖަމާއަތްތަކަށް ދަނީ ހަމާލާދެމުންނެވެ. ރައްދުގައި ބަހުރައިން، ސައޫދީ އަދި އަބޫދާބީގެ އެމެރިކާގެ ބޭސްތަކާއި ބައެއް ވަސީލަތްތަކަށް އީރާނުން ދަނީ ހަމަލާ ދެމުންނެވެ.
މި ހަމަލާތަކުގެ ސަބަބުން ދުނިިޔޭގެ ސްޓޮކް މާކެޓަށް އަސަރުކޮށް، 70 ޑޮލަރުގައި ޓްރޭޑް ކުރަމުންދިޔަ ތެލުގެ އަގު މިހާރު ވަނީ ފިޔުޗާސް ޓްރޭޑިންގައި ފީފާއެއް 120 ޑޮލަރަށް އަރައިފަ އެވެ. މައްސަލައިގެ ނާޒުކު ކަމުން ޖީ7 ފައިނޭންސް މިނިސްޓަރުންގެ ކުއްލި ބައްދަލުވުމެއް މިއަދަށް ވަނީ ތާވަލުކޮށްފަ އެވެ.
ބަނަވެ، ވިއްސާރައިގެ ވިލާތަށް ބޯވަމުންދާ މި މަސްރަހާ ބެހޭ ގޮތުން އެސްއެންޑީޕީގެ ވައިސް ޗެޔާ ބުނެފައިވަނީ "މިއީ ނައިޓްމެޔާ ސެނާރިއޯއެއް" ކަމަށެވެ.
އުއްމީދަކީ މައްސަލަ އަވަހަށް ހައްލުވެ، މެދުއިރުމައްޗަށާއި މުޅި ދުނިޔެއަށް ހަމަނޭވާ ލުމުގެ ފުރުސަތު އަވަސްވުމެވެ. ނަމަވެސް މި ހަނގުރާމަ ރާވައި ހިންގަމުންދަނީ، ވިސްނުމާއި އަމަލުން ވެސް 'އެއްމާބަނޑު ދެބެން' ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕާއި އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ. އޭގެ 'ދެބެން' މިހާތަނަށް ކަންތައްތައް ކޮށްފައިވާ ނޭއްގާނީކަމާއި ނާތަހުޒީބީ މިންގަނޑުތަކުގެ ސަބަބުން، ކުރިމަގާ މެދު ހިތްހަމަޖައްސައިލެވޭކަށް ނެތެވެ. އެނެލިސްޓުން ދެކޭ ގޮތުގައި ކޮޅިގަނޑު މިވަނީ ތޫފާނަކަށް ބަދަލުވެފަ އެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ އިގުތިސާދީ ދުވެލި ލަސްވެ، އިންފްލޭޝަންއަށް މަގު ފަހިވާނެ އެވެ.
މި ހަމަލާތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ރާއްޖޭގައި އެފްއެސްއެމްއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ތެލުގެ އަގު 3.62 ރުފިޔާއިން ބޮޑުކޮށްފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ތެލުގެ އަގު އެއްފަހަރާ އެންމެ ބޮޑުކުރި މިންވަރެވެ. ފާހަގަކުރުން މުހިންމު އަނެއް ކަމަކީ، ރާއްޖޭގައި ތެލުގެ އަގުބޮޑުކުރި އިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފީފާއެއް 90 ޑޮލަރަަށް ވެސް ނާރަ އެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 120 ޑޮލަރު ފަހަނައެޅުމުން، ރާއްޖޭގައި ވެސް ތެލުގެ އަގު އިިތުރަށް ބޮޑުވުމަކީ އެކަށީގެންވާ، އަދި އެކަމަށް ތައްޔާރުވާން ޖެހޭ ކަމެކެވެ.
ތެލުގެ އަގު އުފުލޭއިރު، ޖުމްލަކޮށް މުޅި ދުނިޔޭގައި ވެސް އުފެއްދުންތެރިކަމުގެ އަގު ބޮޑުވާނެ އެވެ. ރާއްޖެެއަކީ ހުރިހާ އެއްޗެއްމެ އިމްޕޯޓްކުރާ ގައުމެއްކަމުން، ތެލުގެ އަގާ އެކު ބާޒާރުގައި ލިބެން ހުރި ހުރިހާ އެއްޗެއްގެ އަގު އުފުލި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަގު ބޮޑުވާނެ އެވެ.
މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ އުފެއްދުންތެރިކަމުގެ އަގު، 'ކޮސްޓް އޮފް ގުޑްސް' އުފުލޭނެ އެވެ. މިގޮތުން އަޅުގަނޑުމެންގެ އަގުތައް އުފުލޭއިރު، ބޭރު ބާޒާރުތަކަށް ވިއްކެން ހުރި އަގުތައް، ހާއްސަކޮށް ކުރުމުއްދަތުގައި އުފުލޭނެ ކަމަކަށް ނުބެލެވެ އެވެ. ޑިމާންޑް ޑްރިވަން ޕްރެޝާއެއް ނެތް ހާލަތުގައި، ދިވެހި އުފެއްދުންތައް، ބޭރު ބާޒާރުތަކުގައި ވިއްކުން އުނދަގޫވެ، މާޖިން ދަށްވާނެ އެވެ. މި ހާލަތުގައި ދިވެހި އެކްސްޕޯޓުގެ ކުރިމަގު ބަނަވާނެ އެވެ.
ރާއްޖޭގެ އިގުތިސާދު ފަރުމާ ކުރެވިފައިވަނީ ފަތުރުވެރިކަމަށް ބަރޯސާވެގެން ކަމަށް ވާހިނދު، ދުނިޔޭގެ އިގުތިސާދީ އުދަރެސް ބަނަވެ، އިންފްލޭޝަނަށް މަގު ފަހިވުމުން، އާންމު ގޮތެއްގައި ޗުއްޓީ ދަތުރުތަކަށް ބޮޑެތި ހަރަދު ކުރުމަށް އެންމެންމެ ފަސްޖެހޭނެ އެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ދުވެލީގެ އިސްޕީޑު ދަށްވެއްޖެ ނަމަ، ޖުމަލްކޮށް މުޅި ދިވެހި އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެ އެވެ. ކައިރި ކުރިމަގުގައި ހަނގުރާމައިގެ މައިދާން ސާފުކޮށް، ލަޝްކަރުތައް އަނބުރާ ނުގެންދެވެނީ ނަމަ، މާހިރުން ލަފާކުރާ ނައިޓްމެޔާ ސެނާރިއޯ އޮތީ ދާދި ގާތުގަ އެވެ.
މިފަދަ ހާލަތެއް ކުރިމަތި ނުވުމަށް އެދި އަތް އުފުލާ ހާލަތުގައި ވެސް، އެފަދަ ހާލަތަކަށް ތައްޔާރުވުމަކީ މަޖުބޫރު ކަމަކަށް ނޫނީ ނުވާނެ އެވެ.
މިފަދަ ތައްޔާރުތައް ވުމަކީ ހަމައެކަނި ސަރުކާރުތަކަށް އޮތް ޒިންމާއެއް، މައްސޫލިއްޔަތެއް ވެސް ނޫނެވެ. ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި، އާއިލާތަކާއި ދޭދޭ ފަރުދުން ވެސް މި ހާލަތާ މެދު ވިސްނައި، ކަމަރު ބާރު ކުރެވޭނޭ ގޮތްތަކާ މެދު، މިއަދު ވިސްނަން ފެށުމަކީ މަޖްބޫރު ކަމެއް ކަމަށް ގަބޫލުކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ