ރާއްޖެއިން ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކާއި، ބައެއް ބޭސް ނުލިބޭ މައްސަލައިގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އާސަންދަ ކުންފުނީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވައިފި އެވެ.
މި މައްސަލަ ބައްލަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އިއްޔެ ފޮނުއްވި ސިޓީގައި މުހައްމަދު އިބްރާހިމް ވިދާޅުވެފައިވަނީ، މިދިޔަ އަހަރުން ފެށިގެން، ޑޮކްޓަރުން ލިޔެދެއްވާ ބޭސް ސިޓީއަށް އަމިއްލަ ފާމަސީތަކުން އަދި އާސަންދައިގެ ދަށުން ބޭސް ނުލިބުމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ބޭސްތައް އެސްޓީއޯއިން ގަންނަން ވެސް ނުލިބޭ މައްސަލަ އާންމުން ކެނޑިނޭޅި ފާހަގަކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެން އެންމެ ކަންބޮޑުވާ ކަމަކަށް މިވަނީ ބައެއް ބާވަތުގެ ބޭސް އެއްގޮތަކަށް ވެސް ރާއްޖޭން ނުލިބޭ މައްސަލަ،" މުހައްމަދު އިބްރާހިމްގެ ސިޓީގައިވެ އެވެ.
މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކަށްކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ހާއްސަކޮށް ހަކުރު ބަލި، ކެންސަރު އަދި ލޭގެ ޕްރެޝަރު ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރުވާންޖެހޭ ބޭސްތަކަށް ވީނަމަވެސް، ޑޮކްޓަރުން ލިޔެދޭ ޑޯސޭޖު ހަމައަށް ނުލިބުމުގެ މައްސަލަ މިހާރު އާންމުވެފައިވާކަމަށް މެންބަރު ވިދާޅުވިއެވެ.
ބޭސް ލިބުމުގެ ދަތިކަމަކީ ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި މިހާ ދަތިކޮށް ހިނގާފައިވާ ކަމެއް ނޫންކަން ފާހަގަކުރައްވައި، މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ އާލަމީ ވަބާގެ ދަތި ވަގުތުތަކުގައި ވެސް ރާއްޖެއިން ބޭސް ލިބުން މިހާ ދަތިވެފައި ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އެކި ފަހަރު މަތިން މި މައްސަލަތައް ހުށަހެޅި ނަމަވެސް، އެކަށީގެންވާ ހައްލެއް ލިބިފައި ނުވާތީ އާއި، ސިއްހީ އަސާސީ ހިދުމަތަކަށް މިފަދަ ލޮޅުންތަކެއް އަރައިގެން އުޅޭ ސަބަބު ދެނެގަނެ، އަވަސް ފިޔަވަޅުތަކެއް އެޅުމަށްޓަކައި އެސްޓީއޯ އާއި އާސަންދައިގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ވެސް، ބޭސް ނުލިބޭ މައްސަލައިގައި ރައްޔިތުން ޝަކުވާކޮށްފައިވެ އެވެ.
ބޭސް ލިބުމުގެ މައްސަލަތައް ކުރިމަތިވެފައި އޮއްވައި، މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް، ފެބްރުއަރީ މަހު އިއްވަމުން މުއިއްޒު ވިދާޅުވީ އާސަންދަ ހަރުދަނާކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެ ގޮތުން ބޭހުގެ ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެންނަން ފަށާފައިވާ ކަމަށެވެ. ނަމަވެސް ބޭސް ލިބުމަށް އިންތިހާ އަށް ވަނީ ދަތިވެފަ އެވެ.
ބޭސް ނުލިބޭ މައްސަލަ: އެސްޓީއޯ އާއި އާސަންދައިގެ ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި ބޭސް ނުލިބޭ މައްސަލަ: އެސްޓީއޯ އާއި އާސަންދައިގެ ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ