ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)، ވަރަށް އަވަހަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މެޗުތަކުން ފެންނާނެ ކަމަށް އެ ކްލަބްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ދަގަނޑޭ، 39، ވަނީ މީގެ ކުރިން، ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ، އެ ކްލަބާ އެކު، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އަދި، މި އަހަރު އަލުން ނިއު އަށް ގުޅުމަށް ފަހު، އަނިޔާ އިން ރިކަވާވަމުން އަންނާތީވެ، ސާޖަރީތަކެއް ކުރަން ޖެހި، އަދި މެޗެއް ކުޅެވޭ ގޮތެއްނުވެ އެވެ. އެކަމަކު، ނިއުއާ އެކު، މި މަހު ޕްރެކްޓިހުގައި އަލުން ބައިވެރިވާން ފަށައި، ދަގަނޑޭ އަންނަނީ މެޗުތަކުގައި ކުޅެވޭ ވަރަށް ފިޓްނަސް ރަނގަޅު ކުރަން މަސައްކަތް ކުރަމުންނެވެ.
"ސާޖަރީ އަށް ފަހު ރިކަވާވަމުން އެ އަންނަނީ، އަދި ބޯޅައާ އެކު ޕްރެކްޓިސް ނުފަށާ، އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން މި ބަލަނީ ޖެނުއަރީ މަހު އަޅުގަނޑުމެން ކުޅޭ ފުރަތަމަ މެޗުގައި، އޮޑިއާ އަޅުގަނޑުމެން އޮތީ، އެ މެޗުގައި، އިރާދަކުރެއްވިއްޔާ، އަޝްފާގުގެ ކޮންމެ ވެސް ވަރެއްގެ ފެނިލުމެއް، އަޅުގަނޑުމެން ވެސް ބޭނުން އަޝްފާގު މިހާރު ނިއު ރޭޑިއަންޓް ޖޯޒީގައި އަނެއްކާ ވެސް އަރައި ކުޅެލާތަން ބަލާލަން،" މެންދުރު ޓީވީ އަށް ދިން އިންޓަވިއުއެއްގައި ސުޒޭން ބުންޏެވެ.
ނިއު އިން ލީގުގައި މި ހަފްތާގައި ކުޅޭ މެޗުގައި، ހޮނިހިރު ދުވަހުގެރޭ ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ އެވެ. އަދި، އެ އަށް ފަހު، ދެން އެންމެ އަވަހަށް ލީގުގައި އެ ޓީމަށް އޮތް މެޗަކީ، ޖެނުއަރީ ހަ ވަނަ ދުވަހު އޮޑި ސްޕޯޓްސް ކްލަބާ ކުޅޭ މެޗެވެ.
ދަގަނޑޭގެ ކަކުލަށް އެންމެ ފަަހުން އަނިޔާވީ، 2023 ވަނަ އަހަރުގެ ކުރީކޮޅުގައި ޕްރެޒިޑެންޓްސް ކަޕްގައި ކްލަބް އީގަލްސްއާ ދެކޮޅަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ކުޅުނު މެޗުގަ އެވެ.
ދަގަނޑޭ ވަނީ އެ އަނިޔާ އިން ރަނގަޅުވުމަށް މިދިޔަ އަހަރު ކަކުލުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އަދި، މިދިޔަ އޮކްޓޫބަރު މަހު ކަކުލުގެ މެނިސްކަސް އޮޕަރޭޝަނެއް ވެސް ކޮށްފައިވެ އެެވެ.
ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ، ދަގަނޑޭ ވަނީ، އެ ކްލަބާ އެކު، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި ދަގަނޑޭ، އެންމެ ފުރަތަމަ، ނިއު އަށް ކުޅުނީ 2006-2007 ގަ އެވެ. އޭގެ ފަހުން، ދެ ވަނަ ފަހަރަށް، 2012-2013 އަށް ނިއުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އަދި އެންމެ ފަހުން، ނިއު ޖޯޒީގައި ދަގަނޑޭ ފެނުނީ، 2017-2018 ގަ އެވެ.
ދިވެހި ޕްރިމިއާ ލީގުގައި ނިއު އޮތީ ހަތަރު ވަނައިގަ އެވެ. އެއީ، ތިން ވަނައިގައި އޮތް ބުރުއާ އެއްވަރަށް 11 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ.
ދަގަނޑޭ، ނިއުގެ މެޗުތަކުގައި ވަރަށް އަވަހަށް ފެންނާނެ: ސުޒޭން ދަގަނޑޭ، ނިއުގެ މެޗުތަކުގައި ވަރަށް އަވަހަށް ފެންނާނެ: ސުޒޭން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ