އެމްބިއުލާންސަށް ޖާގަނުދިން ޑްރައިވަރުގެ 750 ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި

ސައިރަން އަޅަމުން ދިޔަ އެންބިއުލާންސަކަށް ޖާގަނުދީ، މަގު ބްލޮކްކޮށްގެން މުދާ ބޭލި މައްސަލައިގައި ޕިކަޕު ދުއްވި ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ވަންވޭ ނުވަތަ އެއްކޮޅަށް ދުއްވާ މަގެއްގައި ސައިރަން އަޅަމުންދިޔަ އެމްބިއުލާންސެއް އޮއްވައި، އޭގެ ކުރީގައި ކުޑަ ޕިކަޕެއް، މަގު ބްލޮކްވާހެން އޮތެވެ. އަދި އެވަގުތު ޕިކަޕުން މުދާ ހުސްކުރާ މަންޒަރު ފެނެއެވެ. އޭރު އެ ޕިކަޕުގެ ފަހަތުގައިވާ ބޮޑެތި އުޅަނދުތައް ބަރުގޮނު އަޅާއަޑު އިވެއެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ މަގު ބްލޮކްކޮށްފައި އޮތް ޕިކަޕުން މުދާ ބާލާ މަންޒަރު ފެނެއެވެ. އަދި މުދާތައް ބާލައި ނިމުމުން، ޕިކަޕު ދުއްވަން އިން މީހާ ވީޑިއޯކުރަންހުރި މީހާއާ ދިމާލަށް ކޮންމެވެސް އެއްޗެއް ބުނާ އަޑުވެސް އިވެއެވެ. ނަމަވެސް އެމްބިއުލާންސްގެ ސައިރަންގެ އަޑާއެކު ކިޔަނީ ކީކޭ ކަމެއް ސާފެއް ނުވެއެވެ. މި ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ފުލުހުން ބުނީ، ޕިކަޕު ދުއްވި ޑްވައިވަރުގެ ލައިސަންސް ހިފަހައްޓައި، ގަވައިދުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެއީ 750 ރުފިޔާއިންނެވެ. https://sun.mv/218234 މި މައްސަލަ ބަލަމުން އަންނަ ކަމަށާއި ފިޔަވަޅު އަޅަން ޖެހޭނަމަ، އެ ކަން ކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ. ކާރުބާރު ބޮޑު މާލޭގެ ކުދިކުދި މަގުތަކުގައި، މަގުތައް ބްލޮކްކޮށްގެން ފިހާރަ ފިހާރައަށް މުދާބޭލުމަކީ އާންމުވެފައިވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ