އެކި އީ-ކޮމާސް ވެބްސައިޓްތަކުން ފައިސާގެ މުއާމަލާތްތައް ކުރާއިރު ބޭންކުން ކަސްޓަމަރުންނަށް ނާނގާ ވަރަށް ބޮޑު ޗާޖެއް ނަގާ ކަމުގެ ތުހުމަތުތައް ވަނީ ބޮޑުވެފަ އެވެ. މިކަމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާއި ހަގީގަތަކީ ކޮބައި ހެއްވެ؟
ހަގީގަތް: އޮންލައިން ސައިޓަކުން ފްލައިޓް ޓިކެޓެއް ގަންނައިރު ވެބްސައިޓުން ފެންނަނީ 325 ޑޮލަރު. އެހިސާބުން ގިނަ މީހުން ހީކުރަނީ 320 × 15.42 ރޭޓުން އެއީ 5011 ރުފިޔާ ކަމަށް. ނަމަވެސް، ފަހުން ބޭންކް ސްޓޭޓްމަންޓަށް ބަލާލާއިރު، ބީއެމްއެލްއިން ކަނޑާފައިވަނީ 5,210 ރުފިޔާ. މިއީ އަންދާޒާކުރި ވަރަށް ވުރެ ގާތްގަނޑަކަށް %4 އިތުރު އަދަދެއް. މިއީ ފޮރުވިފައިވާ ނުވަތަ ބީއެމްއެލްއިން އޮޅުވާލައިގެން ނަގާ އިތުރު ފީއެއް ހެއްޔެވެ؟
ނޫނެކެވެ. މިއީ ހަމަ އީކޮމާސް ސައިޓްތަކުން ކާޑުން މުއާމަލާތްކުރާއިރު ކޮންމެ ބޭންކަކުންވެސް ނަގާ ފީއެކެވެ. ބޭންކުން މި ފީ ނަގަނީ އެކްސްޗޭންޖް ރޭޓްގެ އިތުރުން ކާޑު ދޫކުރާ ބޭންކުން ނަގާ ފީ ގޮތުގައި އިންސައްތައެއް އިތުރުކޮށްގެންނެވެ. މީ އެއް ގައުމުން އަނެއް ގައުމަށް، އެއް ފައިސާ އަކުން އަނެއް ފައިސާ ބަދަލުކުރުމަށް ހޭދަވާ އަގު ނުވަތަ ފީ. މުޅި ދުނިޔޭގެ ޕޭމަންޓް ނިޒާމު ނުވަތަ އޮނިގަނޑު ހިނގަނީ މިގޮތަށެވެ. ރާއްޖޭގައި އީކޮމާސް ވެބްސައިޓްތަކުން މުއާމަލާތްކުރަން ފެށީއްސުރެ، ރުފިޔާ ކާޑުން ކުރާ މުއާމަލާތްތަކަށް ބެންކުން މި ފީ ނަގައެވެ.
ހަގީގަތް: އެއްވެސް ބޭންކަކަށް ނުވަތަ ކާޑު ނެޓްވޯކަކަށް، ވަކި ފީއެއް ނެގުމަކާ ނުލައި ބޯޑަރު ހުރަސްކޮށް އީ-ކޮމާސް މުއާމަލާތްތައް ހިންގުމަކީ މާލީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން ކުރެވޭނެ ކަމެއް ނޫން. މިސާލަކަށް، ޓިކެޓް ގަންނަ ވެބްސައިޓަކީ ސައްހަ ތަނެއްކަން ކަށަވަރުކުރުމާއި، ކަސްޓަމަރު ފޮނުވާ ފައިސާ އެކި މަރުހަލާތަކުން ދަތުރުކުރުވުމާއި، އެމެރިކާ ޑޮލަރުން މުއާމަލާތް ނިންމުމާއި، މަކަރާއި ހީލަތް ހުއްޓުވުމާއި، އަދި ފައިސާގެ އަގަށް އަންނަ ބަދަލުތައް މެނޭޖްކުރުމަށް ބޭނުންވާ އޮނިގަނޑަކީ ހިލޭ ގާއިމްކޮށް ބެލެހެއްޓޭނެ އެއްޗެއް ނޫނެވެ.
ބޭރުގެ ވެބްސައިޓެއްގައި "ޕޭ ނައު"އަށް ފިއްތާލުމުން، އެކައުންޓްގައި ހުންނަ ދިވެހި ރުފިޔާ ދަތުރުކުރަނީ ބައިނަލްއަގުވާމީ މާލީ ނިޒާމެއްގެ ތެރެއިންނެވެ. މި ނިޒާމުގައި ބައިވެރިވާ ކޮންމެ ފަރާތަކުން ފީއެއް ނަގައެވެ. އެގޮތުން:
ކާޑު ދޫކުރި ބޭންކް – ބީއެމްއެލް
ފްލައިޓް ޓިކެޓް ގަންނަ ފަރާތުގެ ބޭންކް
ކާޑު ނެޓްވޯކް – އެމެކްސް،ވިސާ، މާސްޓަކާޑް ނުވަތަ އެފަދަ އެހެން ނެޓްވޯކެއް
ވިޔަފާރިވެރިޔާގެ ބޭންކަކީ ރާއްޖެއިން ބޭރުގެ ބޭންކަކަށްވުމުން، އެ މުއާމަލާތް ބައިނަލްއަގުވާމީ ބޯޑަރު ހުރަސްކުރަންޖެހެއެވެ. އެހެންކަމުން ދިވެހިރުފިޔާ ޑޮލަރަށް ބަދަލުވެއެވެ. ދެން އެއަށްފަހު އެ ޑޮލަރު އެ ގައުމެއްގެ ރަސްމީ ފައިސާ އަށް ބަދަލުވެއެވެ. ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި، ބޯޑަރު ހުރަސްކޮށް ކުރާ މުއާމަލާތްތަކުގެ ފީ އާންމުކޮށް ކަސްޓަމަރުންގެ އަތުން ނަގަނީ 10 އިންސައްތައާ ހަމައަށެވެ. އަދި މީގެ އިތުރުން ކާޑު ދޫކުރާ ބެންކުތަކުން އިތުރު ފީއެއް ނެގުމުގެ އިހުތިޔާރުވެސް އޮވެއެވެ. މިގޮތަށް ކާޑު ދޫކުރާ ބޭންކުން ނަގާ ފީ އަށް ކިޔާ ނަމަކީ އޮޕްޝަނަލް އިޝުއާ ފީ (އޯއައިއެފް) އެވެ. ކާޑުން ކްރޮސް ބޯޑަރު ހިދުމަތް ދޭ ރާއްޖޭގެ ހުރިހާ ބޭންކަކުވެސް މި ފީ ނަގައެވެ.
ހަގީގަތް: ނޫނެކެވެ. ދުނިޔޭގެ ހުރިހާ ބެންކަކުންވެސް މި ފީ ނަގައެވެ. ކުރިން ބުނިހެން ކްރޮސް ބޯޑަރ ފީގެ އިތުރުން އޯއައިއެފް ވެސް ނެގުމުގެ އިހުތިޔާރު ކާޑު ދޫކުރާ ބެންކަށް އޮވެއެވެ. ބީއެމްއެލްގެ ރަސްމީ 'ޝެޑިއުލް އޮފް ޗާޖަސް' ގައިވާ ގޮތުން، ދިވެހި ރުފިޔާ އެކައުންޓްތަކާ ގުޅިފައިވާ ޑެބިޓް ކާޑުތަކުން ބޯޑަރު ހުރަސްކޮށް ކުރާ މުއާމަލާތްތަކުން 30 އިންސައްތައާ ހަމައަށް ފީއެއް ނެގިދާނެއެވެ. އެހެން ނަމަވެސް މި 30 އިންސައްތައިގެ ފީ ނަގަނީ ވަކި ހަ ސައިޓަކުން ކުރާ މުއާމަލާތްތަކަށް އެކަންޏެވެ.
މިއީ ހާއްސަކޮށް އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑުތައް ވިޔަފާރީގެ ބޭނުމަށް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަމަށް ފާހަގަކޮށް، މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ނަގަން ފެށި ފީއެކެވެ. އެކަމަކު ކްރެޑިޓް ކާޑުންނާއި ޑޮލަރު ޑެބިޓް ކާޑުން ފީއެއް ނުނަގާނެއެވެ.
އެ ހަ ސައިޓަކީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. މި ސައިޓްތަކުން ވިޔަފާރި ބޭނުމަށް ދިވެހި ރުފިޔާ ކާޑު ބޭނުންކޮށްގެން، ޓެކްސް ނުދައްކާ އެތައް މިލިއަން ޑޮލަރެއްގެ މުދާ ރާއްޖެ އެތެރެ ކުރާކަމީ އެންމެންނަށް ވެސް އެނގޭ ހަގީގަތެކެވެ.
ބޭންކުން އޭރު ބުނެފައިވަނީ ބީއެމްއެލްގެ ކާޑުތަކުން ކުރާ ބޭރު ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު ހޭދަކުރާ ކަމަށެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 11 މިލިއަން ޑޮލަރުގެ ބޮޑު އަދަދެއް މި ސައިޓްތަކަށް ދިވެހިން ހޭދަކުރެއެވެ. ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، މި ފީ ތައާރަފުކުރީ ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދިނުމަށާއި، އާންމު ކަސްޓަމަރުންގެ އެކައުންޓްތައް ވިޔަފާރީގެ ބޭނުމަށް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށެވެ.
މީގެ އިތުރުން ކުރާ އެހެނިހެން ބައިނަލްއަގުވާމީ މުއާމަލާތްތަކަށް މިސާލަކަށް ހޮޓެލް ބުކިން، އެއާލައިން ޓިކެޓް، ހޮސްޕިޓަލް އަދި ތައުލީމީ އިދާރާތަކާއި އޮންލައިން ސަބްސްކްރިޕްޝަންތަކަށް ފީ ނަގަނީ %5 އަށްވުރެ ދަށުންނެވެ. އެހެން މުއާމަލާތްތަކަށް ބަލާއިރު ހުންނަނީ އާންމު މިންގަނޑު ކަމަށްވާ 10%އާ ހަމައަށެވެ.
އަމިއްލަ ގައުމުގެ ފައިސާ ހުންނަ ކާޑަކުން، ބޭރުގެ ވެބްސައިޓަކުން (މިސާލަކަށް: އެމެޒޯން، އަލީއެކްސްޕްރެސް) އެއްޗެއް ގަންނައިރު ބޭންކުތަކުން މި ފީ ނަގާ ސަބަބުތަކަކީ:
ފައިސާ ބަދަލުކުރުން ނުވަތަ ކަރަންސީ ކޮންވާޝަން: ކަސްޓަމަރުގެ އެކައުންޓުގައި ހުރި ފައިސާ، މުދާ ވިއްކާ ފަރާތުން ބޭނުންވާ ފައިސާއަށް ބަދަލުކުރުމަށް ހިނގާ ހަރަދު.
ކާޑު ނެޓްވޯކް ފީ: ވިސާ ނުވަތަ މާސްޓަރކާޑް ފަދަ ނެޓްވޯކްތަކުން ބައިނަލްއަގުވާމީ މުއާމަލާތްތައް ފުރިހަމަކޮށްދިނުމަށް ބޭންކުގެ އަތުން ނަގާ ފީ (އާންމުކޮށް %1)
އިދާރީ ހަރަދުތައް: ބޭރު ފައިސާގެ އަގަށް އަންނަ ބަދަލުތަކުން ބޭންކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށާއި، މި ޚިދުމަތް ދިނުމަށް ބޭންކުން ކުރަންޖެހޭ އިދާރީ މަސައްކަތްތަކަށް.
ބައެއް ބޭންކުތަކުން ދޫކުރާ "ޕްރީމިއަމް" ނުވަތަ "ޓްރެވަލް" ކާޑުތަކުން މި ފީ ނުނަގާ ހުރެދާނެއެވެ. ނަމަވެސް، އާންމުކޮށް ބޭނުންކުރާ ގިނަ ކާޑުތަކުން މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ބޭންކުތަކުން އަމަލުކުރަމުންދާ އާންމު އުސޫލެކެވެ.
ފީ ނަގާ ހާލަތްތައް ދެނެގަތުން: 30 އިންސައްތައިގެ ފީ ނަގަނީ ލިސްޓުކޮށްފައިވާ ހަ ސައިޓުން ކުރާ މުއާމަލާތްތަކުން އެކަންޏެވެ. އާންމު ދަތުރުފަތުރާއި ސަބްސްކްރިޕްޝަންތަކަށް، ކެނޑޭނީ ގާތްގަނޑަކަށް 5 އިންސައްތައަށްވުރެ ކުޑަ ނިސްބަތެކެވެ.
މާލީ ނިޒާމުގެ ހަގީގަތް ގަބޫލުކުރުން: ދުނިޔޭގެ އެއްވެސް ބޭންކަކަށް މި ފީތަކާ ނުލައި ޚިދުމަތެއް ނުދެވޭނެއެވެ. ބައިނަލްއަގުވާމީ ކޮންމެ މުއާމަލާތަކީ، އެތައް އަހަރެއް ވަންދެން މި ދާއިރާގައި އަމަލުކުރަމުން އަންނަ އުސޫލުތަކުގެ ތެރެއިން ނަގާ ފީއެކެވެ. އަދި އެއީ މާލީ ހަރަދުތަކެއް ހިނގާ ކަމެކެވެ.
މާލީ ނިޒާމުގެ ހަގީގަތް: އިންޓަނެޓަކީ ބޯޑަރެއް ނެތް އެއްޗަކަށް ވިޔަސް، މާލީ ނިޒާމަކީ އެފަދަ އެއްޗެއް ނޫނެވެ. ޑޮލަރަކަށް ނިސްބަތުން 16 ރުފިޔާ ކެނޑުމަކީ ސިއްރުވެރި ރޭވުމެއް ނޫނެވެ. އެއީ ފައިސާގެ އަގަށް އަންނަ ބަދަލުގެ ނުރައްކަލާއި، ނެޓްވޯކް ފީތަކާއި، ބޭންކްގެ އޯއައިއެފް ހިމެނިގެން އަންނަ ޖުމްލަ އަދަދެވެ. ދެން ފަހަރަކުން ބޭރު ފައިސާގެ އަގު ފެންނަ އިރު ހަނދާންކުރާށެވެ، ތިޔަ ހިސާބުކުރާ އަދަދަކީ މުއާމަލާތް ހަމައެކަނި ފަށާ އަގެވެ.
އަސްލު ވާގޮތް: ބޭރުގެ ސައިޓުތަކުން ވިޔަފާރިކުރަން ބީއެމްއެލްއިން ނަގަނީ ސިއްރު ފީ އެއްތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ