ލިޓަން މަރާލި ނިޒާމްގެ މައްޗަށް އުމުރު ދުވަހުގެ ހުކުމެއް
ވިލިމާލޭން ފުރި، "ހެދޭ ކުރި" ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން މަރާލި މައްސަލައިގައި ކުށް ސާބިތުވި، މުހައްމަދު ނިޒާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ދެހާސް ބާވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހު ވިލިމާލޭން ފުރި "ހެދޭ ކުރި" ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން މަރާލީ އޭނާއަށް ނޭނގި މޫދަށް ކޮށްޕައި ވައްޓައިލައިގެންކަން ފުލުހުންގެ ތަހުގީގުން އޮތީ ހާމަވެފައެވެ. އެ މައްސަލައިގައި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ދައުލަތުން ކުރީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި އިތުރު ދެ ދައުވާއެކެވެ. ލިޓަންގެ މަރުގެ މައްސަލައިގައި ނިޒާމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އެއްވެސް ޝައްކެއް ނެތް މިންގަނޑަށް ސާބިތުނުވި ނަމަވެސް އިންސާނެއްގެ ފުރާނައަށް ފަރުވާލެއް ނެތި ކުރި ކަމަކުން މީހަކު މަރުވުމުގެ ދައުވާ ގާނޫނުލްއުގޫބާތުގެ ދަށުން ސާބިތުވާ ކަމަށް ކޯޓުން އޮތީ މިދިޔަ ހަފުތާގައި ނިންމާފައެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން ނިޒާމް 25 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަން ޖެހޭނީ 21 އަހަރާއި 10 މަހުގެ މުއްދަތެކެވެ. https://sun.mv/220584 މި މައްސަލައިގައި އުފުލި މަރުގެ ދައުވާއަކީ، ރާއްޖޭގައި ގެއްލިފައިވާ މީހެއްގެ މައްސަލައިގައި މަރުގެ ދައުވާ ކުރި ފުރަތަމަ ފަހަރެވެ. ނިޒާމުގެ މައްޗަށް ދެން އުފުލައިފައިވާ އަނެއް ދެ ދައުވާއަކީ ވައްކަންކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިންއިން މުޢާމަލާތުކުރުމުގެ ކުށުގެ ދައުވާއެވެ. ޑައިމޯފިންއިން މުއާމަލާތް ކުރުމުގެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް ކުރިން އޮތީ ޖަލު ހުކުމެއް ވެސް އިއްވައިފައެވެ. ވައްކަމުގެ މައްސަލަވެސް ސާބިތުވިއެވެ. މަރުގެ މައްސަލައިގެ ހުކުމުގައި، ލިޓަން ވައްޓާލި ސަރަހައްދުގެ ގޮތުން އޭނާ ސަލާމަތްވުމުގެ ފުރުސަތު ކުޑަކަން ފަނޑިޔާރުވަނީ ފާހަގަކުރައްވާފައެވެ. އަދި ލިޓަންއާ މެދު ނިޒާމްގެ އަދާވާތްތެރިކަން އޮތްކަން ސާބިތުވާ ކަމަށާއި ނިޒާމްގެ ތަހުގީގު ބަޔާނުގައި ލިޓަން މޫދަށް ވައްޓާލި ކަމަށް އެއްބަސްވިކަންވެސް ހުކުމުގައި ފަނޑިޔާރުވަނީ ފާހަގަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ