ގޯވިންދާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ފިލްމީ ތަރިއަކާ ނޫން ކަމަށް ސުނީތާ ބުނެފި

އިންޑިއާގެ ކުރީގެ އެކްޓަރު ގޯވިންދާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މީހަކާ ނޫން ކަމަށް އެކްޓަރުގެ އަންހެނުން ސުނީތާ ބުނެފިއެވެ. ދާދިފަހުން އީޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ގޯވިންދާގެ އަންހެނުން ސުނީތާ ވަނީ 2025ވަނަ އަހަރަށް އަލްވަދާޢު ކިޔުމަށް ތައްޔާރުވަމުން އަންނައިރު އަހަރުތެރޭ ކުރެވުނު ތަޖުރިބާތަކާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން 2025 ވަނަ އަހަރަކީ އޭނާއަށް ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށާއި އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ފިރިމީހާ ގޯވިންދާއާ ގުޅިގެން މީޑިއާތަކުގައި ދެކެވުނު ވާހަކަތައް ކަމަށް ސުނީތާ ވަނީ ބުނެފައެވެ. ގޯވިންދާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ފިލްމީ ތަރިއަކާ ކަމަށް ބައެއް މީޑިއާތަކުން ބުނަމުން އައި ނަމަވެސް އެއީ ތެދު ވާހަކަތަކެއް ނޫން ކަމަށާއި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބަތަލާއިންނަކީ އެފަދަ އަމަލުތައް ކުރާ ބައެއްކަން ގަބޫލުނުކުރާ ކަމަށް ސުނީތާ ވަނީ ބުނެފައެވެ. ސުނީތާ އާއި ގޯވިންދާ ދެ ކުދިން ހަރްޝްވަރުދަން އަދި ޓީނާއާ އެކު--ފޮޓޯ/އެންޑީޓީވީ ގޯވިންދާ ކައިވެނިން ބޭރުން ގުޅުން ބާއްވާ އަންހެންކުއްޖާ އަކީ ކާކުކަން އެނގޭ ކަމަށާއި އެ ކުއްޖާ ގޯވިންދާއާ ގުޅުން ބާއްވަނީ ފައިސާގެ ބޭނުމުގައި ކަމަށް ސުނީތާ އީޓައިމްސްއަށް ދިން އިންޓަވިއުގައި ވަނީ ބުނެފައެވެ. އާ އަހަރަކާ ކުރިމަތިލާން ތައްޔާރުވަމުން އަންނައިރު ސުނީތާގެ އެދުމަކީ ގޯވިންދާއާ ގުޅޭ ގޮތުން މީޑިއާތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ނިމުން އައުން ކަމަށާއި އެކަން ކުރެވޭނީ ވެސް ޚުދު އެކްޓަރަށް ކަމަށް ސުނީތާ ވަނީ ބުނެފައެވެ. ގޯވިންދާއާ އެކު އަދިވެސް ބޭނުންވަނީ އުފާވެރި ހަޔާތެއް ވޭތުކުރުމަށް ކަމަށް ބުނެ ފިރިމީހާގެ ދިރިއުޅުމުގައި ތިބި ހަމަ އެކަނި މުހިއްމު އަންހެނުންނަކީ ގޯވިންދާގެ މަންމަ އާއި ސުނީތާއާއި ދަރިފުޅު ޓީނާ އަހޫޖާކަން ގޯވިންދާއަށް ވިސްނޭނެ ކަމަށް އުއްމީދުކުރާ ކަމަށް ސުނީތާ ބުނެފައިވެއެވެ. ގޯވިންދާ އާއި ސުނީތާގެ ކައިވެނިކުރީ އެކްޓަރުގެ ފިލްމީ ކެރިއަރުގެ ވަރަށް ކުރީކޮޅުގައެވެ. ދެ މީހުންގެ ކައިވެންޏަށް 38 އަހަރުވެފައިވާއިރު ގޯވިންދާ އާއި ސުނީތާގެ ކައިވެނި ރޫޅާލުމަށް ނިންމާފައިވާ ކަމުގެ އަޑުތަކެއް ވެސް ދޭތެރެދޭތެރެއިން އަރައެވެ. ނަމަވެސް އެފަދަ ވާހަކަތަކަށް ރައްދު ދެމުން ސުނީތާ ބުނެފައި ވަނީ އޭނާއާއި ގޯވިންދާ ދުވަހަކު ވެސް ވަކިނުކުރެވޭނެ ކަމަށާއި އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ