އީރާނާއެކު އެއްބަސްވުމަކަށް ނާދެވި އެމެރިކާގެ ވަފުދު އެނބުރި ގައުމަށް

21 ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކަށް ފަހު، އީރާނާއެކު އެމެރިކާއިން ބާއްވަމުން ދިޔަ ވާހަކަތަކުގައި އެއްވެސް އެއްބަސްވުމަކާ ހަމައަށް އާދެވިފައިނުވާ ކަމުގައި ބުނެ، އެމެރިކާ ވަފުދު އިސްލާމްއާބާދުން ފުރައިފި އެވެ. ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމަ މެދުކަނޑައިލައި، ޕާކިސްތާނުގައި ސުލްޙައިގެ މަޝްވަރާތައް ފަށާފައި ވަނީ އެޕްރީލު 11 ވަނަ ދުވަހު އެވެ.މަޝްވަރާތަކުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ވޭންސް ވިދާޅުވީ، ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުން ހިމެނޭހެން އެމެރިކާއިން ހުށަހެޅި ޝަރުތުތައް ގަބޫލުނުކުރަން އީރާނުން ނިންމާފައިވާ ކަމަށެވެ."ހިތާމަވެރި ހަބަރަކީ އަޅުގަނޑުމެންނަށް އެއްބަސްވުމަކަށް ނާދެވުނުކަން. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އެމެރިކާއަށް ވުރެ ބޮޑަށް އީރާނަށް ލިބުނު ދެރައެއް،" މި މަޝްވަރާގައި އިސްކޮށް އުޅުއްވި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވި އެވެ.ވެންސް މީޑިއާއާ ބައްދަލުކުރެއްވުމުގެ ކުރިން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވަނީ މަޝްވަރާތައް ކާމިޔާބުވުން ބިނާވާނީ އެމެރިކާއިން ހުށަހެޅި ބޮޑެތި އަދި ޣައިރުގާނޫނީ ޝަރުތުތައް ދޫކޮށްލުމުގެ މައްޗަށެވެ."މި ޑިޕްލޮމެޓިކް ޕްރޮސެސްގެ ކާމިޔާބީ ބިނާވެފައިވަނީ އިދިކޮޅު ފަރާތުގެ ސީރިއަސްކަމާއި ހެޔޮ ނިޔަތާއި، މާބޮޑަށް އަދި ގާނޫނާ ހިލާފު ޑިމާންޑްތަކުން ދުރުހެލިވުމާއި، އީރާނުގެ ޝަރުއީ ހައްގުތަކާއި މަސްލަހަތުތައް ގަބޫލުކުރުމުގެ މައްޗަށް." އޭނާ ވިދާޅުވިއެވެ.ބަޣާއީ އިތުރަށް ވިދާޅުވީ މަޝްވަރާތައް މެދުކެނޑުމެއް ނެތި ކުރިއަށް ގޮސްފައިވާއިރު، ދެފަރާތުގެ މެދުގައި މެސެޖްތަކާއި ޑްރާފްޓް ޓެކްސްޓްތައް ބަދަލުކޮށްފައިވާ ކަމަށެވެ.އޭނާ ވިދާޅުވީ މި މަޝްވަރާތަކުގައި ހޮރްމުޒް ކަނޑުއޮޅިއާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ހަނގުރާމައިގެ ބަދަލު ދިނުމާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާއި އީރާނާ ދެކޮޅަށް އަދި މި ސަރަހައްދުގައި ކުރާ ހަނގުރާމަ މުޅިން ނިމުމަކަށް ގެނައުން ހިމެނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ