އެމެރިކާގެ ޕާސްޕޯޓުގައި ޓްރަމްޕްގެ ފޮޓޯ ޖަހަން ނިންމައިފި

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމަށް ނެރޭ ހާއްސަ ޕާސްޕޯޓެއްގައި، ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ހިމަނަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.
ސްޓޭޓް ޑިޕާޓްމަންޓުން އަންގާރަ ދުވަހު އިއުލާންކުރި މި ނިންމުމަކީ، ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކާއި މުއައްސަސާތަކުގައި ޓްރަމްޕްގެ ނަމާއި ސޫރަ ބޭނުންކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އައި، އެމެރިކާގެ ބޯޑަރު ބަލަހައްޓާ އުސޫލުތަކާ މުޅިން ހިލާފު ނިންމުމެކެވެ.
މި "ލިމިޓެޑް އެޑިޝަން" ޕާސްޕޯޓުގެ ނަމޫނާއެއް ސްޓޭޓް ޑިޕާޓްމަންޓުން މިހާރު ވަނީ އާންމުކޮށްފައެވެ. އެމެރިކާގެ މިނިވަންކަމުގެ ބަޔާނުގެ މަތީގައި ޓްރަމްޕްގެ ފޮޓޯއެއް އިންނައިރު، އޭގެ ތިރީގައި އޭނާގެ ސޮއި ޖަހާފައިވަނީ ރަންކުލައިންނެވެ. މީގެ އިތުރުން، އެމެރިކާގެ ބާނީންގެ ތާރީހީ ކުރެހުމެއް ހިމެނޭ ދެވަނަ އެޑިޝަނެއް ވެސް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ބުނީ، ޖުލައި މަހު ފާހަގަކުރާ އެމެރިކާގެ 250 ވަނަ މިނިވަން ދުވަހާ ގުޅިގެން މި ހާއްސަ ޕާސްޕޯޓުތައް ދޫކުރަން ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް، މި ޕާސްޕޯޓު ލިބޭނީ ހަމައެކަނި ވޮޝިންޓަންގައި ހުންނަ އޮފީހަށް އަމިއްލައަށް ހާޒިރުވެގެން ޕާސްޕޯޓު ހަދާ މީހުންނަށް އެކަނި ކަމަށް އޮފިޝަލުން ބުނެއެވެ.
މި ނިންމުމާ ގުޅިގެން އިދިކޮޅު ޑިމޮކްރެޓުން ވަނީ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޑިމޮކްރެޓުން ތުހުމަތުކުރާ ގޮތުގައި މިއީ ޓެކްސް ދައްކާ މީހުންގެ ފައިސާ ބޭނުންކޮށްގެން ޓްރަމްޕްގެ އަމިއްލަ އެދުން އިސްކުރުމަށް ހިންގާ ހަރަކާތެކެވެ.
ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތް ފަހުން، ސަރުކާރުގެ އެކި ދާއިރާތަކުގައި އޭނާގެ ނަން ބޭނުންކުރުން ވަނީ އިތުރުވެފައެވެ. އެގޮތުން، ކުރިއަށް އޮތް ތަނުގައި އެމެރިކާގެ ޑޮލަރު ނޫޓުތަކުގައި ވެސް ޓްރަމްޕްގެ ސޮއި ފެންނާނެ ކަމަށް ޓްރެޒަރީ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.
އެމެރިކާގެ ސަރުކާރުގެ ރަސްމީ މުއައްސަސާތަކާއި ވަސީލަތްތަކުގައި ޓްރަމްޕްގެ ނަމާއި ސޫރަ ބޭނުންކުރުމުގެ މައްސަލައަކީ އޭނާގެ ފުރަތަމަ ދައުރުން ފެށިގެން ވެސް ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ ކަމެކެވެ. މީގެ ކުރިން ކޮވިޑް-19 އިގެ އެހީގެ ގޮތުގައި އެމެރިކާގެ ރައްޔިތުންނަށް ފޮނުވި ޗެކުތަކުގައި ވެސް، އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރައީސެއްގެ ނަން ޖެހުމަށް ޓްރަމްޕް ވަނީ އަމުރުކޮށްފައެވެ.
މިދިޔަ އަހަރު އޭނާ އަލުން ވެރިކަމާ ހަވާލުވި ފަހުން، ދައުލަތުގެ ނިއުޓްރަލް ނުވަތަ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ލިޔެކިޔުންތަކުގައި އޭނާގެ ސިޔާސީ ނުފޫޒު ހިމެނުމަށް ކުރާ މަސައްކަތް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ޕާސްޕޯޓުގައި ފޮޓޯ ޖެހުމާއި، ޑޮލަރު ނޫޓުތަކުގައި ސޮއި ހިމަނަން ނިންމި ނިންމުމަކީ އެމެރިކާގައި މިހާތަނަށް އަމަލުކުރަމުން އައި ޑިމޮކްރެޓިކް އުސޫލުތަކާއި ސަގާފަތާ މުޅިން ހިލާފު، އަދި ހުދުމުޚުތާރު ވެރިންގެ ފަރާތުން ފެންނަ ފަދަ އަމަލުތަކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ