މިދިޔަ އަހަރުގެ ފުރަތަމަ 4 މަހާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ޑެންގީ ޖެހުނު މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މި އޭޕްރީލް މަހާ ހިސާބަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރުވެފައިވާ ކަމަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ 4 މަހާ އަޅާ ބަލާއިރު މި އަހަރު ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވާ މިންވަރު އިތުރެވެ. މިދިޔަ އަހަރު ފުރަތަމަ 4 މަހު ޑެންގީގެ 374 ކޭސް ރިޕޯޓު ކުރިއިރު މި އަހަރު އެ މުއްދަތުގައި 2183 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރިޕޯޓުކުރީ އެންމެ 76 ކޭސްއެވެ. ނަމަވެސް މިއަހަރު ޖަނަވަރީ މަހު އެކަނިވެސް 679 ކޭސް ރިޕޯޓު ކޮށްފައިވެއެވެ. މިދިޔަ އަހަރު ފެބުރުއަރީ މަހު 87 ކޭސް ރިޕޯޓު ކުރިއިރު މި އަހަރު ފެބްރުއަރީގައި 428 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން މިދިޔަ އަހަރު މާޗް މަހު 76 ކޭސް ރިޕޯޓް ކުރިނަމަވެސް މި އަހަރު 600 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހު 135 ކޭސް ރިޕޯޓްކުރިއިރު މިމަހުގެ މިހާތަނަށް 476 ކޭސް ރިޕޯޓްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އެޗްޕީއޭއިން ވިދާޅުވީ ޑެންގީ ޖެހިގެން މިއަހަރު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަތޮޅުތެރެއިންކަމަށެވެ. އެއީ 1813 ކޭސްއެވެ. މާލެ ސަރަހައްދުން ރިޕޯޓްކޮށްފައިވަނީ 370 ކޭސްއެވެ. އެޗްޕީއޭއިން ވަނީީ މިދުވަސްވަރު ޑެންގީ އިތުރުވަމުން އަންނާތީ ޑެންގީއާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރުން މަދުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން މަދިރި އާލާވާ ތަންތަން ނައްތާލައި މަދިރި ހެފުމުން ރައްކާތެރިވުން މުހިއްމެވެ. އެޗްޕީއޭން ވިދާޅުވީ މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ އަތޮޅު ތެރެއިން ކަމަށެވެ.
މިދިޔަ މަހުގެ 22 އިން ފެށިގެން މި މަހުގެ 16ގެ ނިޔަލަށް ޖުމްލަ 21687 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވެއެވެ. އެއީ ރޯގާ ޖެހިގެން އަތޮޅުތެރެެއިން ރިޕޯޓުކުރި 11792 ކޭސް އާއި މާލެ ސަރަހައްދުން ރިޕޯޓު ކުރި 9894 ކޭސްއެވެ. އެ މުއްދަތުގައި އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރި އަދަދު ވެސް އިތުރުވެފައިވެއެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 1119 ކޭސް ރިޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓްކޮށްފައިވަނީ 130 ކޭސްއެވެ.
މިއަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން 2000އަށްވުރެ ގިނަ ކޭސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ