ޞަހްޔޫނީން ރުއްސުމަށް އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން، ބައިނަލްއަޤުވާމީ ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރާ މަގުތައް ބަދަލުކޮށް، ޕަނަމާ މަގު ނުވަތަ ކޯރު (ކެނޭލް) ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އެ ކޯރުން ލިބޭ އާމްދަނީއަށާއި ހުރަސްކުރާ އުޅަނދުފަހަރުގެ އަދަދަށް ބޮޑު ބަދަލެއް އައިސްފިއެވެ. ޔަހޫދީންނާއި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ފެބުރުވަރީ 28 ގައެވެ.
ޕަނަމާ ކޯރު ބަލަހައްޓާ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ ވިކްތޮރް ވިއަލް ވިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް، ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު އިތުރު 300 އަށްވުރެ ގިނަ އުޅަނދު އެ ކޯރު ހުރަސްކޮށްފައިވާ ކަމުގައެވެ. "މެދުއިރުމަތީގެ ޙާލަތަށް ދާއިމީ ޙައްލެއް ލިބެންދެން، މި ނިސްބަތް މި ގޮތުގައި ދެމިއޮންނާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވިއެވެ.
މި އާދަޔާޚިލާފު ކުރިއެރުން އައިސްފައިވަނީ އީރާނުގެ އައްސޭރިފަށުގައި އޮންނަ ހުރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން، ކަނޑުމަގުން މުދާ އުފުލާ އުޅަނދުފަހަރުގެ މިޞްރާބު ބަދަލުކުރަން މަޖުބޫރުވުމުންނެވެ. އީރާނުން ވަނީ އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށް އެ ކަނޑުއޮޅި ބަންދުކޮށްފައެވެ. އަދި، ރައްދުގައި އެމެރިކާއިން ވަނީ އީރާންގެ ބަނދަރުތައް ޙިޞާރުކޮށް، ދަތުރުފަތުރަށް ހުރަސް އަޅާފައެވެ. މިއާއެކު، ޕަނަމާ ކޯރު ހުރަސްކޮށް މިހާރު ދަތުރުކުރަމުންދާ ގިނަ އުޅަނދުތަކަކީ، ނުތަނަވަސްކަން އޮތް ސަރަޙައްދުތަކުން މުދާ ހޯދުމުގެ ބަދަލުގައި އެހެން ޤައުމުތަކުން މުދާ ގަނެގެން އުފުލާ އުޅަނދުތަކެއް ކަމުގައި ވިއަލް ވިދާޅުވިއެވެ.
އިޤުތިޞާދީ ގޮތުން ބަލާއިރު، މި ބަދަލާއެކު ޕަނަމާ ކޯރު ހުރަސްކުރުމަށް ނަގާ ފީން ލިބޭ އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ. ޢާންމު ގޮތެއްގައި އުޅަނދެއް ހުރަސްކުރުމަށް 300,000 އާއި 400,000 އާ ދެމެދުގެ އެމެރިކާ ޑޮލަރުގެ ފީއެއް ދައްކަން ޖެހޭއިރު، ކިޔޫގައި ނުޖެހި އަވަހަށް ދަތުރުކުރުމަށް ޓަކައި ބައެއް އުޅަނދުތަކުން އިތުރު ފީއެއްގެ ގޮތުގައި 425,000 އެމެރިކާ ޑޮލަރާ ހަމައަށް ހޭދަކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.
ހަނގުރާމައިގެ ސަބަބުން ޕަނަމާ ކެނޭލްގެ އާމްދަނީ އިތުރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ