މި މަޖިލީހުގެ ދައުރު ކުރުކޮށް، 2 އިންތިހާބު އެއްކޮށްލުމުގެ ބިލު ބަލައިގެންފި

މިހާރު އޮތް މަޖިލީހުގެ ފަސް އަހަރުގެ ދައުރު ކުރުކޮށް، ދެން ބާއްވާ މަޖިލިސް އިންތިހާބުތަކާއި ރިޔާސީ އިންތިހާބުތައް އެއް ތާރީހެއްގައި ބޭއްވުމަށް ސަރުކާރުގެ ފަރާތުން މިއަދު ގާނޫނުއަސާސީއަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގެންފި އެވެ.
ވީ ކިހިނެއް؟ - ޗުއްޓީގައި އޮތް މަޖިލީހުން ދައުރުން ބޭރުން މިއަދު ކުއްލި ގޮތަށް ބޭއްވި ޖަލްސާގައި ގާނޫނުއަސަސީއަށް އެ އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް އެވެ.
ތަފްސީލު - މިއަދުގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް ވެސް ފެށި އެވެ. އަދި އެ ބަހުސް ނިންމައި ބިލު ބަލައިގަތުމަށް ފެނޭތޯ ބެލުމަށް ވޯޓަށް އެހުމުން 46 މެންބަރުން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވީ 5 މެންބަރުންެނެވެ.
ގާނޫނުއަސާސީގައި މެންބަރުން އިންތިހާބު ކުރާ ގޮތް ބަޔާން ކުރާ 72 ވަނަ މާއްދާއަށް އިތުރު ކުރާ އަކުރެއްގެ ގޮތުގައި ފަލާހު ހުށަހެޅުއްވީ މަޖިލިސް މެންބަރުކަމަށަް މީހުން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ރައީސް ހޮވުމަށް ބާއްވާ އިންތިހާބާ އެކުގަ އެވެ.
އެހެންކަމުން، މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028ގެ ރިޔާސީ އިންތިހާބާއި 2029ގައި ބާއްވަން އޮތް މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއް ތާރީހެއްގަަ އެވެ. އަދި މިހާރު އޮތް މަޖިލީހުގެ ފަސް އަހަރުގެ ދައުރު ޑިސެމްބަރު 2028އަށް ކުރު ކުރުމަށް ބިލުގައި ހިމަނާފައިވެ އެވެ.
ގުޅުން ހުރި - މި ބިލު ހުށަހެޅުއްވި ޕީއެންސީ ޕީޖީ ލީޑަރު ފަލާހު މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މި އިސްލާހަށް އަމަލު ކުރާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު ކަމަށެވެ. އަދި އެ ވޯޓު ނަގަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބަހުސްގައި އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި މެންބަރުން ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ އެ ބިލަށް އެ ޕާޓީން ތާއީދު ނުކުރާ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިއަދުގެ މަޖިލިސް ޖަލްސާއަށް އިތުރު ދެ ބިލެއް ވެސް ހުށަހެޅި އެވެ. އެއީ ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެވެ.
އެ ދެ ބިލު ވެސް މިއަދުގެ ޖަލްސާގައި ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ