ފިނި ހިތް 20

"ހިނިތުންވުމަކީ ސަދަގާތެކެވެ. ހިތްހެޔޮކަމާއެކު ވާހަކަދެއްކުމަކީވެސް ސަދަގާތަކެވެ. މަގު ދައްކާދިނުން، އަނިޔާދިން މީހަކަށް މާފުކޮށްދިނުން އަދި ބީރައްޓެއްސަކަށް ކޮށްދޭ ދުޢާވެސް އޭގެ ތެރޭގައި ގުނައިލެވޭނެއެވެ. އިޚުލާސްތެރި ހިތަކުން ކުރާ ޒައްރެއްގެ ހެޔޮކަންވެސް ގެއްލިގެން ނުދާނެއެވެ." *** އޭނަ މޮޔައީއެވެ. ހަޔާއާއި ދުރަށް ދާން ޖެހުނީމަ ހިތަށް އަނިޔާދޭން ހައްތާ އެކުވެރިވެވުނީއެވެ. އޭނައަށް ދޮންބެގެ ލޯބިވެރިޔާ ނޫން އަންހެންކުއްޖަކު ނުފެނުނީހެއްޔެވެ؟ އަޅުވެރިކަމަކީވެސް ދެއްކުންތެރިކަމަކީހެއްޔެވެ؟ ހަޔާ ބަލި އެނދުގައި އޮވެ ނަމާދުކުރަން ކުރާ ހިތްވަރާއި ގުރުއާން ކިޔެވުމަކީވެސް އެހެން މީހުން ލައްވާ ތައުރީފުކުރަން ކުރިކަންތަކީ ހެއްޔެވެ؟ މިވަރުން ދަންޏާ އަމިއްލަ ނަފުސަށްވެސް އިތުބާރުކުރުން ހުއްޓައިލަން ޖެހިދާނެއެވެ. "މާން..ހަޔާވެސް އެހާ ސިއްރުވެރި..އެއްވެސް ވަރަކަށް ޕާސްޓް ކިޔައެއްނުދޭ....ދެމީހުންގެ ގުޅުމުގެ ވާހަކަ ފޮރުވައިގެން ހުރީ..މިގެއަށް އައިސްވެސް އެހެނެއް ނުކިޔާ....ތަގުވާވެސް މަކަރުވެރި...އޭނައަށް ކޮންމެވެސް ގޮތަކުން ހަޔާ އެނގޭ....ސަހަރާ ކައިރީ ހުންނަ ގެއަށް ދަމޭ ބުންޏެއްނު...އެދިޔައީ ހަޔާގެ ގާތަށް...އޭނައާއި ހަޔާގެ އޮތް ގުޅުމެއްވެސް ނޭގޭ...ދެމީހުންވެސް ހީވަނީ ކުރިއްސުރެ ދަންނަހެން......."ޔަލްވީގެ ނަޒަރު އޭނަގެ މޫނަށް ހުއްޓުނެވެ. އޭރުވެސް މިނާހް އިނީ ބޮލުގައި އަތް ޖައްސައިލިގޮތަށެވެ. "މާންވެސް ޝޮކެއްގައި ދޯ ހަމަ....ކިހާ ދެރަވާނެ.ކެތްކުރެވޭވަރެއް ހަމަ ނުވޭ...ކިހާ ބޮޑު އޮޅުވައިލުމެއް. އަދި އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރެ ހުރިހާ ހަގީގަތެއް އެނގި އެކަން ފޮރުވައިގެން ހުރުމުން އިތުރަށް ހާޓްވެއްޖެ.." "އާ ޔޫ އޯކޭ؟ "އޭނައަށް އަހައިލެވުނެވެ. "އާނ..ހަމަ ޔަލްއާއިމެދު ވިސްނުނީ..."މިނާހް ބުނެލިއެވެ. ކުޑަ ހިތްވަރުގެ ބަހެއް ލިބުމުން ގަދަޔަށް ރޮވެންފެށުނެވެ. މިނާހް ޓިޝޫތަކެއް ދިއްކޮށްލުމުން އޭނަ މޫނުމަތި ފޮހެލިއެވެ. މިނާހްގެ ހިތަށްވެސް ހަމައެވަރުގެ ޒަލްޒަލާއެއް އައެވެ. އޭނަ ހިމޭންކަމާއެކު ކަރުނަ އޮއްސަމުން ދިޔައިރު ޔަލްވީ ފާޅުގައެވެ. ދެމީހުންގެ ހިތަށްވެސް ބަޔާންކުރަން ދަތި އަސަރުތަކެއް ކުރުވައިފިއެވެ. އިރުކޮޅަކަށް ރޯލުމުން ހިތް ހަމަޔަކަށް އެޅުނެވެ. "މިވަރުން ދުނިޔޭގައި އުޅޭނީ ކިހިނެއް؟ މީހަކަށް އިހުސާސެއްނުވާނެ..އެމީހަކު އެންމެ ލޯބިވާ އިންސާނާ ބޭވަފާތެރިވީ..އަދި ފިރިމީހާ ޖަހައިގަތީ އެހާ އިތުބާރުކުރި ގާތް އެކުވެރިޔާ...އަހަރެން ބޭނުމެއްނޫން..ހިތް މަރުވީމަ ދުނިޔޭގައި ހުރުމުގެ މާނައެއްނެތް...."ޔަލްވީގެ ލޯ ދުޅަވިއެވެ. "އެހާ ބޮޑަށް މާޔޫސްވެ ދިރިއުޅުމުން އަތް ދޮވެލުމަކީ ރަގަޅު ޚިޔާލެއްނޫން..އެކަހަލަ ވަސްވާސްތަކާއި ދުރުވާންޖެހޭނީ...ޔަލް ހިތްވަރުކުރޭ..ދުނިޔޭގައި ސަވައިވްވާނީ ހަމަ ގަދަކޮށްލެވިގެން...ބަލިކަށިކަން ދައްކައިގެނެއްނޫން..ވައްޓާލާއިރަށް ހިތްވަރާއެކު ތެދުވާންޖެހޭނީ. މަރުވުމަކީ އަމިއްލަ ނަފުސަށް ލިބޭ ކާމިޔާބެއްނޫން..މިހެންބުނާއިރުވެސް އަންޑަސްޓޭންޑްވޭ ބައެއް ހާލަތްތަކުގައި އެކަނި ބަސްތަކުން ނުފުދޭނެކަމާއި ހިތަށް ލިބޭ އަނިޔާތަކުން ނުބައި މަގު ޚިޔާރުކުރަން ބޭނުންވާކަން..އެކަމަކު ޔަލް...އަދި އެހާ އަވަހަށް ގިވް އަޕް ނުކުރޭ...މެރިޖް ރޫޅާލަން އެހެން މީހަކު ވަނަސް ފައިޓްއަކާއި ނުލާ ދޫކޮށްނުލާ...." ޔަލްވީ ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ. "މާނު ތިހެން ބުނީމަ ފައިޓް ކުރާނެ ހިތްވަރު ލިބިއްޖެ...."އޭނަ ތެދުވުނެވެ. މިނާހް ކޮފީ ތަށްޓެއް ގެނެސް ކުރިމަތީގައި ބެހެއްޓިއެވެ."ލޯބި ފަތަހަވާނީވެސް ވަރަށް ހިތްވަރުކޮށްގެން އިނގޭ...." މިނާހް ބެލްކަނީއަށް ނުކުމެފައި އަޔާޝްއަށް މެސެޖްކުރިއެވެ. ޔަލްވީއާއިމެދު ސަމާލުވާން އެދުނެވެ. ކޮންމެވެސް ކަމަކާއި ނަފްސާނީގޮތުން އަސަރުކޮށްފައިވާ ކަމަށާއި އަތުންފައިން ގޯހެއް ހެދުމުގެ ކުރިން ސަލާމަތްކުރަން އެދުނެވެ. *** މިނާހް ބަލިީހުންގެ ފައިލްތައް ބަލާފައި ވެކްސިން ދީފައިވާ މީހުންގެ ހާލަތު ބެލިއެވެ. ހީވާގޮތުން ދިފާއީ ނިޒާމަށް އޭގެ ސަބަބުން ހިޔަނިއެޅިއްޖެއެވެ. އޭގައި އެކުުލެވޭ ޕްރޮޓީންއިން ހަށިގަނޑަށް ނުރައްކާކުރިމަތިވާކަމަށް އޭނަގެ ސިކުނޑި އިންޒާރުކުރިއެވެ. އުމުރުން ދެބައިވެފައިވާ މީހަކުގެ އަތްތިލަ ކޮންމެވެސް ވަރަކަށް ތުރުތުރުލާއިރު އެހެން އަންހެންކުއްޖަކު މާ ގަދަޔަށް ދާހިއްލަނީއެވެ. ކޮންމެވެސް ގޯހެއް އެބައުޅެއެވެ. އޭނަގެ ނަޒަރުގައި ކުއްލިއަކަށް އަޅައިގަތީ ފިޔަޖަހަމުން ދިޔަ ރަތް އަލިކޮޅެވެ. ބަލާބެލުމަށް އެއްވެސް ނުރައްކަލެއްނޫނެވެ. އެކަމަކު އޭނައަށް އިހުސާސްވީ ޖާސޫސެއްފަދައިން ބަލަމުންދާކަމެވެ. އެކަނި އޭނަގެ ހަރަކާތަކަށް ނޫނެވެ. އެންމެނަށެވެ. ހޮސްޕިޓަލުގެ އެކި ދިމާލުގައި މިފަދަ ޖާސޫސީ ލޯތަކެއްވިއެވެ. *** އަޔާޝް ކޮރިޑޯއިން ހިނގާފައި ދިޔައިރު ފެންނަ ކޮންމެ މުވައްޒަފަކު އަދަބުވެރިކަމާއެކު ކޮޅަށް ޔެދުވެލައެވެ. އޭނަ ފެނުނުކަމަށް ނަހަދާ ދާކަށް އެކަކަށްވެސް ނުކެރުނެވެ. ސަރއޭ ކިޔާފައި ސަލާމް ގޮވައިލި މުވައްޒަފުންވެސް ވިއެވެ. އޭނަ ގޮސްވަނީ މިނާހްގެ ކެބިންއަށެވެ. މިނާހް ފޯނެއްގައި އިނދެފައި އަވަހަށް ކަނޑާލިއެވެ. "ކިއުރިއަސްވާނެ ދޯ އެންމެން؟" "ތިބުނި އެއްޗެއް ނޭގުނު.." އޭނަ ހަށިގަނޑު ސީދާކޮށްލިއެވެ. "ފައިލްތައް ހާވާވަރުން..." "އޯ....ޖަސްޓް ހަމަ ބަލިމީހުންގެ ހާލަތު ގާތުން މޮނިޓަރކުރަނީ...."މިނާހްގެ ޚިޔާލަށް އައީ ހަޔާއެވެ. ހިތުގައި ހަސަދައިގެ ހުޅުކޮޅެއް އުފެދުނެވެ. އޭނައަށް ކަމުދިޔަ އަންހެންކުއްޖާއަކީ ބޭބެގެ ހައްގެކެވެ. ސިއްރު ލޯބިވެރިޔާއެވެ. ބޭބެ ހާދަ ކާމިޔާބެވެ."އޮބްޒާވިން ރިއެކްޝަންސް....." "ފީނުމުގެ ކުރިން ފަތަން ދަސްކުރަނީ ދޯ...ވަރަށް ވިސްނުން ރަގަޅު...އެކަމަކު ބީ ކެއާފުލް އިނގޭ...ކަނޑު އޮމާންކޮށް އޮތަސް އަޑި ހަމަ ނުރައްކާތެރިވެދާނެ...އަދި އެނގޭތަ؟ބައެއްފަހަރު ހަމައެކަނި ތިހެން ބެލުމަކުން ނުފުދޭ....ބައެއްފަހަރު ބޭނުންވަނީ..ކޮންޓްރޯލް...." އޭނަގެ މެޔަށް ފިނިވެލިއެވެ. ދޮންބެގެ ލަފުޒުތަކުގެ މާނަ ފުންވެފައި އިންޒާރު އެކުލެވޭކަމުގައި އޭނައަށް އިހުސާސްވިއެވެ. "ހެލޯ....ބެކަޕް ބޭނުންވެދާނެހެން ހީވެފައި މިހެން ދަމުން.."ލީވަން ބޯ ދިއްކޮށްލަމުން ހީލިއެވެ. ލީވަންގެ ނަޒަރު އަޔާޝްގެ މޫނަށް ހުއްޓުނެވެ."ކޮފީ ބޯނަން ސަރ؟" "ނޮޕް...."އަޔާޝް ދާން ހިނގައިގަތެވެ. "އާ ވީމަ އެހެންވެ ހަމަ ހިތަށް އެރީ މާންއަށް ހެލްޕް ބޭނުންވެދާނެއޭ...ބައިދަވޭ.....އިބޫގެ ފެމިލީއިން މައްސަލަ ޖައްސައިގެން އަހަރެން ސްޓޭޓްމެންޓެއް ދިންފަހުން މެނޭޖްމެންޓުން އިތުރު އެއްޗެއް ނުކިޔާ އެ މައްސަލަ އޮއްބައިލިގޮތެއްވެސް ނޭގޭ....އަހަރެމެން ޑްރަގް ދިނީކަމަށް އެފެމިލީއިން ހީކުރީ.މިޒަމާނުގައި ހަގީގަތް ނޯޅޭވަރެއްވެސް ނޫން..އަމިއްލަ ހިޔަންޏަށްވެސް އިތުބާރުކުރާކަށް ނުވާނެ...އެހެޔޮ އެންމެ ގާތް އެކުވެރިޔާވެސް..." "މުނާފިގުން ދޯ މުޅިންވެސް.." "ހިނގާބަލަ ކޮފީއަކަށް...ސިއްރުން ވޭޕްކޮށްލިޔަސް މީހަކަށް ނޭގޭނެ...." މިނާހް ހިނިގަނޑެއް ޖަހައިލިއެވެ. "އިބުލީސްކަމަށް ހެދިގެން މަ ހައްލައިނުލެވިގެން ތިއުޅެނީ؟ އެއަށްވުރެ މަގޭ ފެއިތް ވަރުގަދަވާނެ. މަ ބޭނުމެއްނުވޭ މަގޭ ލަންގްސް ތި ބޭކާރު ކެމިކަލްސްތަކުން ފުރައިލަން........." ހަގީގަތަކީ ހިތުގައި ޝައްކުގެ އޮށް އިންދުމުން ލީވަންއަށް ކުރިން ކުރެވުނު އިތުބާރު ގެއްލުނުކަމެވެ. ނުސީދާކޮށް ލީވަން އެބުނަނީ ކޮންމެވެސް އެއްޗެއް ނޫންހެއްޔެވެ؟ އޭނަގެ ޟަމީރުވެސް އެންގީ ފަރުވާތެރިވުމަށެވެ. ނަމަވެސް އެކުވެރިކަން ނިމުމަކަށް ގެންނާން އަދި ބޭނުމެއްނުވިއެވެ. މިނާހް އެނބުރި އައިއިރު ހަޔާ އޮތީ މެސެޖެއްކޮށްފައެވެ. ކޮންމެވެސް މީހަކު ވެކްސިން ޖަހައިގެން ހާލު ބޮޑުވެގެން އެވާހަކަ ބުނެފައެވެ. އެ މެސެޖް ފެނުމުންވެސް ހިތް އަވަސްވިއެވެ. ހަޔާގެ ރީތި ލޯ ކުރިމަތިން ފެނިލިފަދައެވެ. އޭނަ ކެބިންއަށްވަދެ ސިސްޓަމް ހުޅުވައިގެން ބަލިމީހުންގެ ރިކޯޑްތައް ބަލަންފެށިއެވެ. އާއްމުކޮށް ވެކްސިން ޖަހާފައި ތިބި ބަލިމީހުން ކުޑަކޮށް ހުން އައުމާއި، ތަންކޮޅެއް ގަދަޔަށް އިންފްލެމޭޝަން އަދި ހިތް އަވަސްވާކަމަށް ރިކޯޑްވެފައި ހުއްޓެވެ. ހާލުބޮޑު ބަލިމީހާވެސް އެ އަލާމާތްތައް ހުރެފައި ތަންކޮޅެއް ހާލު ސީރިޔަސްވީއެވެ. ހަމަ ކުއްލިއަކަށެވެ. އިރުކޮޅަކުން އޭނަ ބަލައިލިއިރު އެބައި އޮތީ އެޑިޓްކޮށްފައެވެ."ސްޓޭބަލް ޕޯސްޓް ވެކްސިން އޮބްޒަވޭޝަންއެެވެ. އޭނަ ހައިރާންވިއެވެ. ދެވަނަފަހަރަށް ރިފްރެޝްކޮށްލިއެވެ. އެއާއެކު މީހެއްގެ ހިލަންވުމުން އަވަހަށް ސައިން އައުޓްކޮށްލިއެވެ. ދެވަނަ ސިކުންތުކޮޅުގައި ފާރަށް އެޅުނީ އަޔާޝްގެ ދިގު ހިޔަންޏެވެ. "މާ ބޮޑަށް ތި ކޮންނަނީ.....ބައެއް އެއްޗެއްސަކީ ފެންނާން ޖެހޭ އެއްޗެއް ނޫން...އަދި ވަގުތު ނުޖެހޭ...." "ހަގީގަތް އެނގެން އެބަޖެހޭ...މީހުން މަރުވީމަ ލޭބަލްކޮށްފައި އިންނަނީ މުޅިން އެހެން ގޮތަކަށް........" އަޔާޝްގެ ލޯ ހަނިވިއެވެ." ޓްރުތް އިޒް ޑޭންޖަރަސް ލިޓްލް ބްރަދާ..... މީހާ މާ މާތްވުމުން ރައްކާތެރިކަން ލިބޭނެކަމަށް ދޯ ހީކުރީ..އެހެނެއްނޫން އެކަން އޮތީ....މިކަހަަލަ ދުނިޔެއެއްގައި އުޅެން ދަސްކުރަންވާނީ...." މިނާހް ބުނާނެ އެއްޗެއް ނޭގިފައި އިންދާ ދުރުދުރުގައި ފިޔަވަޅު އަޅަމުންގޮސް ލޯމަތިން ގެއްލުނެވެ. އޭނަ ފޯނު ހުޅުވާލުމަށްފަހު ހަޔާގެ މެސެޖް ކިޔައިލިއެވެ. ޖަވާބު ދީގެން އެކުވެރިކަން ބަދަހިކޮށްގެން ހިތަށް އިތުރު އަޒާބެއް ދިނުމަކީ ބޭކާރުކަމެކެވެ. އަމިއްލަ ހިތުގެ ހިމާޔަތުގައި އޭނަ ޖެހޭނީ ސިކުނޑީގައި އުތުރިއަރާ ޖަޒުބާތުތަކުގައި އޮބި އެޅުމަށެވެ. *** އަޔާޝް ހޮސްޕިޓަލުގެ ސަންގުމަރުމަރު ހިލައިގެ މަތީގައި އޮފްއަރާ ބޫޓުން ފިޔަވަޅުގެ އަޑު ނީއްވާ ހިނގަމުން ދިޔައިރު ވަށައިގެން ހިނގާ ހުރިހާކަމަކަށް ސަމާލުކަން ދިނެވެ. މުވައްޒަފުންގެ ހަރަކާތްތަކެވެ. ބަލިމީހުން ހޭލަމޭލަވުމެވެ. އޭނަގެ ކޮއްކޮ މިނާހްގެ ކޮންމެ ހަރަކާތެއްވެސް އޭނަ އަށް ފެނުނެވެ. އޭނަވެސް ދުވަސްކޮޅެއްކުރިން ވެކްސިންޖެހިއެވެ. އޭނައަށް އޭގެ ސަބަބުން އައި ބަދަލުތައް އެއްވެސް މީހަކަށް ކިޔާނުދެއެވެ. ހަގީގަތަށްވުރެ މުހިއްމީ ބޭރުފުށުން ދައްކާ ކުލަވަރުކަން އޭނަ ދަނެއެވެ. ހަގީގަތް ޖެހޭނީ ފޮރުވާފައި ބާއްވާށެވެ. އޭނައަށްވެސް ދޭތެރެއަކުން ވަރުބަލިކަމާއި ހިތް އާދަޔާ ޚިލާފަށް ތެޅިގަތުމުގެ އުދަގޫތައް ކުރިމަތިވިއެވެ. އާއްމުންގެ ކުރިމަތީގައި އޭނައަކީ ވަރުގަދަ ސިއްހަތު ރަގަޅު ވެރިއެކެވެ. މާބޮޑަށް ވަރުބަލިވާން ފެށުމުން ގެއަށް ގޮސް ދޮރު ހުޅުވައިލުމާއެކު ތަގުވާގެ މޫނު ފެނުމުން ތަބީއަތު އިތުރަށް ގޯސްވިއެވެ. ދޮންމަންމަ އޭނައަށް ޖެއްސުމަށް އަދި ދަރިފުޅުވެސް ގެނެސް އެގެއަށް އޮޅުކުރީއެވެ. ތަގުވާ ސަލާމް ގޮވައިލާފައި ތަރާވީސްދަމަށް އަންނަން އެދުނެވެ. އަޔާޝް އަޑުނީވޭކަމަށް ހަދާފައި ފޯނާއި ކުޅެމުން ދަނިކޮށް މީހެއްގެ ގައިގާ އަޅައިގަތެވެ. ދެމީހުން މުޑިއެރުމާއެކު އޭނަ ސިހިފައި ފަހަތަށް ޖެހުނެވެ. ކޮންމެވެސް ދިމާލަކުން ދޮރެއް ހުޅުވުނެވެ. އެއާއިއެކު ބާރަށް ލެއްޕުނު އަޑު އިވުނެވެ. ހުޅުވި މީހަކަށް އެ މަންޒަރުން ނެގޭނީ މުޅިން ނުބައި މާނައެކެވެ. ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތަކަށް ނުވެ ހިނގައިދާނެއެވެ. ލޯމައްޗަށް ފެނިލާ ކަމަކުން ފައިސަލާކުރުމަކީ ގޯހެކެވެ. "ހަޔާ...މިހާރު ގެއަށް ވަންނަން ފެށީތަ؟ އޭނަގެ އަޑު މަޑެވެ. "ތިބޭފުޅާގެ ހުއްދަ ހޯދަން ޖެހޭކަމެއް ނުދެނެހުރިން..."ހަޔާ ހަމަޖެހިލާފައި ބުނެލިއެވެ. "އަހަރެން ބޭނުން ނުވާ މީހަކަށް މިގޭގައި ހުރުމުގެ ފުރުސަތެއް ނުދޭނަން..." "އެ ވާހަކަ ކުރިން ބުނިނަމަ.........ކީއްވެ ތިހާ ރުޅި އަންނަނީ؟" "ހަޔާދެކެ ރުޅިއަންނަން ޖެހޭ ސަބަބެއް ނެތް.....ޔޯ މަމް.......އަހަރެންގެ ބައްޕައާއި ކައިވެނިކޮށްގެން އުޅޭ އަންހެނާ ދެކެ ރުޅި އަންނަނީ..އެކަން ހަމަ ނޭގޭތީ ތިއަހަނީ؟" "އޯ......މަންމަ ކީއްކުރީޔޯ؟" "ގޮސް އޭނަ ކައިރިން އަހަންވީނު. ތަގުވާއަށް އަހަރެންގެ ހިތުން ދުވަހަކު މަގާމެއް ނުލިބޭނެ. އޭނަ ހީކުރަނީ އަހަރެންގެ މަންމަކަމުގައި ބަލައިގަންނާނެކަމަށް އެކަމަކު މަރުވެގެންދާނީވެސް އޭނައަށް އެއްވެސް ވަރަކަށް އެ ހިތް ހަމަޖެހުން ނުލިބި..ދެމީހުން ގުޅިގެން ކޮން ރޭވުމެއް ތިރާވަނީ...." އަޔާޝްއާއި މަންމައާއި ދެމެދު އޮތް ނަފްރަތުގެ ފަރުދާ ފެނުމުން އޭނަގެ މުޅި ވުޖޫދަށްވެސް ލޮޅުމެއް އެރިއެވެ. ވީއިރު މަންމައާއި ދޮންދަރިންގެ ގުޅުންވެސް އޮތީ ދުނިޔޭގެ ލޯތަކަށް ސިއްރުކުރެވިފައެވެ. އޭނަ އެގެއަށް އައީ މަންމަގެ ދައުވަތަކަށެވެ. މަންމައަށް އެެހާ ބޮޑު ބަދަލެއް އަންނަން ޖެހުމުން ހައިރާންކަމެއް ލިބުނެވެ. މިހުރިހާ ދުވަހު ދުރަށް ފޮނުވަން އުޅެފައި ހަޔާއަށް މަންމަގެ ހަޔާތުން ޖާގަދޭން ބޭނުންވީކަމަށް ވެދާނެއެވެ. ދޮންދަރިންނާއި އާއިލާއަށް އޭނަ ތައާރަފުކޮށްދީގެން އެންމެންގެ ހިތުގައިވާ ޝައްކާއި ސުވާލުތަކަށް ޖަވާބުދިނުމުން ދިރިއުޅުމުގެ ރާސްތާ ފަސޭހަވެސްވެދާނެއެވެ. ހަޔާވެސް ބޭނުންވަނީ މަންމަގެ ލޯތްބާއި ހިމާޔަތް ލިބުނެވެ. އެއީ ހަމައެކަނި ދޮންދަރިންނަށް ހައްގު އެއްޗެއް ނޫނެވެ. "ހަޔާ....." މަންމަގެ އަޑު އިވުނެވެ. ހަޔާ އިތުރު އެއްޗެއް ބުނުމެއްނެތި ދާން ހިނގައިގަތުމުން އަޔާޝްއަށް އެނބުރި ބަލައިލެވުނެވެ. *** އަޔާޝް ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާވެލައިގެން ނުކުތުމާއެކު އަނެއްކާ މޭ ތެޅެންފެށިއެވެ. މިހެންވަނީ ވެކްސިންގެ ސަބަބުންހެއްޔެވެ؟ ނޫނީ ހަޔާ ފެނުނީމަ ވާކަމެއް ހެއްޔެވެ؟ ނޭގުނެވެ. ބަނޑުހައިކަމުގެ އުދަގޫ އިހުސާސްކުރެވެންފެށުމުން ތިރިއަށް ދާން ޚިޔާލުކޮށްފައިވެސް ގުޅީ ޔަލްވީއަށެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ