މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވެރިކަމަށް އައުމަށް ދައްކާ ވާހަކަތައް، ވެރިކަން ލިބުމުން އަމަލުން ނުފެންނަ ކަމަށާއި، އެ ޕާޓީން ކިޔާހާ ފަރިއްސެއް ބަދަލުވެގެންދަނީ ޅެމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ވެރިކަމަށް އައުމަށް މީގެ ކުރިން އެމްޑީޕީން ދައްކާފައިވާ ދޮގު ވާހަކަތަކާއި ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ގާސިމް ވިދާޅުވީ އެމްޑީޕީން ވެރިކަމާ ހަވާލުވުމަށްފަހު، އެ ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ނުކުރާ ކަމަށާއި، ރައްޔިތުންނާއި ގައުމުގެ ލާބައާއި މަންފާއަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތައް ގެނައުމުގެ މަސައްކަތް ވެސް އެ ޕާޓީން ނުކުރާ ކަމަށެވެ.
ގާސިމް ވިދާޅުވީ ކޮންމެ ވެރިކަމެއް ނިމިގެންދާއިރު، ވެރިކަމުގައި އިދިކޮޅުގައި ތިބި މީހުން އެ ސަރުކާރެއްގެ ހިޔާނާތްތަކުގެ ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅެއް ނުވަތަ މިނިސްޓަރުކަން ކުރެއްވި ބޭފުޅަކަށް މިފަދަ ކަންކަމާ ގުޅޭ އެއްވެސް ޝަރީއަތެއް ހިނގާތަން ފެނިވަޑައިނުގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތެއް ކުރިއަށްގެންދިޔަ ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ރައީސްކަން ކުރެއްވި އިބްރާހިމް މުހައްމަދު ސާލިހް މިނިވަންކުރެއްވިއިރު، ސާލިހް ވަރުގެ ރަނގަޅު ވެރިއަކު ނެތްކަމަށް ޔާމީން ވިދާޅުވާ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ. ގާސިމް ވިދާޅުވީ ޔާމީނަށް ސާލިހް ރަނގަޅުވި ގޮތް ވަރަށް ރަނގަޅަށް ސާފުވެވަޑައިގަންނަވާ ކަމަށެވެ.
އެ ވާހަކަ އިތުރަށް ކުރިއަށްގެންދަން ބޭނުންފުޅު ނުވާކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވެސް ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ކުރެވޭއިރު، އެކަންކަން ތަހުގީގުކޮށް ފިޔަވަޅު ނާޅާ ކަމަށެވެ.
އަދި އެފަދަ މައްސަލަތައް ތަހުގީގުކުރަން ކެރިވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކަމަށާއި، އެމަނިކުފާނު ގެންދަވަނީ ރައްޔިތުންނާއި ގައުމުގެ ކުރިއެރުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައްވެސް ގެންނަވަމުން ކަމަށް ގާސިމް ވިދާޅުވިއެވެ.
އެމްޑީޕީން ވެރިކަން ނިންމާފައި ދިޔައިރު މި ގައުމު އޮތް އިގްތިސާދީ އަނދަވަޅުގެ ތެރެއިން ސަލާމަތްކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރައްވާ، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅުއްވަން ކެރިވަޑައިގެންނެވި ރައީސަކީ ވެސް މުއިއްޒު ކަމަށް ގާސިމް ވިދާޅުވިއެވެ.
އެމްޑީޕީން ވެރިކަމަށް އަންނަން ދައްކާ ވާހަކަ އަމަލުން ނުދައްކާ، ކީހާ ފަރިހި ޅެމަށް ބަދަލުވަނީ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ