ދިއްދު އާއި ކެނދިކުޅުދޫގެ ކަރަންޓް ނެޓްވޯކް ވަރުގަދަ ކުރުމުގެ މަޝްރޫއެއް ފަށަނީ

ހއ. ދިއްދު އާއި ނ. ކެނދިކުޅުދޫގެ ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ކޭބަލް ގަތުމަށް ލަންކާގެ ކުންފުންޏެއް ކަމަށްވާ އިލެކްޓްރޯ މެޓަލް ޕްރެސިންއާ ހަތް މިލިއަން ރުފިޔާއަށް ހަވާލުކޮށްފި އެވެ. އެތަކެތި ގަތުމުގެ އެއްބަސްވުމުގައި މިއަދު ފެނަކަ ކޯޕަރޭޝަނުން ވަނީ އެ ކުންފުންޏާއެކު ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި އިލެކްޓްރޯ މެޓަލް ޕްރެސިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާމަން ޗަންދްރަނަންދާ ދިޔޫނުގެ އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފެވެ. އެ އެއްބަސްވުމުގެ ދަށުން ދިއްދޫގައި 2300 މީޓަރުގެ އެޗްވީ ނެޓްވޯކެއް ގާއިމްކުރުމަށް ޓްރާންސްފޯމާ ބެހެއްޓުމަށާއި، 250 ހައުސިން ޔުނިޓަށް ބޭނުންވާ ކަރަންޓުގެ ހިދުމަތް ދިނުމަށާއި އެލްވީ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ބޭނުންވާ ކޭބަލް ސަޕްލައި ކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ. އެ މަސައްކަތް އިލެކްޓްރޯ މެޓަލް ޕްރެސިންއާ ހަވާލުކޮށްފައި ވަނީ 4.2 މިލިއަން ރުފިޔާއަށް އެއް މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 23 ވަނަ ދުވަހު ފެނަކައިގައި ބޭއްވި ސޮއިކުރުން އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ދިއްދޫގެ ނެޓްވޯކް އަޕްގްރޭޑް ކުރުމަށް އެހާ އަވަހަށް ކޭބަލް ހޯދަން ބޭނުންވަނީ ދިއްދޫގެ މަގު ހެދުމުގެ ކުރިން ނެޓްވޯކް ވަޅުލާ ނިންމަން ބޭނުންވާތީ ކަމަށެވެ. "މަގުތަކުގަ ތާރު އެޅުމަށްފަހު ނެޓްވޯކް ވަޅުލުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހިއްޖެ ނަމަ އެއީ ވަރަށް ބޮޑު ހަރަދެއް. އަދި މަގުތަކަށް ލިބިދާނެ ގެއްލުމަށް ބަލާފަ މިހާ އަވަހަށް މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ނިންމީ،" ޝަރީފް ވިދާޅުވި އެވެ. އެ ރަސްމިއްޔާތުގައި މިއަދު ދެވަނައަށް ސޮއިކޮށްފައި ވަނީ ނ. ކެނދިކުޅުދޫ އެލްވީ ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ކޭބަލް ސަޕްލައި ކުރުމުގެ އެއްބަސްވުމުގަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 2.7 މިލިއަން ރުފިޔާއަށް އެއް މަސް ދުވަހުގެ ތެރޭގައި ކޭބަލް ސަޕްލައި ކޮށްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ