މަޖިލިސް ގަވައިދު ސުޕްރީމް ކޯޓަށް ބަދަލެއް ނުކުރެވޭނެ: ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތު ބެލެހެއްޓުމާ ގުޅޭގޮތުން މިހާރު އުފެދިފައިވާ ޚިޔާލު ތަފާތުވުމުގައާއި، އަދި އެ ނޫން ހާލަތެއްގައި ވެސް މަޖިލިސް ގަވައިދު ބަދަލުކުރުމުގެ އިހްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންނުވާކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ. މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުން އަންނަނީ އެ މައްސަލަ ކުރިއަށް ގެންގޮސް ނުނިންމާ އެހެން ކަމެއް މަޖިލީހުގައި ނުކުރެވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ހުށަހަޅައިފައިވާ މައްސަލައިގެ އަޑުއެހުމެވެ. މި މައްސަލައިގައި ޑިމޮކްރެޓުން ވެސް ވަނީ ތަދައްޚުލްވެފައެވެ. މިއަދު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ޑިމޮކްރެޓުންގެ ފަރާތުން ވާހަކަދައްކަވަމުން ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައަކީ ޚާއްސަ މައްސަލައެއް ކަމަށެވެ. ސަބަބަކީ އެއީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ބާރެއްގެ ވެރިއަކަށް ވާތީކަމަށް ޝާއިރު ވިދާޅުވިއެވެ. މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ ބ. ގައި ބުނާ ގޮތުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލަ އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސެވެ. އެހެންކަމުން މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާއިރު ދެވަނައަށް ދެން އެ މަގާމާ ހަވާލުވާނެ މީހަކު ރިޔާސަތު ބެލެހެއްޓުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީ ގަވައިދުގައި އެހެން އޮތީކަމަށް ޝާއިރު ވިދާޅުވިއެވެ. އެއާއެކު ފަނޑިޔާރު ހުސްނުއްސޫދުވަނީ ގައުމުގެ ރައީސް ނުވަތަ އުއްތަމަ ފަނޑިޔާރު ވަކިކުރުމުގެ މައްސަލައެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ވަކި މީހަކު މަޖިލިސް ގަވައިދުގައި ކަނޑައަޅައިފައި ނެތީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ. އެއަށް ޖަވާބުދެއްވަމުން ޝާއިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ވަކި ބާރެއް ކަމަށެވެ. ގަވައިދުގެ އެއްވެސް ހިސާބެއްގައި އެ ފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ނެތީ، ގައުމުގެ ރައީސް ނުވަތަ އުއްތަމަ ފަނޑިޔާރު ވަކިކުރުމުގެ މައްސަލައެއްގައި ވަކި ބޭފުޅަކު އިނުމުން މަސްލަހަތު ފުށުނާރާނެކަމަށް ބަލައިފައިކަމަށް ވިދާޅުވިއެވެ. "އަޅުގަނޑު ގަބޫލުކުރާ ހަމައަކީ އެއީ ޚާއްސަ، މަޖިލީހުގެ ރައީސް އެއީ މަޖިލީހުގެ އިދާރީ ގޮތުން ވެސް އަދި މަޖިލީހުގެ އެންމެ އިސް ފަރާތް. ދެން ހުރި ފަރާތް ނޫން، އެ ފަރާތަށް [ނައިބު ރައީސަށް] އެ މަސްއޫލިއްޔަތު ހަވާލު ކޮށްފައި އޮތީ މި ދެންނެވި ސަބަބާހުރެ ކަމަށޭ މަޖިލީހުގެ ރައީސަށް ވާތީ،" ޝާއިރު ވިދާޅުވިއެވެ. އެއާއެކު ޑިމޮކްރެޓުންގެ ފަރާތުން ވާހަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، މަޖިލީހުގެ ރައީސަށް މަގާމުގެ މަސްއޫލިއްޔަތު އަދައިނުކުރެވޭ ހާލަތެއްގައި ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ރައީސް ކަނޑައަޅުއްވައި އެހެން މެމްބަރުންނަށް މަޖިލީހުގެ ރައީސްގެ ބާރުތަކެއް ލިބިނުދޭ ކަމަށެވެ. ހަމައެކަނި އޮންނަ ބާރަކީ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުން ކަމަށެވެ. ހަސަން ވިދާޅުވީ މަޖިލީހުގެ ރައީސަށް ލިބިދޭ ބާރުތައް ދެވަނައަށް ލިބޭނެ ހަމައެކަނި ފަރާތަކީ ނައިބު ރައީސް ކަމަށެވެ. އެހެން މެމްބަރުންނަށް އެ ބާރުތައް ނުލިބޭ ގޮތަށް ކަނޑައެޅީ، ނާޖާއިޒް ގޮތުގައި އެހެން މެމްބަރުން ލައްވައި، އެ މައްސަލަ ބަލައި ނިންމުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ. "ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ލުމާއެކީގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދައުލަތުގެ ފަރާތުން ބާރު ލިބިފައިވާ ފަރާތަކުން މިސާލަކަށް އޭނާ [ނައިބު ރައީސް] ހައްޔަރުކޮށްފައި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތު ބެލެހެއްޓުމުގެ ބާރު ދެވިދާނެ ކޮންމެ ބޭފުޅަކަށް ވެސް،" ހަސަން ވިދާޅުވިއެވެ. މަޖިލީހަކީ ވަކި ބާރަކަށްވާއިރު، އެ ބާރުގެ ތެރޭ ހިނގާ ކަންކަމުގެ ހައްސާސްކަން މާ ބޮޑު ކަމަށް ހަސަން ވިދާޅުވިއެވެ. މަޖިލީހުގެ ތެރޭ ކުރާ ކަންކަން ފާހަގަކޮށް އޮންނަ މަޖިލިސް ގަވައިދު މަޖިލީހުގެ ތެރޭ ތަންފީޒުކުރަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ. އެއާއެކު ޝާއިރު ވިދާޅުވީ މި ހާލަތުގައި މަޖިލިސް ގަވައިދަށް އިތުރުކުރުމެއް ގެނައުމަކީ ސުޕްރީމް ކޯޓުން މަޖިލީހުގެ ގަވައިދު ބަދަލުކުރުންކަމަށް ޑިމޮކްރެޓުން ދެކޭކަމަށެވެ. އެއީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށާއި އެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާކަމަަށް ނުދެކޭކަމަށް ޝާއިރު ވިދާޅުވިއެވެ. މަޖިލިސް ގަވައިދުގެ 205ވަނަ މާއްދައިގައި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް އައިސްފިނަމަ އަމަލުކުރާނެ ގޮތެއް ނޯވެއެވެ. އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދެނީ ނައިބު ރައީސް ނޫނަސް، އެހެން މެމްބަރަކު ރިޔާސަތުގައި އިންނަވައިގެން އެ މައްސަލަ ނިންމޭނެ ގޮތެއް ކަނޑައަޅައިދެއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ