މާލޭގެ ދެ ތަނެއްގައި ފުޓްސަލް ދަނޑުތަކެއް އަޅަން ހަވާލުކުރި ކުންފުނިން އެ މަސައްކަތް ނުފަށާ ގިނަ ދުވަސްވީ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ސިވިލް ކޯޓަށް ދިޔުމުން، އެ ނޯޓިހަށް އަމަލުކުރުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެފި އެވެ.
ވީކިހިނެއް؟ - ފުޓްސަލް ދަނޑުތައް އަޅަން ސިޓީ ކައުންސިލުން ހަވާލުކުރީ ކޯލައިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުންޏާ އެކު މިދިޔަ އަހަރުގެ ޑިސެމްބަރު 27ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށް، މި އަހަރުގެ ފެބްރުއަރީ 20ގައި ނިންމަން ޖެހެ އެވެ.
ކޯލައިންއާ ކޮންޓްރެކްޓް ކުރެވުނު މަސައްކަތްތައް
ތައިސޭ ކޮށީގައި ފުޓްސަލް ދަނޑެއް
ސިނަމާލެ ގޯއްޗާ އިންވެގެން އަމީނީ މަގަށް އޮންނަ ހުސްބިމުގައި ފުޓްސަލް ދަނޑެއް
މި އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ބުނެ މިދިޔަ ސެޕްޓެމްބަރު 13ގައި، ސިޓީ ކައުންސިލުން ނޯޓިސް ފޮނުވީ އެހާތަނަށް މިތަންތަނުގައި އެއްވެސް މަސައްކަތެއް ނުފަށާތީ އެވެ.
ތަފްސީލް - އެއްބަސްވުން ބާތިލުކުރަން ނޯޓިސް ފޮނުވުމުން އެކަމަށް އިއުތިރާޒުކޮށް، ކޯޓަށް މައްސަލަ ހުށަހަޅަމުން ކޯލައިނުން ބުނި ގޮތުގައި ސިޓީ ކައުންސިލުން ނޯޓިސް ފޮނުވީ ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާ ހިލާފަށެވެ. އެހެންވެ އެ ކުންފުނިން ކޯޓުގައި އެދުނީ:
ނޯޓިސް ފޮނުވީ އެއްބަސްވުމާ ހިލާފަށް؛ އެހެންވެ ބާތިލު ނޯޓިސްއެއް ކަމަށް ކަނޑައަޅައިދޭން
އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމަށް މާލޭ ސިޓީ ކައުންސިލުގެ މައްޗަށް އަމުރުކޮށް ދޭން
ކޯލައިންއަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ވަކި ދައުވާއެށް ހުށަހެޅުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދޭން
އެ ދެ ބިމާ ގުޅޭގޮތުން އިތުރު ފަރާތެއްގެ ހައްގެއް އުފަންނުކުރުމަށާއި އިިތުރު ފިޔަވަޅެއް އެޅުން މަޑުޖައްސާލަން ވަގުތީ އަމުރަކަށް
ސިޓީ ކައުންސިލުން ވަނީ މިތަން ތަރައްގީކުރަން އެހެން ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ސެޕްޓެމްބަރު 20ގައި ފަށާފަ އެވެ.
ބުނީ ކީކޭ - ސިޓީ ކައުންސިލުން ބުނީ އެއްބަސްވުމުގައި ބުނި ތާރީހަށް މަސައްކަތް ނުނިމޭތީ، އެއްބަސްވުމުގެ މުއްދަތު ހަމަވެއްޖެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ކޯލައިނުން މަސައްކަތް ކުރިޔަށް ނުދާ ސަބަބެއް ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
ކޯޓުން ވަނީ މި މައްސަލައިގައި ކޯލައިނުން އެދުނު ގޮތަށް ވަގުތީ އަމަރު ނެރެދީފަ އެވެ. އަދި ފުޓްސަލް ދަނޑުތައް ތަރައްގީކުރުން އެހެން ބަޔަކާ ހަވާލުކުރަން ސިޓީ ކައުންސިލުން ފަށާފައިވާ މަސައްކަތް ހުއްޓުވާފަ އެވެ.
މި މައްސަލައިގައި ކޯޓުން ކޯލައިން ކޮޅަށް ބުރަވީ މައިގަނޑު ސަބަބަކީ، އެއްބަސްވުން ބާތިލުކުރީ މަސައްކަތެއް ނުކުރާތީ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވީ ނަމަވެސް، ބާތިލުކުރި ނޯޓިސް ފިޔަވާ އިތުރު ނޯޓިސްއެއް ފޮނުވާފައި ނުވާތީ އެވެ.
މާލޭގައި އަޅާ ފުޓްސަލް ދަނޑުތަކެއްގެ އެއްބަސްވުން ބާތިލުކުރުން ސިވިލް ކޯޓުން ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ