އެމްބީއޭގެ ރައީސް ކަމަށް މެމްބަރު ސިނާނާއި މަމްދޫހް

މައްސަލަ ޖެހިފައިވާ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އިންތިހާބްގައި ރައީސް ކަމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި އެމްއާރުޑީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު މަމްދޫހް (މަންޑޭ) ކުރިމަތި ލައްވައިފިއެވެ. މިމަހު 20 ވަނަ ދުވަހު ބޭއްވުމަށް ހަމެޖެހިފައިވާ އެމްބީއޭގެ ރައީސް ކަމަށް ސިނާން އާއި މަމްދޫހްގެ އިތުރުން ދެން ކުރިމަތިލާފައި ވަނީ އަޙްމަދު އާދަމެވެ. އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ފަހަނަ އަޅައި ގޮސް އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވި އިރު އިންތިހާބެއް ނުބޭއްވި ދިގުލައިގެން ދިއުމާ ގުޅިގެން ހޯމް މިނިސްޓްރީން ވަނީ، އެކްސްކޯގެ ދައުރު އިތުރު ތިން މަސް ދުވަހަށް އިތުރުކޮށްދީފަ އެވެ. އިންތިހާބު ނުބޭއްވި އުފެދިފައިވާ މައްސަލައަށް ހައްލު ހޯދުމަށް އެމްބީއޭއިން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އެހީއަށް އެދިފަ އެވެ. އޮލިމްޕިކް ކޮމެޓީ އިން ވަނީ އެމްބީއޭ އާއި ސްޕޯޓްސް ކޮމިޝަނާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ތިން މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލުމަށް ފަހު އިންތިހާބު ބޭއްވުމުގެ ހުރިހާ ކަމައް އެ ކޮމެޓީ އާއި ހަވާލު ކުރައްވާފަ އެވެ. ކުރިމަތި ލުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާ އިރު، އިންތިހާބުގައި ވާދަ ކުރެއްވާނެ ކެނޑިޑޭޓުންގެ ނަންތައް ކޮމިޓީ އިން ވަނީ މިހާރު އިއުލާން ކޮށްފައެވެ. ނައިބު ރައީސް ކަމަށް މިހާރުގެ ސެކެޓްރީ ޖެނަރަލް އާރިފް ރިޒާ އާއި ހަސަން އިސްމާއިލް ކުރިމަތިލާފައިވާ އިރު ހަޒާންދާރުގެ މަގާމަށް ކުރިމަތިލާފައި ވަނީ ރައީސް ކަމަށް ކުރިމަތިލެއްވި އަހުމަދު އާދަމްގެ އިތުރުން ހުސައިން ފަޟީލް އާއި މުހައްމަދު ޟިޔާއު އެވެ. އެކްސްކޯގެ ފުރިހަމަ މެމްބަރު ކަމަށް 10 މެމްބަރުން އަދި އަމިއްލަ މެމްބަރުންނަށް ވަނީ ދެ މެމްބަރަކު ކުރިމަތިލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ