ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކ. މާފުށީގެ ބިން އެރަށު ރައްޔިތުން އަމިއްލައަށް ހިއްކުމަށް އެމްޑީޕީގެ ރައީސް އަދި މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.
އެމްޑީޕީ ޓިކެޓުގައި މާލެ އަތޮޅު ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އާދިލް ސަލީމްގެ ކެމްޕޭނު ހަރަކާތެއްގައި މާފުށީގައި ވާހަކަ ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ މާފުށީ ފަޅު ތެރެއިން ބިން ހިއްކުމުގެ މަޝްރޫއެއްގެ ވާހަކަ ސަރުކާރުން ވެސް ދައްކަމުން އަންނަ ކަމަށާއި އެކަމަށް އެރަށުގެ ބައެއް ރައްޔިތުން ވެސް އެދެމުން އަންނަކަމަށެވެ.
"މިކަން [ބިން ހިއްކުން] ސަރުކާރުން މާފުށީ ރައްޔިތުންނަށް ކޮށްދޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބޭކަމަށް މާފުށީ ބައެއް ރައްޔިތުން އާޅުގަނޑު ގާތުގައި އެބަބުނޭ. އަޅުގަނޑު މިއަދު ބުނަން ބޭނުން އިންތިޒާރުގައި ތިބުން ހުއްޓަވާލައްވާށޭ. އަމިއްލައަށް ތިޔަކަން ކުރައްވަން އުޅުއްވާށޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މާފުށީގެ ރައްޔިތުން ވިޔަފާރީގެ ގޮތުން ކުރިއަރާފައިވާ ކުރިއެރުންތަކުގެ އިބުރަތް ވޯލްޑް ބޭންކުން ވެސް ލިބިގަންނަ ކަމަށާއި އެހެންކަމުން މާފުށީގެ ފަޅުގެ ތެރެއިން ބައެއް ހިއްކުމަށް އެރަށު ރައްޔިތުން އެދޭނަމަ އެކަން ކުރުމުގެ ގާބިލުކަން އެރަށު ރައްޔިތުންގެ ކިބައިގައި އެބަހުރި ކަމަށެވެ.
އަދި އެމްޑީޕީގެ "އެޖެންޑާ 19" އިން މާފުށީ ރައްޔިތުންނަށް ކޮށްދޭނެ އެންމެ މުހިންމު ހިދުމަތަކީ މާފުށި އަލުން އަނބުރާ މާފުށީ ރައްޔިތުނަށް ހޯދައި ދިނުން ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ކައުންސިލްތަކަށް ގާނޫނީ ގޮތުން ދޫކުރެވެން ހުރި ހުރިހާ ބާރެއް ދޫކޮށް ކައުންސިލްތައް ލާމަރުކަޒީ ކުރުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ.
މާފުށީ ރައްޔިތުން އަމިއްލައަށް އެރަށުގެ ބިން ހިއްކުމަށް ރައީސް ނަޝީދު އެދިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ