ޖަޕާނުގައި ރޭވި މެޗު މޫސުން ގޯސްވެގެން ނުކުޅެވުނު، ބެންގަލޫރަށް ގައުމީ ޓީމު ދާނީ ލަންކާގައި މަޑުކޮށްފައި

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ ރާއްޖޭގެ ގައުމީ ޓީމުން ޖަޕާނުގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި ކުޅެން ރޭވި އެކުވެރިކަމުގެ މެޗު ނުކުޅެވުނީ މޫސުން ގޯސްވެގެން ކަމަށާއި، ބެންގަލޫރަށް ޓީމު ދާނީ ސްރީ ލަންކާގައިވެސް ކޮންމެވެސް ވަރެއްގެ ތަމްރީނުތަކެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށް މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ވިދާޅުވެއްޖެއެވެ.
އިންޑިއާގައި މި މަހު 21 ވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމުގެ 23 ކުޅުންތެރިން ޖަޕާނަށް ފުރީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. ޓީމުން ޖާޕަނަށް ގޮސް އެކުވެރިކަމުގެ އެއް މެޗު ކުޅެން ހަމަޖައްސާފައި އޮތް ނަމަވެސް، އިއްޔެ ލަންކާއަށް ދިޔައީ މެޗެއް ނުކުޅެއެވެ. ބެންގަލޫރަށް ދިއުމުގެ ކުރިން ޓީމު ލަންކާގައި މަޑުކުރަން ޖެހިފައިވާ އިރު، ޝިބާ ރޭ "ވަން"އަށް ވިދާޅުވީ ބެންގަލޫރަށް ދާނީ ލަންކާގައި ދެ ދުވަހުގެ ތަމްރީނުތަކެއް ހަދާފައި 17 ވަނަ ދުވަހު ކަމަށެވެ.
"ކުޅެން އޮތް އެކުވެރިކަމުގެ މެޗު ވިއްސާރައިގެ ސަބަބުން ޖެހުނީ ކެންސަލް ކުރަން. ޖަޕާނުގެ ޓީމަކާ ދެކޮޅަށް ކުޅެން އޮތް އެކުވެރިކަމުގެ މެޗަށް ދެޓީމު ތައްޔާރުވި ނަމަވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދެޓީމުގެ އޮފިޝަލުންނާއި ރެފްރީން ނިންމީ އެދުވަހު މެޗު ނުކުޅުމަށް. ޓީމު ލަންކާގައި މިވަގުތު ތިބީ. މިތަނުގައި ދެ ދުވަހު ތަމްރީނުތައް ހަދާފައި ދާނީ ބެންގަލޫރަށް. ބެންގަލޫރަށް ދާނީ 17 ގައި،" ޝިބާ ވިދާޅުވިއެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް މިމަހުގެ 21 އިން އަންނަ މަހުގެ ހަތަރަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވަން ތާވަލުކޮށްފައިވާ އިރު، މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޖުމުލަ 8 ޓީމަކުން ވާދަކުރާނެއެވެ. އެއީ ސާފްގެ ހަ ގައުމަކާއި ސަރަހައްދުން ބޭރުގެ ދެ ގައުމެކެވެ. ސަރަހައްދުގެ ގައުމުތަކުގެ ގޮތުގައި މުބާރާތުން ފެންނާނީ ރާއްޖެއާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝް އާއި ބޫޓާންގެ އިތުރުން ޕާކިސްތާނާއި ނޭޕާލެވެ.
މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް ދައުވަތު ދެވިގެން ސަރަހައްދުން ބޭރުން ވާދަކުރާނީ މެދުއިރުމަތީގެ ދެ ގައުމު ކަމަށްވާ ލުބުނާނާއި ކުވައިތެވެ.
ގައުމީ ޓީމުން ދިޔަ ޖަޕާނުގެ ކޭމްޕާ ގުޅޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން "ވަން"އަށް އެކްސްކްލޫސިވްކޮށް ވިދާޅުވީ އެއް މެޗު ކުޅެން ރާވާފައި އޮތް ކަމަށާއި، ސާފްގެ ކުރިން ގިނަ މެޗުތަކެއް ކުޅެން ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބޭނުން ނުވަނީ އަނިޔާއަށް ސަމާލުވުމަށް ކަމަށެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ބޫޓާނާއި ބަންގްލަދޭޝް އަދި ލުބުނާނެވެ. ޓީމަށް އެފްއޭއެމްއިން ކަނޑައަޅާފައިވާ ޓާގެޓަކީ ތަށްޓެވެ. މީގެ ކުރިން ރާއްޖެއިން ސާފް ތަށި ހޯދީ 2008 އަދި 2018 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ