"ޕީއެސްއެމް ނިއުސްއަކީ ޤައުމިއްޔަތަށް ހިތްވަރުދޭ ޗެނަލެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ"

ޕީއެސްއެމް ނިއުސްއަކީ، ދިވެހި ބަހާއި، ޤައުމިއްޔަތާއި އަދި ދިވެހި ޘަޤާފީ ތަރިކަ ރައްކާކުރުމަށް މުޅި ރާއްޖެއަށް ހިތްވަރުދޭ ޗެނަލެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވުމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަހުގެ އެވޯޑް ޝޯވ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ޕީއެސްއެމް ނިއުސް އުފެއްދުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެއްގެ ޙައިސިއްޔަތުން ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޕީއެސްއެމް ނިއުސް ޓީމުންކޮށްފައިވާ މަސައްކަތްތަކާ މެދު އުފާކުރައްވާކަމަށެވެ. އަދި ރައްޔިތުންނަށް އުނގަންނައިދިނުމުގައާއި ހޭލުންތެރިކުރުވުމުގައި ނިއުސް ޗެނަލުންކޮށްފައިވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ހީނާގެ ވާހަކަފުޅުގައި ވިދާޅުވީ، ދައުލަތުގެ މީޑިއާ ޗެނަލްއަށްވުމަކީ އެކަމުގައި އިތުރު ޒިންމާއެއް އަދި މަސްއޫލިއްޔަތެއް މިނިއުސްރޫމްގައި މަސައްކަތްކުރާ މުވައްޒަފުން އުފުލަންޖެހޭކަމެއްކަމަށެވެ. އެގޮތުން ޚަބަރެއް ބްރޭކްކޮށްލުމުގެ ކުރިން އެކަމުގެ ޙަޤީޤަތް ބެލުމުގެ ޒިންމާ ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަކީވެސް ޕީއެސްއެމް ނިއުސްގެ ޒިންމާއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ ދިވެހި ބަހާއި، ޤައުމިއްޔަތާއި، ޘަޤާފީ ތަރިކަ ރައްކާކުރުމަށް މުޅި ރާއްޖެއަށް ހިތްވަރުދީ، ބޮޑެތިވަމުން އަންނަ ކުދިންގެ ހިތްތަކުގައި އެކަންކަމަށް ލޯބިޖައްސާ ޗެނަލެއްގެ ގޮތުގައި ޕީއެސްއެމް ނިއުސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
"ދިވެހި ބަހާއި، ޤައުމިއްޔަތާއި، ދިވެހި ޘަޤާފީ ތަރިކަ ރައްކާކުރުމަށް މުޅި ރާއްޖެއަށް ހިތްވަރުދީ، އެކަމުގެ މަޢުލޫމާތުތައް ފަތުރާ، އަޅުގަނޑުމެންގެ ކުޑަކުދިންގެ ހިތްތަކުގައި، ދިވެހި ބަހަށް ލޯބި ޖައްސާ، އެކުދިންނަކީ އަޅުގަނޑުމެންގެ އާދަކާދައާއި ޘަޤާފަތާއި ތަރިކައަށް ހޭލުންތެރި، ބަޔަކަށްވުމަށްޓަކައި އަދާކުރަންޖެހޭ މުހިއްމު ދައުރު އަދާކުރާ ނިއުސް ޗެނަލްއަކަށްވުން، އެއީ އަޅުގަނޑު ޕީއެސްއެމް ނިއުސްއިން ދެކެން ބޭނުންވާ ދުވަހެއް." ވަޒީރު ވިދާޅުވިއެވެ.
ފަންނާ ބެހޭ ވަޒީރު ހީނާ ވިދާޅުވީ، ޕީއެސްއެމް ނިއުސްއަކީ މިއަދު ރާއްޖޭގައި ވަރަށް ކުރިއަރާފައިވާ، ކިޔަވައިގެންތިބި ޤާބިލު ޓީމެއް އޮތް ނިއުސްރޫމެއްކަމަށެވެ. އަދި ޕީއެސްއެމްގެ އެވޯޑް ޝޯވއިން ފެނިގެންދިޔައީ ޕީއެސްއެމް ނިއުސް ޓީމުގައި ރައްޔިތުންނަށް އުފެއްދުންތެރި ކޮންޓެންޓު ގެނެސްދިނުމުގައި އޮތް ވާދަވެރިކަމާއި ފޯރިކަމަށް ވަޒީރު ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަހު ބޭއްވި އެވޯޑް ޝޯވގައިވަނީ ތަފާތު 19 ދާއިރާއަކުން ވޭތުވެދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ