ލަލީގާގެ 97 އަހަރުގެ ތާރީހުގައި މިހާތަނަށް ލަލީގާގެ ޗެމްޕިއަންކަން، އެލް ކްލެސިކޯގެ މެޗެއްގައި ކަށަވަރުވެފައެއް ނުވެ އެވެ. އެކަމަކު އެ ތާރީހު ބަދަލުކޮށްލަން ބާސެލޯނާއަށް މިހާރު އެ އޮތީ ފުރުސަތު ލިބިފަ އެވެ.
މި މަހު 10 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 12 ޖަހާއިރު ބާސެލޯނާ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލެވުނަސް ލަލީގާގެ ޗެމްޕިއަންކަން ބާސެލޯނާއަށް ކަށަވަރުވާނެ އެވެ.
ސްޕެއިންގެ މި ވަރުގަދަ ދެ ޓީމުގެ ވާދަކުރުންތައް މަޝްހޫރު ވެފައި އޮންނަނީ އެލް ކްލެސިކޯގެ ގޮތުގަ އެވެ.
ރޭ އެސްޕެންޔޯލް އަަތުން 2-0 އިން ރެއާލް މޮޅުވުމާ އެކު ބާސެލޯނާއަށް އަދި އޮތީ ތަށި ކަށަވަރުކުރަން މަޑުކޮށްލަން ޖެހިފަ އެވެ. ދެ ޓީމުގެ ދެމެދު 11 ޕޮއިންޓްގެ ތަފާތެއް އެބަ އޮތެވެ.
ރޭ ރެއާލްއަށް ދެ ލަނޑު ވެސް ޖަހައިދިނީ ވިނީޝިއަސް ޖޫނިއާ އެވެ.
ރޭގެ މެޗު އެއްވަރުވި ނަމަ އެލް ކްލެސިކޯގެ ވާދަވެރިކަމަށް ދެ ޓީމު ނުކުންނަ އިރު ބާސެލޯނާގެ ޝަރަފުގައި ރެއާލް ކުޅުންތެރިން އެތުރެން ޖެހުނީހެވެ. ނަމަވެސް ރެއާލް ރޭ މޮޅުވުމުން ބާސެލޯނާއަށް ޗެމްޕިއަންކަން ކަށަވަރުވާން ޕޮއިންޓެއް ބޭނުންވާތީ، ކުރިއަށް އޮތް މެޗަށް ނުކުންނަ އިރު ގާޑް އޮފް އޮނާއެއް ދޭކަށް ނުޖެހޭނެ އެވެ. އެހެންކަމުން ރެއާލްގެ ކުޅުންތެރިންނަށް އެއީ އޮތް ހިތްހަމަޖެހުމެކެވެ.
ކުރިއަށް އޮތް ހަތަރު މެޗުން ބާސެލޯނާ މޮޅުވެއްޖެ ނަމަ ޗެމްޕިއަންކަން އެ ލިބެނީ ޖުމްލަ 100 ޕޮއިންޓް ހޯދައިގެންނެވެ. މީގެ ކުރިން އެވަރަށް ޕޮއިންޓް ހޯދީ 12-2011 ސީޒަންގައި ރެއާލް މެޑްރިޑް އާއި 13-2012ގައި ބާސެލޯނާ އެވެ.
ބާސެލޯނާ، ކުޅުނު 34، ފައިދާ ގޯލް 58، ޕޮއިންޓް 88
ރެއާލް މެޑްރިޑް، ކުޅުނު 34، ފައިދާ ގޯލް 39، ޕޮއިންޓް 77
އެލް ކްލެސިކޯގައި ލަލީގާގެ 97 އަހަރުގެ ތާރީހު ބަދަލުކޮށްލަން ބާސެލޯނާއަށް ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ