އޭޑީއެޗުޑީ ހުންނަ ކުދިންގެ ބޭހެއް މަނާ ޑްރަގު ލިސްޓުން އުނިކުރަން ފޮނުވައިފި

އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗުޑީ) ހުންނަ ކުދިންނަށް ދޭ ބޭހެއް، މަނާ ޑްރަގު ލިސްޓުން އުނިކުރުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފި އެވެ.
ވީ ކިހިނެއް؟ - ނޭޝަނަލް ޑްރަގު ކޮންޓްރޯލް ކައުންސިލުން ދިން ލަފައަކާ އެކު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްގެން މި މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި ރައީސް މުއިއްޒު ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ފޮނުއްވާފަ އެވެ. އަދި މިއަދުގެ މަޖިލިސް ޖަލްސާގައި ރިޔާސަތުން އެ މައްސަލަ ހުށަހެޅި އެވެ.
ތަފްސީލު - ރައީސް މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި:
މަނާ ޑްރަގު ލިސްޓުން އުނި ކުރުމަށް އެދިވަޑައިގަންނަވަނީ 'މިތައިލްފެނިޑޭޓް'
އެ ބޭހަކީ އޭޑީއެޗުޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަކަށް ބޭނުން ކުރާ ބޭހެއް
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1ގައި ލިސްޓުކޮށްފައިވާ މަނާ ޑްރަގުތަކުގެ ތެރޭގައި އެ ބޭސް ހިމެނޭ
އެހެންވެ، ސިޓީގައި ރައީސް އެދިވަޑައިގެންފައިވަނީ، ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ގޮތަށް މަނާ ޑްރަގު ލިސްޓުން އެ ބޭސް އުނިކޮށްދިނުމަށް މަޖިލީހުން ރުހުން ދިނުމަށެވެ.
އެނގުން މުހިންމު - މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 4-3 ވަނަ މާއްދާގައިވާ ގޮތުން، އެ ގާނޫނުގެ ޖަދުވަލު 1ގައި ހިމެނޭ މަނާ ޑްރަގު ލިސްޓަށް އުނިއިތުރެއް ގެނެވޭނީ، ނޭޝަނަލް ޑްރަގު ކައުސިލުން ދޭ ލަފައާ އެކު، ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ފަހު، މަޖިލީހުގެ ރުހުމާ އެކު އެވެ.
އެގޮތަށް މަޖިލީހަށް ހުށަހަޅާތާ 14 ދުވަސް ތެރޭ ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ