ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
7 ވޯޓުފޮށީގެ ތެރެއިން އައްޑޫ ސިޓީގައި 5 ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލޭގައި 2 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ސިޓީގައި ވޯޓުފޮށިތައް ބަހައްޓަނީ ހިތަދޫ ސްކޫލުގައެވެ. މާލޭގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައެވެ.
މި ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މިހާރު ވަނީ މި ފޮށިތަކަށް ވޯޓުލެވޭނެ މީހުންގެ ލިސްޓުވެސް އާންމުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4,114 މީހަކަށް ލިބިގެންވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލާފައިވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހްމަދު ސައީދާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސާދިގުއެވެ.
މި ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، 2024 ވަނަ އަހަރު މި ދާއިރާއަށް އިންތިހާބުވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކާފައިނުވާތީއެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ކުރި ހުކުމާއެކު އޭނާގެ މެންބަރުކަމުގެ ގޮނޑި ވަނީ ގެއްލިފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި 7 ވޯޓުފޮށި ބަހައްޓަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ