ވީ އެންމެ އަވަަހަކަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް އެމަނިކުފާނުގެ ދަރިކަނބަލުން އަދި މިސަރުކާރުގެ ފުރަތަމަ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ އިންސާނިއްޔަތުކަމަށްޓަކައިވެސް ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް އިއްޔެ ކްރިމިނަލް ކޯޓްގައި ރައީސް މައުމޫން އެދިވަޑައިގެންފައިވާތީ އެކަމާއި ގުޅިގެން މިއަދު ވީމީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ދުންޔާ މައުމޫން ވިދާޅުވީ އިއްޔެ ކްރިމިނަލް ކޯޓްގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިންސާނިއްޔަތުކަމަށްޓަކައި އަދި އުމުރާއި، ސިއްހަތަށް ބެއްލެވުމަށްފަހު ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގެންފައިވާކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް ދުންޔާ ގޮވާލެއްވިއެވެ.
ރައީސް މައުމޫނަކީ ރާއްޖޭގައި 30 އަހަރު ވެރިކަންކުރައްވާ، ގައުމު މިއަދު މިދެކޭ ތަރައްގީގެ ހަގީގީ ބާނީކަން ފާހަގަކުރައްވާ ދުންޔާ މައުމޫން ވިދާޅުވީ ރައީސް މައުމޫނާއިމެދު އަމަލުކުރެވޭގޮތާއިމެދު ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރިކަމަށެވެ. އަދި ރައީސް މައުމޫނާއިމެދު މިހާރު އަމަލުކުރެވޭގޮތަކީ ބަލަައިގަނެވޭނެކަމެއް ނޫންކަން ގިނަ ރައްޔިތުންގެ ވާހަކަތަކުން ހާމަވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
އަދި ވިދާޅުވީ ރައީސް މައުމޫނަކީ އަބަދުވެސް ގާނޫނާއި ގަވާއިދާއި އެއްގޮތަށް ނޫނީ އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫންކަމަށާ ގާނޫނާއި ޚިލާފުކަމެއް ރައީސް މައުމޫން ކުރައްވާފައިނުވާނެކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުގެ ބައްޕަ ގާނޫނާއި ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ކުރައްވާފައިވާނެކަމަށް." ދުންޔާ މައުމޫން ވިދާޅުވިއެވެ.
ދުންޔާ މައުމޫން ވިދާޅުވީ ކޮންމެ ގޮތަކުން އުފައްދައިގެން ނަމަވެސް ރައީސް މައުމޫން މައްޗަށް ކުރެވޭ ތުހުމަތަކެއް އެބައޮތްކަމަށާ އެހެންކަމުން އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގި ނަމަވެސް ޖަލުގައި ބަންދުކޮށްގެން ގެންގުޅެންޖެހޭ ސަބަބެއް ނެތްކަމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ހާލަތަށް ރިއާޔަތްކުރުމަށްފަހު ގޭ ބަންދަށް ބަދަލުކުރުމުގެ އުސޫލުތަކެއް ހުންނަކަމަށާ އެކަމަނާ ޚާރިޖީ ވަޒީރުކަމުގައި ހުންނެވި ދުވަސްވަރުވެސް ސަރުކާރުން އެކިއެކި ބޭބޭފުޅުންނަށް މިގޮތަށް ލުއި ދީފައިވާކަމަށެވެ.
އަދި ރައީސް މައުމޫން ގޭ ބަންދުގައި ބެހެއްޓުމަކީ މުޖްތަމައުއަށް އެކަމުން ނުރައްކަލެއް އޮންނާނެކަމެއް ނޫންކަން ފާހަގަކުރައްވާ ވީ އެންމެ އަވަހަށް ބައްޕަ ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް ދުންޔާ ވަަނީ އެދިވަޑައިގެންފައެވެ.
ދުންޔާ މައުމޫން ވިދާޅުވީ އުމުރުފުޅުން 80 އަހަރުފުޅުގެ މަތީ ބޭފުޅަކު ޖަލުގައި އެކަހެރިކޮށް ގެންގުޅެނިކޮށް، ކަމެއް ދިމާވެދާނީ ދަރިކަނބަލެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ. އަދި ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު އަންގައިދޭ ޑޮކްޓަރު ލިޔުންތައްވެސް ހުރުމާއިއެކު ރައީސް މައުމޫނަށް ލުޔެއް ދެއްވުމަށް ސަރުކާރަށް ނިންމެވިދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ އެދުމަކީ ވީ އެންމެ އަވަހަށް ބައްޕަ ގޭ ބަންދަށް ބަދަލުކޮށްދެއްވުން." ދުންޔާ ވިދާޅުވިއެވެ.
ވީ އެންމެ އަވަހަށް ބައްޕަ ގޭ ބަންދަށް ބަދަލުކޮށްދެއްވާ: ދުންޔާ މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ