މައުމޫން އެކަންޏެއް ނޫން، ކޮންމެ ރައްޔިތަކީ ވެސް ކުށްވެރިއެއް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމަށް، މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް އެބޭފުޅުން ހާޒިރުކުރުމުން އެތައް ބަޔަކު އެކަމަށް ހާއްސަ ސަމާލު ކަމެއް ދިނެވެ. ވަކިން ހާއްސަކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފްގެ އަރިހުގައި އާދޭސް ކުރައްވައި މައުމޫން ދެންނެވި ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.
އެއީ، 80 އަހަރުން މަތިވެ މުސްކުޅިފުޅު އުމުރުގައި، ކުށަކާ ނުލައި ގިނިކަންޏާ ޖަލުގައި ހުންނަވަން ޖެހުމުން، ސިއްހީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުން، އިންސާނިއްޔަތަށްޓަކައި ނަމަވެސް ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެން އެމަނިކުފާނު ކުރެއްވި އާދޭހެކެވެ.
މައުމޫންގެ އެ ވާހަކަފުޅުން އެއް ބައެއްގެ ލޮލުން ކަރުނަ ފާއްދައިލި އެވެ. އަނެއް ބަޔަކު އެ ވާހަކަފުޅަށް ޖަދަލު ކުރަން ފެށީ ގާނޫނީ އަދި ޝަރުއީ އެއްވެސް ހުއްޖަތެއް ނެތި އެވެ. އަނެއް ބަޔަކަށް ގަބޫލުކުރެވިގެން އުޅެނީ، މައުމޫނަކީ ކުށް ސާބިތުވެގެން ޖަލަށް ލާފައި ހުރި ގައިދީއެއް ކަމަށެވެ.
މިހާތަނަށް ގާނޫނީ ގޮތުންނާއި ޝަރުއީ ހަމަތަކުގެ މަތިން ސާބިތުވެ ދެމިއޮތް ހަގީގަތަކީ، މައުމޫނަކީ ކުށްވެރިއެއް ނޫން ކަމެވެ. އެއީ ޝަރުއީ ކޯޓަކުން މައުމޫންގެ މައްޗަށް ކުށެއް ސާބިތުވެފައި ނެތަތީ އެވެ.
އިސްލާމީ ފިގުހީ ގާއިދާއެއްގައި ބުނެފައި އޮންނަނީ "އަސްލަކީ ޒިންމާ އިން ބަރީއަވެގެން ވުން" ކަމަށެވެ. މާނައަކީ އެ މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ސާބިތު ނުވާހާ ހިނދަކު އެ ކުށެއްގެ ޒިންމާ އިން އޭނާ ބަރީއަވެގެންވުމެވެ.
ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ކ)، ކުރީގެ ރައީސް މައުމޫން (މ) އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު.-- މިހާރު ފޮޓޯ
މައުމޫން ނޫނަސް، ކޮންމެ މީހަކު ވިޔަސް، އެމީހަކާ ދޭތެރޭގައި ޔަގީން ކުރަންޖެހޭނެ ހަގީގަތަކީ އޭނާގެ މައްޗަށް ކުށެއް ސާބިތު ނުވާހާ ހިނދަކު އެމީހަކީ ކުށެއް ނުކުރާ މީހެއް ކަމެވެ. ޝަރުއީ ހަމަތަކުގެ މަތިން، މި ޔަގީންކަން ނަފީ ކުރެވޭނީ އެފަދަ އެހެން ޔަގީންކަމެއް ސާބިތުވެގެންނެވެ. ކުރެވޭ ހީއަކަށް ނުވަތަ ކުރެވޭ ޝައްކަކަށް ބިނާކޮށް، އެ ޔަގީންކަން ނަފީއެއް ނުކުރެވޭނެ އެވެ. އެއީ އިސްލާމީ ފިގްހުގައި "ޝައްކަކުން ޔަގީންކަމެއް ނުފިލުވޭނެ" ކަމަށް އޮންނަ ގާއިދާގެ ދަށުންނެވެ.
ނަމަވެސް، މައުމޫންގެ އެ އާދޭސްތަކަށް ރައްދުދީ ބައެއް މީހުން ބުނަނީ ކުށްވެރިވުމުން، ކުރީގެ ރައީސެއް ކަމަކު ހުންނަން ޖެހޭނީ ޖަލުގައި ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އިންސާނިއްޔަތުކަމަށްޓަކައި ވިޔަސް ޖަލުން މިނިވަން ވާން ބޭނުން ނަމަ، ކުށެއް ނުކުރައްވާ ކަން ސާބިތު ކޮށްދިނުމަކީ މައުމޫންގެ ޒިންމާއެއް ކަމަށެވެ.
ޖިނާއީ ދައުވާތަކުގެ ތެރެއިން، ރައީސް މައުމޫންގެ މައްޗަށް މިހާތަނަށް ކޮށްފައިވަނީ، މުޠުލަޤް މަސްއޫލިއްޔަތު އުފުލަންޖެހޭ ބާވަތުގެ ކުށެއްގެ ދައުވާއެއް ނޫނެވެ. އެހެންކަމުން ގާނޫނީ ހަމަތަކުގެ މަތިން އެފަދަ ތުހުމަތެއް ކުރެވިފައިވާ މީހަކު އެ ތުހުމަތުން ބަރީއަވުމަށްޓަކައި ކުރަންޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ އެވެ.
ތުހުމަތުކުރެވޭ މީހާ ކުރަން ޖެހޭނެހާ ވެސް ކަމަކީ އެ މީހެއްގެ މައްޗަށް އުފުލިފައިވާ ދައުވާ އަށް އިންކާރު ކުރުމެވެ. އެހާ ހިސާބުން، ޝަރުއީ އަދި ގާނޫނީ މަފްހޫމުގައި އެ އުފެދުނީ ކުރެވުނު ތުހުމަތުގެ ސައްހަކަމާ މެދު ޝައްކެކެވެ.
ފަނޑިޔާރު އަލީ ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ދޫނިދޫއިން ގެނައުމުން މާލެއަށް ފައިބައިވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބުނެފައިވެ އެވެ؛ އެމީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތުގައި ސާބިތު ނުކުރެވޭ ނަމަ، އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ހައްގު ލިބިގެންވެ އެވެ.
އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކުރުމަކީ ކޮބައިކަން މާނަކޮށްދެމުން، ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 86 ވަނަ މާއްދާގައި ބުނެފައިވަނީ؛ "ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުން ކަމަށް ބުނެފައި އެވަނީ ހެކީގެ މިންގަނޑުތަކުގެ އެންމެ މަތީ ދަރަޖައިގެ ހެކިބަހުން ސާބިތުވާ ސާބިތުވުމަށެވެ. އަދި އެ މިންގަނޑުން ކޮށްދޭ ކަމަކީ ސާބިތު ކުރުމަށް ބޭނުންވާ ކަމުގެ ތެދުކަމާ މެދު އެކަށީގެން ނުވާ ގޮތުގައި އެއްވެސް ޝައްކެއް އުފެދޭނެ ފުރުސަތު ނުދިނުމަށެވެ."
ހަމަގައިމު ވެސް މިހާތަނަށް މައުމޫންގެ އަސްލިއްޔަތު (ކުށުން ބަރީއަވެގެންވުން) ނަފީކުރެވޭ ފަދަ ހެއްކެއް ޝަރުއީ ހަމަތަކުން ސާބިތުވެފައެއް ނެތެވެ. "ކިތާބީ ހެކި" ހުރި ކަމަށް ބުނެ ހައްޔަރު ކުރި މީހާގެ މައްޗަށް، ހެކި ނައްތައިލުމުގެ ދައުވާ ކުރަނީ ވެސް އެހެންވެތާ އެވެ.
ޖިނާއީ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތު ކުރެވެނީ ދެ މިންގަނޑަކުންނެވެ. އެއީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކުރުމާއި އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކުރުމެވެ. މީގެ ތެރެއިން، އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރަންޖެހެނީ ހައްދުތަކާއި ގިސާސްތަކުގަ އެވެ. އެ ނޫން ޖިނާއީ ކޮންމެ ކުށެއް، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެގެން ނޫނީ ތުހުމަތުކުރެވޭ މީހާ ކުށްވެރިއެއް ނުވާނެ އެވެ.
އެހެންކަމުން ދެން އޮތީ އެ ޝައްކު ފިލުވާލައި އެމީހާގެ މައްޗަށް އެ ކުށް ސާބިތު ކުރުމުގެ މަސްއޫލިއްޔަތެވެ. އެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ކާކު ހެއްޔެވެ؟
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކޯޓަށް ހާޒިރު ކުރުމަށް ޕޮލިސް ލޯންޗުގައި މާލެ ގެންނައިރު، އަތްޕުޅުން ސަލާމް ކުރައްވަނީ.----ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ގާނޫނުލްއުގޫބާތުގެ 15 ވަނަ މާއްދާގެ (ށ)ގެ (2) ގައި ބުނެފައިވާ ގޮތުގައި އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދިނުމަކީ ދައުވާ ކުރާ ފަރާތުން އުފުލަންޖެހޭ ޒިންމާއެކެވެ. ރާއްޖޭގައި ޖިނާއީ ދައުވާތައް ކުރަނީ ދައުލަތުގެ ފަރާތުން ކަމަށްވާ އިރު، ދައުލަތުގެ ނަމުގައި ޖިނާއީ ދައުވާ އުފުލާ ފަރާތުގެ ހައިސިއްޔަތުން އެ ޒިންމާ އުފުލަންޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލް އެވެ.
ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ފަދަ ބޭފުޅުންނަށް ކުރާ ތުހުމަތުތަކަށް އެބޭފުޅުން ވަނީ އިންކާރު ކުރައްވައިފަ އެވެ. އެހެންކަމުން އެ ތުހުމަތުތަކުގެ ސައްހަކަމާ މެދު މިހާރު އެ އޮތީ ޝައްކު އުފެދިފަ އެވެ. ދެން ހެއްކާއި ހެކިތަކަށް ބާރު ލިބިދޭ ގަރީނާތައް ހުށަހަޅައިގެން ޝަރުއީ މިންގަނޑުން އެ ތުހުމަތުތައް ސާބިތު ކުރުމަކީ، ދައުލަތުގެ ޒިންމާއެކެވެ.
"ޖިނާއީ އިޖުރާއާތުގެ އެންމެ އަސާސީ އުސޫލަކީ އެއީ، އެ މީހަކީ ކުށްވެރިއެއް ކަން ސާބިތުނުވާހާ ހިނދަކު ކުށެއް ނެތް މީހެއް ކަމުގައި ގަބޫލުކުރުން. އެ މީހަކީ ކުށުން ބަރީއަވެގެންވާ، މީހެއް ކަމަށް ގަބޫލު ކުރުމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހައްގެއް. އަދި އެއީ ހަނި ނުކުރެވޭނެ ހައްގުގެ ތެރޭގައި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ހައްގެއް،" ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވާ ގޮތުގައި ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭ މީހެއް ކަމަށް ވިޔަސް ވެސް، އެ މީހެއްގެ މައްޗަށް އެ ކުށެއް ސާބިތު ނުވާހާ ހިނދަކު އެ މީހަކަށް އަދަބެއް ދިނުމަކީ ގާނޫނާ ޚިލާފު ކަމެކެވެ.
"ކުށެއް ސާބިތު ވިޔަސް، ގާނޫނުގައި އެ ކުށަކަށް ދޭން އޮންނަ އަދަބު ފިޔަވައި އެހެން އަދަބެއް، އަނިޔާއެއް ނުދެވޭނެ. ޖަލަށް ލާން އޮންނަންޏާ އެމީހަކު ޖަލަށް ލައިގެން އެމީހެއްގެ އާންމު މިނިވަންކަން ހިފެހެއްޓޭނީ. އޭގެ މާނައަކީ، ކިތަންމެ ބޮޑު ކުށެއް ސާބިތުވެފައި ހުއްޓަސް، ސާފު ބޯފެން ނުދީ، ވައި ދައުރުނުވާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުން، ނިދިޔަ ނުދީ ޖެއްސުން ކުރުން، (ގާނޫނުގައި އޮންނަ އުސޫލާ އެއް ގޮތަށް) އާއިލާއާ ބައްދަލުވިޔަ ނުދީ، އެކަންކަމެއް ނުކުރެވޭނެ. މަރަން ހުކުމް ކޮށްފައި ހުންނަ މީހަކަށް ވިޔަސް، މަރައިލުން ފިޔަވައި އޭނާ އަށް އެހެން އަދަބެއް ނުދެވޭނެ،" ޝަމީމް ވިދާޅުވި އެވެ.
އެތައް ތުހުމަތެއްގައި ހައްޔަރު ކޮށްފައި ހުރި، މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން.
ކުށްވެރިންނާ މެދު އަމަލު ކުރަންޖެހެނީ ވެސް އެ އުސޫލުން ކަމަށްވާ އިރު، ކުށެއް ސާބިތު ނުވެ، ހަމައެކަނި ތުހުމަތެއްގައި ހުންނަ މީހަކަށް އަދި އަމުދުން އެއްވެސް އަދަބެއް ނުދެވޭނެ އެވެ. ދޭ ނަމަ، ކޮންމެ މީހަކު ކުރިޔަސް އެއީ ގާނޫނާ ޚިލާފު ކަމެކެވެ.
އެއީ ހަމައެކަނި ރައީސް މައުމޫން ނުވަތަ އުއްތަމަ ފަނޑިޔާރުވެގެން އެކަން އޮންނަ ގޮތެއް ނޫނެވެ. ކިތަންމެ އާދައިގެ މީހަކަށް ވިޔަސް، އެ އުސޫލު ހިނގަންވާނެ އެވެ. މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާ މެދު ކިތަންމެ ބޮޑެތި ކުށްތަކެއްގެ ތުހުމަތު ކުރެވުނަސް، އެ ބޭފުޅުން މަގާމުން ވަކިވާ ތަނުން ހިފައި ހައްޔަރުކޮށް ޖަލަކަށް ނުލެވޭނެ އެވެ. އެއިން ބޭފުޅަކަށް ވިޔަސް އަދަބެއް ދެވޭނީ، އެ ބޭފުޅެއްގެ މައްޗަށް ގާނޫނީ އަދި ޝަރުއީ މިންގަނޑުން ކުށް ސާބިތުވެގެންނެވެ.
ގާނޫނުލްއުގޫބާތުގެ 15 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވެ އެވެ؛ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ކުށުގެ ކޮންމެ ރުކުނެއް ސާބިތުކުރެވިގެން މެނުވީ އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތު ކުރެވިގެންވާ ކަމަކަށް ނުބެލެވޭނެ އެވެ. އެ މިންވަރަށް ހެކި ލިބެން ނެތް ހާލަތްތަކުގައި، ދައުވާ ރައްދުވާ މީހާ އަކީ ކުށެއް ނުކުރާ މީހެއް ކަމުގައި ބެލެވޭނެ އެވެ.
އިސްލާމީ ޝަރުއީ ހަމަތަކުން އަދި ގާނޫނީ މަފްހޫމުގައި، ކުށްވެރިންނަށް އަދަބު ދިނުމުގެ ފަލްސަފާއަކީ، އެމީހާގެ އިންސާނީ ކަރާމާތް ނަގާލައި އޭނާ ދަށު ދަރަޖައަކަށް ވައްޓައިލުމެއް ނޫނެވެ. އަދަބު ދިނުމުގައި ފަލްސަފާގައި އޮންނަނީ މައިގަނޑު ތިން މަގްސަދެއް ހާސިލު ކުރުމެވެ. ފުރަތަމަ ކަމަކީ އެ ކުށް ކުރެވުނު މީހާގެ މިނިވަންކަން ވަކިވަރަކަށް ހިފަހައްޓައިގެން، އިސްލާހު ކުރުވުމާއި އެކަމަށް ފުރުސަތު ދިނުމެވެ. ދެ ވަނަ ކަމަކީ އެފަދަ ކުށްތައް ތަކުރާރު ވިޔަ ނުދިނުމެވެ. ތިން ވަނަ ކަމަކީ، އެހެން މީހުން ކުށަށް އަރައިގަތުމުން ދުރުކުރުމަށްޓަކައި އެހެން މީހުންނަށް އިބްރަތެއް ދިނުމެވެ.
"އެހެންވީމާ މީހުން ނުހައްގުން ހައްޔަރުކޮށް އަނިޔާ ދިނުމަކީ އަދަބު ދިނުމުގެ މަސްލަހަތާއި ފަލްސަފާއާ ވެސް ފުށުއަރާ ކަމެއް. މިސާލަކަށް، މީހަކު ޖަލަށް ލުމަށް ހުކުމް ކުރުމުން، އޭނާ ޖަލުގެ އަނދިރި ތަނެއްގައި ބަހައްޓައިގެން ލޮލުގެ ފެނުން ދުއްވައިލުމަކީ ދެވޭ އަނިޔާއެއް. ހެލިފެލިވެ ހަރަކާތްކޮށް ނޫޅެވޭ ގޮތަށް ކުޑަ ގޮޅިއަކަށް ލާފައި ބެއިންދުމަކީ ވެސް ދެވޭ އަނިޔާ. އެއީ އަދަބު ދެނީކީ ނޫން. އަދި އަމުދުން އަދަބެއް ނުވެސް ދެވޭނެ، އެމީހެއްގެ މައްޗަށް ކުށެއް ސާބިތު ނުކުރެވޭހާ ހިނދަކު،" ޝަމީމް ވިދާޅުވި އެވެ.
ސުވާލަކީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކޮށްފައި ނުވަތަ ޖަލަށް ލާފައި ބެހެއްޓުމަކީ އެ މީހަކަށް ދެވޭ އަދަބެއް ހެއްޔެވެ؟
ޝަރުއީ ހަމަތަކުންނާއި ގާނޫނީ ހަމަތަކުން ބަލާއިރު، އެއީ އަދަބެކެވެ. ނަމަވެސް، އެ އަދަބު ދިނީ ކުށެއް ސާބިތުވެގެން ކަމަށް ނުވާތީ އެއީ، ގާނޫނާ ޚިލާފަށް ދެވޭ އަދަބެކެވެ. ރާއްޖޭގައި އަމަލުކުރަމުން އަންނަ ޝަރުއީ ހަމަތަކުން ބަލާއިރު ވެސް، ކުށެއްގެ ތުހުމަތުގައި ވިޔަސް، އަދި ތަހުގީގުގެ ބޭނުމަށްޓަކައި ވިޔަސް، ބަންދުކޮށްފައި ހުންނަ ހުރުމަކީ ދެވޭ އަދަބެކެވެ.
އެކަން ޔަގީންވަނީ މީގެ ކުރިން ރާއްޖޭގެ ކޯޓުތަކުން އަމަލު ކޮށްފައި ހުރި ގޮތުންނެވެ. ތަހުގީގުގެ ބޭނުމަށްޓަކައި ހައްޔަރުކޮށްފައި ހުރި މުއްދަތު، އޭނާގެ މައްޗަށް ސާބިތުވި ކުށުގެ އަދަބުގެ މުއްދަތަށް ވުރެ ދިގު ކަމުގައިވާ ނަމަ، ކޯޓުން ބަލަނީ އޭނާ އެ ހުރީ ހުކުމް ތަންފީޒު ކުރެވިފައި ކަމަށެވެ. އެހެންކަމުން ކޯޓުތަކުން ނިންމާފައި ހުރީ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަގުތުން ފެށިގެން އޭނާ މިނިވަންވީ ކަމަށެވެ.
ކުށެއްގެ ތުހުމަތުގައި މައުމޫން ހައްޔަރު ކޮށްފައި ހުރުމަކީ، އެމަނިކުފާނަށް ހައްގު އަދަބެއް ކަމަށްވާ ނަމަ، އަދި ކުށެއް ނުކުރާ ކަމަށް ކޯޓުގައި ސާބިތުކޮށްދިނުމަކީ މައުމޫންގެ ޒިންމާއެއް ކަމުގައިވާ ނަމަ، ކުށްވެރިއަކީ މައުމޫން އެކަންޏެއް ނޫނެވެ. ނުވަތަ ޖަލުގައި ތިބި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ޖަލުގައި ތިބި މަޖިލީހުގެ މެމްބަރުން އެކަންޏެއް ނޫނެވެ.
ނުހައްގުން ހައްޔަރުކޮށްފައި ތިބި މީހުން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ބޭއްވި މުޒާހަރާއެއް ފުލުހުން ރޫޅާލަނީ.
އެ ހަމައިން ބަލާ ނަމަ، ދިވެހި ކޮންމެ ރައްޔިތަކީ ކުށްވެރިއެކެވެ. އެއީ ކުށެއް ނުކުރާ ކަން އެއިން އެއްވެސް މީހަކަށް ސާބިތުކޮށް ނުދެވޭތީ އެވެ.
އެހެންވީމާ، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި އެތައް މަހެއް ވަންދެން ބެހެއްޓުމަށް ފަހު ކުށް ސާބިތު ނުވެގެން މިނިވަންވާ މީހާ އަށް އެ ދެވުނީ ނުހައްގު އަދަބެކެވެ. ނަމަވެސް މި ރާއްޖޭގައި ދެރަ ކަމަކީ އެފަދަ ހާލަތްތަކުގައި ދައުލަތާ ދެކޮޅަށް ދައުވާ ކޮށްގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުން ފަސޭހަ ނުވުމެވެ.
އެ މީހަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމު ފުރާފައި ހުރި މީހަކަށް ވިޔަސް، ދަމާކަނޑާ މީހަކަށް ވިޔަސް، ގާނޫނުގެ ކުރިމަތީގައި ވާނީ ހަމަހަމަ އެވެ. މީޑިއާގެ ފަލަ ސުރުޚީން ޖާގަ ލިބެނީ، ކުރީގެ ރައީސުންނާއި ވަޒީރުންނާއި ސިޔާސީ މަގާމުތައް ފުރާ މީހުންނަށް ނުހައްގު އަދަބެއް ލިބޭ ހިނދު ކަމަށް ވިޔަސް، އެއަށް ވުރެ މާ ހާލުގައި ޖަލުގައި ގެންގުޅޭ މީހުން އެބަ ތިއްބެވެ. އެމީހުންގެ ސިޔާސީ ބުރަދަނެއް ނުވަތަ މަގާމުގެ ނުފޫޒެއް ނެތުމުން މީޑިއާގެ ސަމާލުކަން ނުލިބެނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ