ކަޅު ހުކުރުގެ ބާނީއަށް މިއަދު ރައީސް މައުމޫނު ވަރެއް ނެތް..

2004 ވަނަ އަހަރު ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ ދެކޮޅަށް ނުކުމެ އަޑުއުފުލި މީހުން މިއަދު ވެސް ދަނީ މަގުތައް ހަލަބޮލިކޮށް ގައުމުގެ އަމަން ނަގާލުމަށް މަސައްކަތް ކުރަމުންނެވެ.ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، ސަރުކާރަށް ފުރަތަމަ ލޮޅުން އަރުވާލި މީހުންގެ ތެރޭގައި ނަގާ ކިޔަން ހުންނެވީ މިއަދު ވެސް ގައުމު ފަސާދަ ކުރަމުންދާ އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދުއެވެ.އެގޮތުން 2004 ވަނަ ވަނަ އަހަރުގެ އޮގަސްޓް މަހުގެ ބާރަ ވަނަ ދުވަހާއި ތޭރަ ވަނަ ދުވަހު، ރާއްޖޭގެ ސަރުކާރާ ތޮޅެން ނުކުތް މީހުންގެ ތެރޭގައި ކުރީގެ ރައީސް ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ހިމެނެއެވެ.ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައުމުގެ ނަމުގައި ފެށި ފުރަތަމަ ހަރަކާތުގައި ހަވަރަށް ގޮވާލުމުން، ޖުމްހޫރީ މަިދާނަށް އެއްވި މީހުން ވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ބޮޑެތި ކުށްވެރިން މިނިވަން ކުރުމަށް ގޮވާލާފައި. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބޭއްވި މިއެއެްވުމުގައި ސަރުކާރަށް ޕްރެޝަރ ކުރި އެއްވެސް ކަމެއް ކޮށްދީފައެއް ނުވޭ. އެހެންކަމުން ސަރުކާރާ ދެކޮޅަށް އެއްވި މީހުން ރައީސް މައުމޫންގެ އިސްތިއުފާއަށް ގޮވާލައި، އެންމެ ފަހުން ސަލާމަތީ ބާރުތަކާ ކުރިމަތިލުމަކަށް ދިޔައެވެ. އަދި މީގެއިތުރުން ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެއްވުމުގެ އިސްކޮށް އުޅުނު ގިނަ ބަޔަކު ހައްޔަރުވެގެން ދިއުމެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ކުރީގެރައީސް މައުމޫންގެ ސަރުކާރު ބަދަލުކުރުމަށް ނުކުމެ ކަޅު ހުކުރު ފާހަގަކުރިތާ، މިމަހުގެ ތޭރައަހަރު ފުރޭ އިރު، މިކަމުގައި ވިސްނާ ބަޔަކަށް އިބުރަތެއް ހާސިލްވާނެކަން ޔަގީނެވެ. އެގޮތުން ކަޅު ހުކުރު ފުރަތަމަ ފާހަގަކުރިތާ 13 އަހަރު ފުރުނު އިރު، ކަޅު ހުކުރު ގެނައުމުގައި އެންމެ އިސްދައުރެއް އަދާކުރި ނަޝީދު މިވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެގެން ކުރި 13 އަހަރުގެ ޖަލު ހުކުމުން މިންޖުވުމަށްޓަކާ ގައުމުން ބޭރަށް އަމިއްލައަށް އަރުވާލެވިފައެވެ.އަދި އެކަމުގައި އިސްކޮށް އުޅުނު ގިނަ ބަޔަކު މިއަދު ވަނީ ގައުމު ދޫކޮށް ފިލައިގެން ގޮސްފައެވެ. އެހެންކަމުން ވެރިކަން ހޯދުމަށް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ޑިމޮކްރަސީގެ ނަމުގައި ނުކުތް މީހުންގެ ނިމުން މި އައި ގޮތް މިއީ ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތަކަށް ނުވޭތޯއެވެ. އާޚިރުގައި ކަންވެ ނިމުނުއިރު، ވެރިކަން ލިބިވަޑައިގެންތާ އެންމެ ތިން އަހަރުގެ ތެރޭގައި އަމިއްލަ އަތުން ހެއްދެވި ގޯސްތަކާ ގުޅިގެން ވެރިކަން ގެއްލި، ގައުމު ގެއްލި، އެކުގައި މަސައްކަތް ކުރި މީހުން ވެސް މިއަދު ވަނީ ނަޝީދަށް ގެއްލިފައެވެ. ވެރިކަމަށް ވަޑައިގަތުމަށް ޒުވާން ދުވަސްވަރު ފެށި މަސައްކަތުގެ ތެރެއިން އުމުރުން ސާޅީސް އަހަރު ފަހުން ލިބިވަޑައިގެން ވެރިކަން ގެއްލި ދިއުމުން މިއަދު ދެރަ ހީވެ، އަނބުރާ ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވި ނަމަވެސް ދެން އެދުވަސް ފެންނާކަށް ނެތެވެ. ސަބަބަކީ ނަޝީދުގެ މައްޗަށް އިއްވާފައިވާ ތޭރަ އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އަނބުރާ ވެރިކަމަށް ވަޑައިގަތުމަށް އޮތް ހުރިހާ މަގެއް ގާނޫނީ ގޮތުން ބަންދުވެގެން ދިއުމެވެ. އެހެން ކަމުން މިއަދުވެސް ނަޝީދުގެ މަގުސަދަކަށް ވެފައި މިވަނީ އެކި ނަންނަމުގައި މުޒާހަރާތައް ބާއްވައި، މާލޭގެ އަމަން ނަގާލައި، ސަލާމަތީ ބާރުތަކާ ހަނގުރާމަކުރުން. ނަމަވެސް ރާއްޖޭގެ ރައްޔިތުން މިކަން މިއަދު ގަބޫލެއް ނުކުރާނެއެވެ. އަދި ކަޅު ހުކުރު ފާހަގަކުރި މީހުން މިއަދު ވެސް ކަޅު ހުކުރު ފާހަގަކުރާއިރު، އެ ހަރަކާތުގައި ބައިވެރިވާނެ މީހަކު ނުވާކަމީ މިއަދު ރާއްޖޭގެ ރައްޔިތުންނަށް ނަޝީދުގެ މަގުސަދަކީ ކޮބައިކަން އެނގޭ ކަމުގެ ހެއްކެތް ވެސް މެއެވެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް ގޮވާލައި، މަގުތަކަށް ނުކުމެ ރައްޔިތުންނަށާއި، ސަލާމަތީ ބާރުތަކަށް ހަމަލާ ދިނުމަކީ މިއީ ރައްޔިތުން މިއަދު ވެސް ގަބޫލުކުރާނެ ކަމެއްނޫނެވެ. ސިޔާސީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މަތިމައްޗަށް ކުށް ކުރަމުން ދިއުމުގެ ސަބަބުން ނަޝީދުގެ ސިޔާސީ ހަޔާތް މިހާރު އެވަނީ ނިމިފައެވެ. އެހެންކަމުން މިއަދު ކަޅު ހުކުރު ފާހަގަކުރަން ނުކުންނާނެ ބަޔަކު ނެތެވެ. އެންމެ ބޮޑު ސަބަބަކީ ކަޅު ހުކުރު ގެނައީ ރައީސް މައުމޫނާ ދެކޮޅަށް ކަމަށް ވާއިރު، މިއަދު ރައީސް މައުމޫން ވެސް ހުންނެވީ ކަޅު ހުކުރުގެ ބާނީއަށް ބައިޢަތު ހިފައިގެން ކަމަށްވީތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ