ރޯދަމަހު ރައީސް މައުމޫނު ގޭބަންދަށް ބަދަލުކޮށްދިނުމަށް ނަސްރީނާ އެދިވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މި ރޯދަ މަހަށް ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އެދި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކްރިމިނަލް ކޯޓަށާއި ޖެނެރަލްގެ އޮފީހަށް ސިޓީއެއް ފޮނުއްވައިފި އެވެ. އެ ސިޓީގެ ކޮޕީއެއް "ސަން" އަށް ވަނީ ލިބިފަ އެވެ. ނަސްރީނާ ފޮނުއްވި ސިޓީގައި ވަނީ ރައީސް މައުމޫން އުޅުއްވަނީ "ބެނައިން ޕްރޮކްސިސިމަލް ޕޮޒިސަނަލް ވާޓިންގޯ" އާލާސް ކަންފުޅެއް ތަހަންމަލް ކުރަމުންކަމަށެވެ. އެ އާލާސްކަންފުޅަކީ އޭގެ ސަބަބުން އަމިއްލަފުޅަށް އެއްވެސް ކަމެއް ނުކުރެވޭ ގޮތް މެދުވެރިވާ ކަމެއްކަމަށް ވެސް އެ ސިޓީގައިވެ އެވެ. ބަރަކާތްތެރި ރަމަޟާން މަހު ދޫނިދޫގައި ހުންނަވަން ޖެހިވަޑައިގަތުމަކީ އެމަނިކުފާނަށް ތަހަންމަލް ކުރެވޭވަރަށް ވުރެ ގިނަ ދަތިތަކެއް ކުރިމަތިވެ ވަޑައިނަންނަވާނެ ކަމެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ. ރައީސް މައުމޫން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ މާފަންނު އެންދެރިމާގޭގައި ހުންނަވަނިކޮށެވެ. އެމަނިކުފާނު ހައްޔަރުކޮށްފައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެމަނިކުފާނުގެ މައްޗަށް މިހާރު ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލައިފަ އެވެ. ރައީސް މައުމޫން ހައްޔަރުކުރުމަށް ފަހު ފުލުހުންގެ ތަހުގީގަށް ފޯނު ދިނުމަށް އެންގުމުން ފޯނު ދީފައި ނުވާ ކަމަށް ބުނެ އަދުލު އަންސާފު ގާއިމް ކުރުމަށް ހުރަަސް އެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ