ކާޑާއި ކާބޯތަކެއްޗާއި ކަރަންޓުގެ އަގު އަންނަ އަހަރު ހެޔޮ ކުރަނީ

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 27.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި ކަރަންޓުގެ އަގު ހެޔޮ ކުރަން ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު އަލަށް ފެށުމަށް ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި ކަރަންޓު އަގުހެޔޮ ކުރުމަށް ސަބްސިޑީގެ ގޮތުގައި 200 މިލިއަން ރުފިޔާ، ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަށް ސަބްސިޑީގެ ގޮތުގައި 50 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ފުޑް ސަބްސިޑީ އަށް ހެޔޮ ބަދަލުތަކެއް ގެނައުމެވެ. އަދި ޓާގެޓް ސަބްސިޑީ އަށް ސަރުކާރުން އިސްކަން ދޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަދިވެސް މިދަނީ ވޯލްޑް ބޭންކާއެކު ދިރާސާތަކެއް ކުރަމުން. މި ދިރާސާތަކުގެ ބޭނުމަކީ އެންމެ ބޭނުންތެރި މީހުންނަށް އެ ފޯރުކޮށްދިނުން،" މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި އަންނަ އަހަރު ކާޑުގެ އަގުތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ނިންމީ ރައީސް އަބްދުﷲ ޔާމީންގެ އިސް ނެންގެވުމުގެ މަތިން ކަމަށެވެ. އަދި އޭގެ ތަފްސީލްތައް އެސްޓީއޯ މެދުވެރިކޮށް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. މުނައްވަރު ވިދާޅުވި ގޮތުގައި އެކިއެކި ގޮތްގޮތަށް ހޯދާ އެހީތަކާއެކު ކާބޯތަކެތި އަގުހެޔޮ ކުރުމަށް ޖުމްލަ 242 މިލިއަން ރުފިޔާ ހިމަނާފައިވާނެ އެވެ.
މުނައްވަރު ވިދާޅުވީ ތަކެތީގެ އަގާއި ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ އިޖުތިމާއީ ގޮތުން ރާއްޖެއަށް އަންނަ ކުރިއެރުންތަކާ އެއްގޮތަށް ސަރުކާރުން ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، ސަބްސިޑީ، އެ ބޭނުންވެފައި ތިބޭ މީހުންނަށް ދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އައިއެމްއެފާއި ވޯލްޑް ބޭންކުން ފާހަގަކުރި ކަމެއް މިއީ، އަޅުގަނޑުމެން އެބަ ބަލަން ޖެހޭ ގައުމުގައި އެއް ފަރާތްވެފައި ތިބި ފަރާތްތަކަށް، އިޖުތިމާއީ ނުވަތަ ބޭނުންތެރި، ފުދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެގެން ދިއުން،" ދެ ގަޑިއިރަށްވުރެ ގިނަ އިރަށް ކުރިއަށް ދިޔަ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވި އެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި، ފަގީރު ހާލަތުގައި ދިރިއުޅޭ މީހުން ކަރަންޓު ބިލު ދެއްކުމަށް ޑައިރެކްޓް ސަބްސިޑީގެ ގޮތުގައި 10 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި އަޅާލާނެ މީހެއް ނެތް މީހުންނަށް ދައުލަތުން ދޭ އެހީގެ ގޮތުގައި 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ