އަލް ކައުން އިންޓަރ ސްކޫލް ޤުރުއާން މުބާރާތް ފަށައިފި

ސްކޫލް ކުދިންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމުގެ ބޭނުމުގައި "އަލްކައުން"ގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ "އަލް ކައުން އިންޓާރ ސްކޫލް ޤުރުއާން މުބާރާތް" ފަށައިފިއެވެ.
މިއަދު ހެނދުނު 8 އިން ފެށިގެން މި މުބާރާތް ކުރިއަށްދާއިރު، ދަރިވަރުންގެ ކިޔެވުން ކުރިއަށްދާނީ ދަންފަޅިތަކަކަށް ބަހާލައިގެން ކަމަށް މުބާރާތް އިންތިޒާމް ކުރާ ކޮމެޓީއިން މައުލޫމާތު ދެއެވެ.
މި މުބާރާތުގެ ދަންފަޅިތަކުގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހެނދުނު އަށަކުން މެންދުރު 12 އަށާއި މެންދުރު އެކަކުން ތިނަކަށެވެ. އަދި ހަވީރު ހަތަރަކުން ހަޔަކަށެވެ. ރޭގަނޑުގެ ދަންފަޅި ކުރިއަށްދާނީ އަށަކުން 11 އަށެވެ.
"ހުކުރު ދުވަހަކު މުބާރާތެއް ނޯންނާނެ. އެ ދުވަހަށް މެދުކަނޑާލާފައި ދެން އަނެއްކަވެސް ކުރިއަށްގެންދާނީ" ވަގުތު ނޫހަށް މައުލޫމާތު ދެއްވަމުން މުބާރާތް އިންތިޒާމް ކުރާ ކޮމެޓީގެ ބޭފުޅަކު ވިދާޅުވިއެވެ.
އެހެން އަހަރުތަކާއި ޚިލާފަށް މި އަހަރުގެ މި މުބާރާތުގައި މާލޭގެ ސްކޫލްތަކުގެ އިތުރުން އަތޮޅުތެރޭގެ ސްކޫލްތަކުގެ ކުދިންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައިއެވެ. މިގޮތުން މި މުބާރާތުގައި 65 ސްކީލަކުން ޖުމްލަ 915 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ރިކޯޑިން ރޯދަމަހު "އަލްކައުން" އިން ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.
ހަތަރު އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުން އެއްވަނަ ހޯދާ ކުއްޖަކަށް "އަސްކޮއި ހައްޖު ޢުމްރާ" އިން ޢުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ