އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ފުރިހަމަ ސިޔާސީ ޕާޓީއަކަށް އެމްޑީޕީ ހަދަން ޖެހޭ ކަމަށާއި މިވަގުތަށް މުހިންމީ ސީދާ ހަރަކާތަށް ވުރެ ބޮޑަށް ސިޔާސީ ހަރަކާތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައެއް މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ވީހާ ވެސް ގިނަ ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވައި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދެވިއްޖެ ނަމަ، އެ ޕާޓީއަށް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި މިވަގުތު އެންމެ މުހިންމު އެއް ކަމަކީ ވީހާ ވެސް ގިނަ، ބައްދަލުވުންތަކެއް، އެކި ފަރާތްތަކާއެކު ބާއްވައި އެއިރެއްގައި އަޅުގަނޑުމެން ވާހަކަ ދައްކަން ޖެހޭ ބަޔަކާ (ވާހަކަ) ދައްކައި އަޅުގަނޑުމެން މިގެންދާ ގޮތަށް ގެންގޮސް ގާނޫނު އަސާސީގެ ކަންތަކަށް، ލިބެން އޮތް އެހީތެރިކަމެއް ހޯދުން. އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން، ކުރިއަށް އޮތް ތަނުގައި ވެސް އެއްވެސް ހުރަހަކާ ނުލައި ބައްދަލުވުންތައް ކުރިއަށް ގެންދެވޭނެ މަގެއް ފަހިވެފައި އޮންނާނެ ކަމަށް،" ދާދި ފަހަކާ ޖެހެންދެން ވެސް ސީދާ ހަރަކާތަށް ނުވަތަ މަގު މައްޗަށް ނުކުމެ ސަރުކާރަށް ޕްރެޝަރު ކުރުމަށް ތާއީދުކުރައްވަމުން ގެންދެވި ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އުފެދުނު ފަހުން، މިހާތަނަށް ސީދާ ހަރަކާތާއި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދެވި ކަމަށާއި އެހެން ނަމަވެސް އެ ދެ ހަރަކާތުގެ ތެރެއިން އެއް ހަރަކާތް އަނެއް ހަރަކާތުގެ މައްޗަށް ހިޔަނި އެޅިފައިވާތީ ޖުމްލަކޮށް ރަނގަޅު ކުރިއެރުމެއް ލިބިފައި ނެތް ކަމަށެވެ.
ނަޝީދުގެ އެދިވަޑައިގަތުމަކަށް، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނާ އަބްދުލް ގައްޔޫމްގެ މަންދޫބެއްގެ ގޮތުގައި ރައީސް އޮފީހުގެ މިނިސްޓަރު އަނީސާ އަހުމަދު ވަނީ މި މަހުގެ 18 ވަނަ ދުވަހު ރައީސް އޮފީހުގައި ނަޝީދާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުމާ ބެހޭ ގޮތުން ބައެއް މެމްބަރުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް މައުމޫނުގެ ފަރާތްޕުޅުން އަނީސާއާ ބައްދަލު ކުރެއްވީ އެމްޑީޕީގެ އަސާސީ ގަވާއިދަކާ ހިލާފުވާ ގޮތަކަށް ނޫން ކަމަށާއި ޕާޓީއަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އަނީސާއާ އެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް އަވަސް ކުރެއްވުމާއި އެމްޑީޕީގެ ބައެއް މެމްބަރުންނަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ދައުވާތައް އަނބުރާ ގެންދިއުމާ ބެހޭ ގޮތުން ކަމަށެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ފުރިހަމަ ސިޔާސީ ޕާޓީއަކަށް އެމްޑީޕީ ހަދަން އެބަ ޖެހޭ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ