މާލޭގެ 60 ޕަސެންޓް ކަރަންޓް މީޓަރަށް ސަބްސިޑީ ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަބޫދާބީ އާއި ބަހްރައިން އަދި އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފެއްޓެވުމުގެ ކުރިން ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނިއުސް ކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވީ މާލޭގައި 18،000 ކަރަންޓް މީޓަރު އެބަހުރި ކަމަށާއި އޭގެ ތެރެއިން 11000 މީޓަރަކީ ނިކަމެތިންގެ މީޓަރު ކަމަށެވެ.
"އެ ބޭފުޅުންނަށް ކަރަންޓު ބިލް ދެއްކުމަށް އުނދަގޫވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ "މާލޭގެ ކަރަންޓުގެ އަގު ބޮޑުވެގެން ދިއުމާއެކު ކަންބޮޑުވާ ރައްޔިތުންގެ އަދަދު މަދެއް ނޫން،" ކަމަށާއި ކަރަންޓް ސަބްސިޑީ ދޭންޖެހޭ މިންގަނޑު ބަދަލުކުރަންޖެހިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރު ކަރަންޓުގެ ސަބްސިޑީ ދެމުންދާ ފަރާތްތައް ކަނޑައަޅާފައިވަނީ، 2000 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ލިބުނު އާމްދަނީ އާއި ހަރަދުގެ ސާވޭއެއްގެ މައްޗަށް ބިނާކޮށް ދުވާލަކު 21ރ. ނުޖެހޭނަމަ އެއީ ފަގީރެއްގެ ގޮތުގައި ބަލައިގެންނެވެ. ނަމަވެސް އެ މިންގަނޑު 70ރ. އާއި 100ރ އާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވެ ސަރުކާރުން މިހާރު ނިންމާފައިވަނީ މީގެ ކުރީގައި ސަބްސިޑީ ހައްގުވާ ފަރާތްތައް ކަނޑައަޅާ މިންގަނޑުތައް ކުރިއަށްވުރެ މާ ބޮޑުތަން ލުއިކުރަން. އަލުން އަނބުރާ އެ އަދަދު މުރާޖައާކުރާއިރު، އެ އަދަދު މާ މަތީ އަދަދަކަށް ހެދިދާނެ ކަމުގެ ޔަގީންކަން އެބަހުރި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ކަރަންޓް ސަބްސިޑީ ދޭންޖެހޭ ފަރާތްތައް ފުރިހަމަ އަށް ސާފުވެގެން ދާނީ ދެތިން މަސް ފަހުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މުސާރައާ ގުޅޭ ގޮތުން މިއަދުގެ ނިއުސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ މިދިޔަ އަހަރު ބޮޑުކުރީ ސިޔާސީ މަގުސަދެއްގައި ނޫން ކަމަށާއި އޭރު މުސާރަ ބޮޑުވެގެން ދިޔައީ މުސާރައިގެ އޮނިގަނޑު ހުރިހާ މުވައްޒަފުންނަށް ހަމަހަމަވާ ގޮތަށް ބަދަލުކުރުމުން ކަމަށެވެ.
"މުސާރަ ބޮޑުކުރީކީ ސިޔާސީ ވިސްނުމެއްގައެއް ނޫން. އަޅުގަނޑުމެން މުސާރަ ބޮޑުކުރީއަކީ ނޫން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިއިރު މުސާރަ ހުރީ އެއް ފެންވަރެއްގެ ދެ ބޭފުޅަކަށް ދެ މުސާރައެއް ލިބޭ ގޮތަށް. އަޅުގަނޑުމެން އެކަން ހަމައަކަށް އެޅުވީ. އެއް ފެންވަރެއްގައި ހުންނަ މީހަކަށް އެއް މުސާރައެއް ނުލިބެންޏާ މުސާރަ ހަމަޖެހިފައި އޮތީ މީހާ އަށް. އެއީ ބުއްދިވެރި ގޮތެއް ނޫން. އެހެންވެ ސަރުކާރުން ނިންމީ މުސާރަ އެއްހަމަކުރަން،" ނަޝީދު ވިދާޅުވި އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ މި ވަގުތު 15 ޕަސެންޓަށް ދަށްކޮށްފައި އެ އޮތް މިންވަރަކީ، މިދިޔަ އަހަރުގެ ފެބްރުއަރީގައި އޮތް ވަރަށް ވުރެ ރަނގަޅު ވަރެއް ކަމަށާއި އެ މިންވަރަކީ ހަގީގަތުގައި ކުރިން ހުރި މިންވަރަށް ވުރެ ދަށް އަދަދެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިހާރު ވެސް [މުސާރަ] މި ހުރީ ހުރި ވަރުގައި. އެކަން އޮޅުވާނުލައްވައްޗޭ. މިހުރީ ހުރި ވަރުގައި. އަޅުގަނޑުމެން މި އުޅެނީ ނެގި 15 ޕަސެންޓު ލާނެ އެންމެ ރަނގަޅު ވަގުތަކަށް. އެކަމަށް އެބަ ބަލަންޖެހޭ އިންފްލޭޝަނަށް، އަޅުގަނޑުމެން އެބަ ބަލަންޖެހޭ ދައުލަތުގެ އާމްދަނީ އަށް، އެކަމަށް އެބަ ބަލަންޖެހޭ ދައުލަތުގެ ހަރަދަށް. އެކަމަށް އެބަ ބަލަންޖެހޭ ހުރިހާ ރައްޔިތުންގެ ލާބަ އާއި ރަނގަޅަށް. ސިވިލް ސާވިސްގެ މުސާރަ މި ސަރުކާރުން ހަގީގަތުގައި ކުޑައެއް ނުކުރަން. ފެބްރުއަރީގެ ކުރިން ހުރި މުސާރަ އަށްވުރެ މިހާރު ވެސް ގިނަ މީހުންގެ ކުޑައެއް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ކަންކަން ހަމައެއްގައި ބަހައްޓަން ކަންކަން ކުރަންޖެހޭ. އެއީ އުނދަގޫ ކަމެއް. އަޅުގަނޑުވެސް ބޭނުމެއް ނޫން އެއްވެސް މީހެއްގެ މުސާރަ ކުޑަކުރާކަށް. ނަމަވެސް ބޮޑު މަންޒަރު އެބަޖެހޭ ދެނެގަންނަން. އަޅުގަނޑު އެބަޖެހޭ ހިތްވަރުކުރަން. އަޅުގަނޑަށް ވެސް ފަސޭހަވާނެ އިހު ހުރި ގޮތަށް ކަންކަން ކުރިއަށް ގެންދަން. އެއްވެސް އުނދަގުލެއް ނާންނާނެ. [ނަމަވެސް] އިގުތިސޯދު ހަލާކުވަމުން ދާނީ."
ހައުސިން މަޝްރޫއާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި 650 ފްލެޓް ބިނާކުރުމުގެ އެއްބަސްވުމުގައި ތައިލެންޑުގެ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ޕްރެކްސާއާ އެކު މި މަހުގެ 26ގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 400 ހައުސިން ޔުނިޓު އަދި މާލޭގައި 250 ޔުނިޓު ބިނާކުރެވޭނެ ކަމަށެވެ. އެ ފްލެޓުތައް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މާޗް، އެޕްރީލް ހިސާބުގައި ފެށޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ހައުސިން މަޝްރޫއުގެ ފުރަތަމަ ބުރުގައި އިންޑިއާގެ ޓާޓާ ކުންފުންޏާއި ތައިލެންޑުގެ ޕްރެކްސާ ކުންފުނިން ޖުމުލަ 2،000 ހައުސިން ޔުނިޓް ބިނާކުރާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އަބޫދާބީ އަށް ކުރައްވާ ދަތުރުފުޅުގައި އަބޫދާބީ ފަންޑާއި އެހެން ފަންޑުތަކުގެ އިސް ބޭފުޅުންނާ ބައްދަލުކޮށް، ރާއްޖެ އަށް އިންވެސްޓުމަންޓާއި ރާއްޖެ އަށް ބޭނުންވާ ކަންކަމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ބަހްރައިން، ބޮމްބޭ އަދި މެޑްރާސް އަށް ވަޑައިގެން އެ ތަންތަނުގެ ފަންޑުތަކުގެ މެނޭޖަރުންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މާލޭގެ 60 ޕަސެންޓް ކަރަންޓް މީޓަރަށް ސަބްސިޑީ ދޭންޖެހޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ