ދި ޓީވީން ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު ވަގުތުން ގެނެސްދޭ "ހުކުރު ދުވަސް މަސްއޫދު އާއެކު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝޭހު އިމްރާން ވިދާޅުވީ މައުމޫންގެ ސަރުކާރުގެ ބައެއް ކަންތައްތައް ރައީސް ނަޝީދުގެ ސަރުކާރަށް ވުރެ ގޯސް ކަމަށެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރަށް ވުރެ "ދީނީ ކަންތައްތައް" މައުމޫންގެ ސަރުކާރުގައި ކުރިއަށް ގެންދެވި ގޮތް ރަނގަޅު ކަމަށް އިމްރާން ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.
"ރައީސް މައުމޫންގެ ސަރުކާރުގެ ދުވަސްވަރުގައި އިސްލާމްދީނުގެ އަސްލުތައް ހިމާޔަތްކުރުމާއި އަސްލުތައް ހިފެހެއްޓުމާއި ދީނުގެ ކަންތައްތައް ރައްޔިތުންނަށް ގެނެސްދިނުމާއި މި ކަންތައްތައް ދިޔަ ގޮތް މިއަދަށް ވުރެ ގޯހެއް ނޫނޭ،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކެއް ގާއިމްކުރުމަށްޓަކައި ނުވަތަ އެހެން ދީންތައް ފެތުރުމަށް މައުމޫންގެ ސަރުކާރުގެ ދުވަސްވަރު މުޅިން ބަންދުކޮށްފައި ހުރި އެތައް ކަމެއް ހުޅުވިފައިވާ ކަމަށެވެ.
"މި ގޮތަށް ކުރިއަށް ދާނަމަ އަޅުގަނޑު ގަބޫލެއް ނުކުރަން މިސާލަކަށް 2014 ވަނަ އަހަރު އަންނައިރުގައި މިތަނުގައި އެހެން ދީންތަކެއް ގާއިމްވެފައި ނޯންނާނެ ކަމަކަށް،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބުގައި މައުމޫން ބަލިވުމަކީ ގޯހެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭރުގެ ހާލަތަށް ބަލާއިރު އެ ސަރުކާރު ބަދަލުވުމަކީ އެންމެ ރަނގަޅަށް އެޅުނު ފިޔަވަޅު ކަމަށް އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބު މައުމޫނަށް ކާމިޔާބުވިނަމަ، އުފާފާޅުކުރުމަށް ނުކުންނަ ނުކުތުމާއެކު ރާއްޖޭގައި ތަޅާފޮޅުމާއި އަލިފާން ރޯކުރުމާއި މާރާމާރީ އަށް ދިއުމަށް މައުމޫނަށް ތާއިދު ކުރައްވާ ފަރާތްތަކުން ނިންމާފައިވާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑަށް އެކަމުގެ ބައެއް މައުލޫމާތުތައް ވަރަށް ކައިރިން، ވަރަށް ސީދާކޮށް ލިބިފައިވޭ. އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވެނީ އެ ވަގުތުގައި ވަތަން އެދޭ އިއްތިހާދުން އެ ނިންމި ނިންމުން ކާމިޔާބު ނުވިނަމަ އެ ރެއިން އެ ރެއަކީ ރާއްޖޭގައި ބޮޑު ހަނގުރާމައެއް ފެށިގެންދާނެ ރެއެއް ކަމަށް. އެހެންވީމަ މި ހަނގުރާމައިން މި ތަޅާފޮޅުމުން، އަނިޔާވެރިކަމުން ސަލާމަތްވީ އެކަމުގެ ސަބަބުން. އެއީ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތް،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުމޫންގެ ސަރުކާރު ބަދަލުކުރުމަށް ފަހު ރައީސް ނަޝީދު ސަރުކާރުން ބޭނުންވި މިސްރާބަށް ކަންތައްތައް ކުރިއަށް ނުގެންދެވޭ ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ މައްސަލައެއްގައި މިހާރުގެ ސަރުކާރުން ޖަލަށް ލާފައި ވަނީ އެންމެ ތިން މީހުން ކަން ފާހަގަ ކުރައްވަމުން އިމްރާން ވަނީ މައުމޫންގެ ސަރުކާރު މިއަދު ވެރިކަމުގައި އޮތްނަމަ ސިޔާސީ މައްސަލައެއްގައި ޖަލުގައި ތިބޭނެ މީހުންގެ އަދަދާ މެދު ސުވާލު ކުރައްވައިފަ އެވެ.
"ސިޔާސީ މަސްރަހު، ހިޔާލު ފާޅުކުރުމާއި ވާހަކަ ދެއްކުމާއި މިއަށް ބަލައިފިއްޔާ އަޅުގަނޑަށް ބުނެވިދާނެ މި ހާލަތު ރަނގަޅު ކަމަށް،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދޭނެ މީހަކު 2013 ގައި އިންތިހާބުވެއްޖެ ނަމަ އެއީ 2008 ގައި މައުމޫންގެ ވެރިކަން ބަދަލުކުރުމުގެ ނަތީޖާ ކަމަށެވެ.
"އެހެން ނޫންނަމަ 30 އަހަރެއް ނޫނެއް ނޫންތޯ ވާނީ؟ ފަހަރެއްގައި 80 އަހަރު ވެސް ހިނގައިދާނެ. އެހެންވީމަ އެ ބަދަލަކީ ރަނގަޅު ބަދަލެއް ކަމަށް ދުވަހަކު ވެސް އަޅުގަނޑު އިންކާރެއް ނުކުރާނަން،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު ހުރި ގޮތުން އަދާލަތުގެ ޕާޓީގެ ކެންޑިޑޭޓެއް 2013 ގައި ނެރެން ނުޖެހޭ ސަބަބެއް ނެތެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމުގެ ކަންތައްތަކެއް ފެށުމުގެ ވިސްނުން އަދާލަތު ޕާޓީގެ އިސް ފަރާތްތަކުން ގެންގުޅުއްވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަން ކުރެއްވޭނީ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ހުއްދަ އާއެކު ކަން އިމްރާން ފާހަގަ ކުރެއްވި އެވެ.
އިމްރާން ވިދާޅުވީ ވެރިކަންކުރާ އެމްޑީޕީ އާއެކު ސިޔާސީ ވާހަކަތަކެއް ދެއްކުމުގެ ވިސްނުމެއް އަދާލަތުގައި ނެތް ކަމަށެވެ. ކުރިމަގުގައި އަނެއްކާ ވެސް އެމްޑީޕީ ކޮޅަށް ބަދަލުވެދާނެތޯ ޕްރެޒެންޓަރު މަސްއޫދު އަލީ ދެންނެވުމުން އިމްރާން ވިދާޅުވީ އެމްޑީޕީ ކޮޅަށް ބަދަލުވާންޖެހޭ އެއްވެސް ސަބަބެއް މިވަގުތު ފެންނަން ނެތް ކަމަށެވެ.
"އެއީ ތިން އަހަރު ވަންދެން ކޯލިޝަނެއްގައި ތިބުމަށް ފަހު އަޅުގަނޑުމެންނަށް އެ ބޭފުޅުންނާއެކު ކުރިއަށް ނުގެންދެވުނީ. ]ކޯލިޝަނުން[ ވަކިވި އިރުގައި އިތުރު ބަދަލެއް ނާންނަ ކަމަށް ވާނަމަ ]ގުޅެންވީ[ އެއްވެސް ސަބަބެއް ނެތް،" އިމްރާން ވިދާޅުވި އެވެ.
މައުމޫން ސަރުކާރުގެ ދީނީ ކަންތައް ގޯހެއް ނޫން: ޝޭހު އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ