ގާސިމް އިބްރާހީމް ޑީއާރްޕީން ވަކިވެވަޑައިގެންފި

ފިނޭންސް މިނިސްޓަރުކަމުން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް، ސަރުކާރު ހިންގާ ޑީއާރުޕީގެ ނާއިބު ޒައީމްކަމުގެ މަގާމުން ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް މިއަދު ވިދާޅުވީ ޑީއާރުޕީން ވަކިވެވަޑައިގަތުމަށް އޭނާ ހުށަހެޅުއްވީ މިއަދު ކަމަށެވެ.
"ކެބިނެޓުގެ ހުރިހާ ވަޒީރުންނަކީ ވެސް ޑީއާރުޕީގެ މެމްބަރުން. އަޅުގަނޑު ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދިނުމަށް ހުށަހެޅީ އެ ކެބިނެޓުގެ ތެރޭގައި ހުރެގެން ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް އެކަށީގެންވާ ގޮތަކަށް އެއްބާރުލުން ނުލިބިގެން. އެހެންވީމަ ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދިނުމަށް ހުށަހަޅައިފައި އަނެއްކާ އެ ބޭފުޅުންގެ ތެރޭގައި އަޅުގަނޑު ހުރުމަކީ އެހާ ހަމަޖެހޭ ކަމެއް ނޫން. އަޅުގަނޑަކަށް ހިއެއްނުވޭ އަޅުގަނޑަށް އެހާ ބޮޑު އެއްބާރުލުމެއް ލިބިދާނެހެނެއް،" 2006 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޑީއާރުޕީގެ އެއް ނާއިބު ޒައީމުގެ މަގާމު ފުރުއްވަމުން ގެންދެވި ގާސިމް މިއަދު ވިދާޅުވި އެވެ. "އަނެއްކާ ފިނޭންސް މިނިސްޓަރު ކަމުން އަޅުގަނޑު ވަކިވުމަށް ފަހު ޑީއާރުޕީ ތެރޭގައި ހުރީމަ ބައެއް މީހުން އަޅުގަނޑާ ދިމާލަށް އެބަ ބުނޭ ތިއީ އެކައްޗެއްނޫންހޭ. އޮޅުވާލަންވެގެންނޭ ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދިނީ. އެހެންވެ އަޅުގަނޑަކީ އެކަހަލަ މީހެއް ނޫންކަން ސާބިތުކޮށްދޭން އެބަޖެހޭ. ކުރާ ކަމެއް ކުރަންޖެހެނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި."
ޑީއާރުޕީން ވަކިވެވަޑައިގަތުމަށް ފަހު އެހެން ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަންނަވާނެތޯ އާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ ދެންނެވުމުން އަމިއްލަފުޅު ވިޔަފާރި ކުންފުނި ވިލާގެ ޗެއާމަންކަން ކުރައްވާ ގާސިމް ވިދާޅުވީ "އަޅުގަނޑު އަބަދުވެސް ވިސްނަނީ މިއަދާއި މާދަމާ އަށް" ކަމަށާއި އެހެންވެ އެކަމާ ދޭތެރޭ އެއްޗެއް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ގާސިމް މިއަދު ޑީއާރްޕީން އިސްތިއުފާ ދެއްވިއިރު މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ ޕާޓީގެ ދެވަނަ ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތުގައި އޭނާ ބައިވެރިވެވަޑައިގެން ވާހަކަ ވެސް ދެއްކެވި އެވެ. އެހެން ނަމަވެސް އިއްޔެ ހަވީރު ބޭއްވި އެ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތަށް ގާސިމް ވަޑައެއްނުގަންނަވަ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރެވުނީ "ކެބިނެޓުގައި ތިއްބެވި ބައެއް ބާރުގަދަ ބޭފުޅުންގެ ސަބަބުން" ކަމަށާއި ބަޖެޓަށް ބޭނުންވާ ފައިސާ ލިބިވަޑައިނުގަތުމުން ކަމަށެވެ.
"ބައެއް ވަޒީރުން ބަޖެޓަށް 300 މިލިއަން ޑޮލަރު ތިން މަސް ދުވަހުގެ ތެރޭގައި ހޯއްދަވައިދެއްވާނަމޭ ވިދާޅުވެފައި އެ ފައިސާއެއް ނުލިބޭ. އެކަމުގެ ޒިންމާވާންޖެހެނީ، ބައެއް މީހުން ދެކޭ ގޮތުގައި އަޅުގަނޑު. ބައެއް މީހުން ދެކޭ ގޮތުގައި އެ އާމްދަނީ ނުލިބުމުން ބަޖެޓް ފޭލިވަނީ. ކިހިނެއްތޯ ބަޖެޓް ފޭލިވާނީ؟ ބަޖެޓަކީ ފޮތެއްގައި ލިޔެފައި ހުންނަ އެއްޗެހިތަކެއް. ބަޖެޓެއް ނޫން ފޭލިވަނީ. ފޭލިވަނީ މުޅި ސަރުކާރު. ދައުލަތަށް ހޯދަން ވިދާޅުވާ އާމްދަނީ ނުލިބޭ ކަމަށް ވަނީ ނަމަ އެ ފޭލިވަނީ މުޅި ސަރުކާރެއް ނޫންތޯ؟" ގާސިމް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރުކަމުން މިދިޔަ ބުރާސްފަތި ދުވަހު ގާސިމް އިސްތިއުފާ ދެއްވިއިރު، ޓޫރިޒަމް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީ ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ޑީއާރުޕީން ގާސިމް ވަކިވެވަޑައިގަތުމުން މިހާރު އެ ޕާޓީގެ ނާއިބު ޒައީމުންގެ ގޮތުގައި ތިއްބަވަނީ އެޓޮލްސް މިނިސްޓަރު އަހުމަދު ތަސްމީން އަލީ އާއި ސަން ޓްރެވެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސިޔާމް މުހައްމަދު އަދި މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވި ޕްލޭނިން މިނިސްޓަރު ހަމްދޫން ހަމީދެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމުން ވަކިވެވަޑައިގަތުމަށް ރައީސް މައުމޫންގެ އަރިހަށް ސިޓީ ފޮނުއްވާފައިވާ އަދި ޑީއާރްޕީގެ ނާއިބު ޒައީމުކަމުގެ މަގާމުގައި ހުންނެވި ގާސިމް އިބްރާހީމް ދިވެހި ރައްޔިތުންގެ ޕާޓީން ވަކިވެވަޑައިގެންފި ކަން އޭނާ މީގެ ކުޑައިރުކޮޅެއް ކުރިން ހަވީރަށް ކަށަވަރުކޮށްދެއްވައިފި އެވެ.
ގާސިމް އިބްރާހީމް ޑީއާރްޕީން ވަކިވެވަޑައިގަތީ އޭނާ މިހާރު ސަރުކާރުގައި ފުރުއްވަމުން ގެންދަވާ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ހުށަހެޅުއްވި ދުވަހު (ޖުލައި 10) އޮތް ޑީއާރްޕީގެ ދެ ވަނަ ގައުމީ ޖަލްސާ ފެށުމުގެ ޖަލްސާގައި ވެސް ބައިވެރިވެ ވަޑައިގެން ޕާޓީގެ ނާއިބު ޒައީމުގެ ހައިސިއްޔަތުން ވާހަކަފުޅު ދެއްކެވިތާ ތިން ދުވަސް ފަހުންނެވެ. ޑީއާރްޕީގެ ގައުމީ ޖަލްސާ ތިން ދުވަހަށް ދެމިގެން ދިޔަ އިރު، ފެށުމުގެ ޖަލްސާ ފިޔަވައި އެހެން ބައްދަލުވުމެއްގައި ބައިވެރިވަޑައެއް ނުގަންނަވަ އެވެ.
ޑީއާރްޕީގެ ދެ ވަނަ ގައުމީ ޖަލްސާ ނިންމުމަށް ފަހު އެ ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސްގައި ޖަލްސާގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ގައުމީ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ގާސިމް ބައިވެރިވަޑައިނުގެންނެވީ ރަށުގައި ވަޑައިގެން ނެތުމުން ކަމަށެވެ. ގާސިމް ޑީއާރްޕީން ވަކިވެވަޑައިގަތުމާ ގުޅިގެން އެ ޕާޓީގެ އެއް ނާއިބު ޒައީމުގެ މަގާމު އަނެއްކާ ވެސް ހުސްވީ އެވެ.
ހަތަރު ނާއިބު ޒައީމުންގެ ތެރެއިން ކުރީގެ ބަންޑާރަ ނާއިބު ޑރ. ހަސަން ސައީދު 30 އޮކްޓޫބަރު 2007 ގައި ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން، ހުސްވި މަގާމަށް މިހާރުގެ ޕްލޭނިން މިނިސްޓަރު ހަމްދޫން ހަމީދު އިންތިޚާބުކުރީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮތް ޑީއާރްޕީގެ ގައުމީ ޖަލްސާގަ އެވެ. އޭގެ ތިން ދުވަސް ފަހުން ގާސިން ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން އަނެއްކާ ވެސް ނާއިބު ޒައީމެއްގެ މަގާމު ހުސްވީ އެވެ.
26: 13
ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ހުށަހަޅުއްވާފައިވާ އަދި ޑީއާރްޕީގެ ނާއިބު ޒައީމުކަމުގެ މަގާމުގައި ހުންނެވި ގާސިމް އިބްރާހީމް ދިވެހި ރައްޔިތުންގެ ޕާޓީން ވަކިވެވަޑައިގެންފި ކަން އޭނާ ދެންމެ ހަވީރަށް ކަށަވަރުކޮށްދެއްވައިފި އެވެ.
(އިތުރު ތަފްސީލު އަންނަނީ...)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ