ފިލްމު އެސޯސިއޭޝަނުގެ މަސައްކަތް އަލުން ފެށުމަށް ވަގުތީ ހިންގާ ކޮމެޓީއެއް އިންތިހާބުކޮށްފި

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުގެ މަސައްކަތްތައް އަލުން ފަށައިގަތުމަށް އެ ޖަމިއްޔާ އިން ވަގުތީ ހިންގާ ކޮމެޓީއެއް އިންތިހާބުކޮށްފި އެވެ.
ސަރުކާރުގެ ހިއްސާއާ އެކު ފިލްމީ ދާއިރާ ކުރިއެރުވުމަށް މީގެ ތިން އަހަރު ކުރިން އުފެއްދި ޖަމިއްޔާ އިން ދަރުބާރުގޭގައި ރޭ ބޭއްވި އާއްމު ބައްދަލުވުމެއްގައި ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީ އެކުލަވާލީ، ޖަމިއްޔާގެ ހިންގާ ގަވާއިދާއި އަސާސީ އިސްލާހުކޮށް، އަލުން އިންތިހާބު ބޭއްވުމަށެވެ.
އެ ބައްދަލުވުމަށް ހާޒިރުވި އެ ޖަމިއްޔާގެ މެމްބަރުންގެ ތެރެއިން ވަގުތީ ހިންގާ ކޮމެޓީ އަށް ފަސް މެމްބަރުން ހޮވާފައި ވަނީ އަމިއްލަ އަށް ނަން ހުށަހަޅައި މެމްބަރުންގެ ތާއީދު ވެސް ލިބިގެންނެވެ.
ގާތްގަނޑަކަށް 50 ވަރަކަށް މެމްބަރުން ބައިވެރިވި ބައްދަލުވުމުގައި ޖަމިއްޔާގެ ވަގުތީ ހިންގާ ކޮމެޓީ އަށް ހޮވައިފައި ވަނީ، ފިލްމީ ދާއިރާގެ ތަޖުރިބާކާރު ޑައިރެކްޓަރުންތަކެއް ކަމަށްވާ މުހަންމަދު ނިޔާޒް (ޓެޑްރީ) އާއި އަބްދުލް ފައްތާހު އާއި ފާތުމަތު ނަހުލާ އާއި ކުރިން ފިލްމީ ދާއިރާގެ ހަރަކާތްތެރިވެފައިވާ މުހަންމަދު ރަޝީދު (ދޮންއަންނާރޭ) ގެ އިތުރުން ޑައިރެކްޓަރު އަލީ ޝިފާއު އެވެ.
ފިލްމު އެސޯސިއޭޝަންގެ ވަގުތީ ހިންގާ ކޮމެޓީގެ މެމްބަރުންގެ ފަރާތުން އެ ބައްދަލުވުމުގައި ޓެޑްރީ ބުނީ ފިލްމު އެސޯސިއޭޝަންގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވި ގިނަ ދުވަސްތަކެއް ވީ އެސޯސިއޭޝަންގެ ބިންގާ "ކައްޗަށް" އަޅައިފައި ވުމުން ކަމަށެވެ. އެހެން ނަމަވެސް އެކަންތައް ބަދަލުކޮށް، އެސޯސިއޭޝަނުގެ އިންތިހާބު ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް އެ ކޮމެޓީން ކޮށް، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ނެޝެނަލް ސެންޓަ ފޮ ދި އާޓްސް އިން އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މުހަންމަދު ރަޝީދު (ދަރާ) ވިދާޅުވީ ޖަމިއްޔާގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދު އެކުލަވާލުމުގެ މަސައްކަތުގެ އިތުރުން އެ ޖަމިއްޔާ އަށް މެމްބަރުން އަލުން ވެއްދުމަކީ ވެސް އެ ކޮމެޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.
"އެސޯސިއޭޝަންގެ ރަސްމީ ބޯޑް އޮފް ޑިރެކްޓާސް ދައުރު ހަމަވެގެން މިހާރު ވަނީ އުވިފައި. އެހެންވެ ޖަމިއްޔާގެ މަސައްކަތްތައް ކުރިއަށް ނުގެންދެވިފައި ވަނީ. އަލުން މަސައްކަތްތައް ފަށައިގަތުމަށް ޖަމިއްޔާގެ ވަގުތީ ހިންގާ ކޮމެޓީއެއް އެކުލަވާލީ،" ރަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ