މައުމޫން ދެއްކެވި ވާހަކަ އޭސީސީން ކުށްވެރިކޮށްފި

ރާއްޖޭގައި ނުރައްކާތެރި ދަރަޖައަކަށް ފެތުރިފައިވާ ކޮރަޕްޝަންގެ އަމަލުތައް ނައްތާލެވޭނީ ސަރުކާރުގެ ފިއްތުންތަކާއި ބިރުދެއްކުންތަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ސަލާމަތްވެ، މިނިވަންވެގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވާތީ، އެ ކޮމިޝަނުން އެކަން ކުށްވެރިކޮށްފި އެވެ.
އޭސީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި ކޮމިޝަނަށް މަސައްކަތް ކުރެވޭނީ ސަރުކާރުގެ ބިރުދެއްކުންތަކުން ސަލާމަތްވެގެން ކަމަށް މައުމޫން ވިދާޅުވުމުން ރައްޔިތުންގެ ކުރިމަތީގައި އެ ކޮމިޝަންގެ ގަދަރާއި އިހްތިރާމް ކުޑަވެ، ކޮރަޕްޝަން ނައްތާލުމަށް މިނިވަންކަމާ އެކު ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭނެ އެވެ.
"މި ކޮމިޝަނުގެ ގާނޫނީ ވާޖިބު އަދާކުރުމުގައި މިހާތަނަށް ސަރުކާރު ނުވަތަ އެ ނޫން ވެސް ފަރާތެއްގެ ނުފޫޒެއް ނުވަތަ ބިރުދެއްކުމެއް ކުރިމަތިވެފައެއް ނުވެ އެވެ. މި ކޮމިޝަން އަބަދު ވެސް މަސައްކަތް ކުރަނީ ގާނޫނު އަސާސީ އާއި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުން މި ކޮމިޝަނަށް ލިބިފައިވާ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ހުދޫދުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ކޮރަޕްޝަންގެ ނުބައި ވަބާ އިން ގައުމު ސަލާމަތްކުރުމަށެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.
އަދި އެ ބަޔާނުގައި ބުނީ "އެ ކޮމިޝަނަކީ ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ މިނިވަން ގާނޫނީ ޝަހްސެއް" ކަމަށެވެ. އެހެންކަމުން ދައުލަތުގެ އެންމެހާ ދާއިރާތަކުން ކޮރަޕްޝަން ނައްތާލުމަށް ވެސް މަސައްކަތް ކުރަމުން އަންނަނީ ޖެހިލުމެއް ނެތި އަދި ވަކި ފަރާތަކަށް ބުރަނުވެ މުސްތަގިއްލު ކަމާ އެކުގައި ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އެހެންކަމުން އެ މުއައްސަސާއާ މެދު ރައްޔިތުންނަށް ސުވާލުއުފެދޭ ފަދަ ހަގީގަތެއް ނެތް ވާހަކަތައް ނުދެއްކުމަށް އެ ބަޔާނުގައި އޭސީސީން އިލްތިމާސްކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ