އަބްދުﷲ ގާޒީގެ މައްސަލަ ކޮމިޓީން ބޭރުކޮށްލައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލައިގައި މިނިވަން މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް ބެލުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ޑީއާރުޕީގެ ތިން މެމްބަރަކު ހުށަހެޅުއްވި މައްސަލަ އެމްޑީޕީގެ މެމްބަރުން މިއަދު ބޭރުކޮށްލައިފި އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ ހުށަހެޅުއްވި މި މައްސަލަ ކުރިއަށް ގެންދިއުމަށް ފެނިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ފަސް މެމްބަރަކު ތާއިދު ކުރެއްވި އިރު، ކުރިއަށް ގެންދަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ ހަތަރު މެމްބަރެކެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރަން ޑީއާރުޕީގެ މެމްބަރުން ހުށަހެޅުއްވީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ޖުޑީޝަލް ސާވިސް ކޮމިޝަން އަދި ޕްރޮސެކިއުޓާ ޖެނެރަލެވެ.
އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައާ ގުޅޭ ގޮތުން މުއައްސަސާތަކުން ކުރަމުންދާ ކަންތައް ބެލުމަށްވުރެ، މިހާރު އުފެދިފައިވާ ގާނޫނީ މައްސަލަ ހައްލުވާނެ ގޮތެއް ހޯދުން މުހިންމު ކަމަށެވެ. އަދި ޖޭއެސްސީއާ ބެހޭ ގޮތުން އެ ކޮމިޓީ އަށް 2010 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލަތައް ބަލައި ކޮމިޓީން ގޮތެއް ކަނޑައެޅުން ވެސް މުހިންމު ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
ކޮމިޓީގެ މުގައްރިރު ވިދާޅުވީ މި މަސައްކަތް ކޮމިޓީން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މިހާރު އޮތީ ކުޑަ ކޮމިޓީގެ ރިޕޯޓު އެކުލަވާލުމުގެ މަރުހަލާގައި ކަމަށެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ވިދާޅުވީ "ޝަރުއީ ނިޒާމުގެ ކަންތައް ގޯސްވެގެން ގޮސްފައިވަނީ ޖޭއެސްސީގެ އިހްމާލުން" ކަމަށާއި އެ ކޮމިޝަނުގައި ހުރި މައްސަލަތައް ހުއްޓިފައިވާ ކަމަށެވެ. އަދި މިހާރު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުން އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރެވޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު އުފެދިފައިވާ ގާނޫނީ މައްސަލަތައް ހައްލުކުރެވޭނީ މަޝްވަރާކުރައްވައިގެން ކަމަށާއި، އިންތިގާލީ މަރުހަލާ އަށް ފަހު އަދުލް އިންސާފުގެ ދާއިރާ އަށް އައި ހުއްޓުން ކަނޑުވާލީ އެމްޑީޕީ އާއި ޑީއާރުޕީ މަޝްވަރާކޮށްގެން ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އަދި އެކަމުގެ ސަބަބުން އޭނާގެ ފަރުދީ ހައްގުތައް ގެއްލިގެން ގޮސްފައިވާއިރު، އެކަންކަން ބެލުމަކީ އެ ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށާއި އެކަން ކުރަންޖެހޭ ކަމަށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ކުރިއަށް ދިޔައިރު، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނު އިންނެވީ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހާޒިރުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ