އެމްޑީޕީގެ ރައީސަކު ހޮވުމަށް މިއަދު މުޅި ރާއްޖޭގައި ކުރިއަށް ގެންދާ އިންތިހާބުގައި ވޯޓުލައި ނިމޭތާ 24 ގަޑިއިރުގެ ތެރޭގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އެ އިންތިހާބުގެ ކޯޑިނޭޓިން ކޮމެޓީން ބުނެފި އެވެ.
އެ ކޮމެޓީގެ ޕްރެސް އޮފިސަރު އަދި ބ. ދާއިރާގެ ރައީސް އުބެއިދުﷲ މުއާޒު ވިދާޅުވީ މިއަދު ހަވީރު 00: 6 ގައި ވޯޓުލައި ނިމޭއިރަށް، ވޯޓު ގުނުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
"ވޯޓު ލައި ނިމޭއިރަށް ވޯޓު ގުނުމުގެ މަސައްކަތް އަޅުގަނޑުމެން ހުރިހާ ސަރަހައްދެއްގައި ވެސް ކުރިއަށް ގެންދާނެ. އެ ވޯޓު ފޮއްޓެއް ގުނައި ނިމޭ ވަރަކުން އަޅުގަނޑުމެން ގެންދާނީ ވަގުތީ ނަތީޖާ ވެސް އިއުލާން ކުރަމުން. ހަވީރު 00: 6 ގައި ވޯޓު ލައި ނިންމަން ކަނޑައަޅާފައި އޮތް ނަމަވެސް، ވޯޓުލާން މީހުން އައިސްފައި ތިބިއްޔާ، ވޯޓުލުން ހުއްޓާ ނުލާ ކުރިއަށް ގެންދާނެ. އަޅުގަނޑުމެން މި އުއްމީދުކުރަނީ މިރޭ 10 ޖަހަންވާއިރަށް ހުރިހާ ވޯޓު ފޮއްޓެއްގެ ވަގުތީ ނަތީޖާ ނެރެވޭނެ ކަމަށް،" އުބެއިދުﷲ ވިދާޅުވި އެވެ.
ވޯޓުލައި ނިމޭތާ 24 ގަޑިއިރު ތެރޭގައި ވަގުތީ ނަތީޖާ އިއުލާން ކުރި ނަމަވެސް، ދާއިމީ ނަތީޖާ އިއުލާން ކުރުމަށް 14 ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅައިފަ އެވެ. އެހެން ނަމަވެސް ވޯޓުގެ ހުރިހާ މައުލޫމާތެއް ލިބިއްޖެ ނަމަ 14 ދުވަހުގެ ކުރިން ވެސް ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އިންތިހާބުގެ ކޯޑިނޭޓިން ކޮމެޓީން ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ރައީސަކު ހޮވުމުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 00: 9 ގައި ފަށައިގެން ކުރިއަށް ގެންދާއިރު، މާލޭގައި ވޯޓުލުން ކުރިއަށް ދަނީ ދަރުބާރުގޭގަ އެވެ. މާލޭގައި ތިބި އެމްޑީޕީގެ މެމްބަރުން ވޯޓުލުމަށްޓަކައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި 10 ވޯޓު ފޮށި ބަހައްޓާފައި ވެ އެވެ. އަދި ވޯޓުލުން ކުރިއަށް ދާއިރު، ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ މަސައްކަތް ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ދެ އެވެ. އެގޮތުން ބައެއް ކެންޑިޑޭޓުންގެ ކެމްޕެއިން ލީފްލެޓްތައް ބެހުމާއި ކެމްޕެއިން ޓީޝާޓް ބެހުން ފަދަ ކަންތައްތައް ދަރުބާރުގޭގައި ކުރިއަށް ދާ މަންޒަރު ފެނިފައި ވެ އެވެ. ރާއްޖޭގައި ބާއްވާ އެހެން އިންތިހާބުތަކާ ހިލާފަށް ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުން މަނާ ގަޑިއެއް އެމްޑީޕީން ހަމަޖައްސައިފައެއް ނުވެ އެވެ. އެހެންވެ ވޯޓު ކަރުދާސްކޮޅުގައި ފާހަގަލާ ވަގުތު ނޫން ކޮންމެ ވަގުތެއްގައި ވެސް ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މި އިންތިހާބުގައި ވޯޓުލުމަށް 94 ސަރަހައްދުގައި 113 ވޯޓު ފޮށި ބަހައްޓައިފައި ވެ އެވެ. އަދި ވޯޓުލުމުގެ ޝަރުތުހަމަވާ 24،620 މެމްބަރުން އެބަތިބި ކަމަށް އެމްޑީޕީން ބުނެ އެވެ. އިންތިހާބުގައި ވޯޓުލެވެނީ މިދިޔަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރުންނަށް އެކަންޏެވެ.
އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވަނީ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތ. މެމްބަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ރައްޔިތުންގެ މަޖިލީހުގެ ލ. މެމްބަރު ރީކޯ މޫސާ މަނިކު އަދި ޕާޓީގެ މިހާރުގެ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ އެވެ.
އެމްޑީޕީގެ ރިޔާސީ އިންތިހާބު: ވޯޓުލައި ނިމޭތާ 24 ގަޑިއިރުގެ ތެރޭގައި ވަގުތީ ނަތީޖާ އިއުލާންކުރާނެ: ކޯޑިނޭޓިން ކޮމެޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ