އެމްޑީޕީ އެތެރޭގެ އިންތިހާބުން އެޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ ނާކާމިޔާބީއެއް ކަމަށާއި އެ އިންތިހާބު ކާމިޔާބު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް ޕީޕީއެމް ޕާލިމެންޓްރީގެ ގްރޫޕްގެ ނައިބު ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމުން އައްޑޫ ސިޓީގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ފަލާހު ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ފަލާހު ވިދާޅުވީ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ ވޯޓަކީ އެމްޑީޕީއަށް ހެޔޮއެދޭ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ފަލާހު ވިދާޅުވި ގޮތުގައި އެ އިންތިހާބުގައި ރައީސް ނަޝީދު "ހޮވަން އުޅުނު ކެނޑިޑޭޓް" ނުހޮވުނެވެ. ފަލާހު ވިދާޅުވި ގޮތުގައި އެ އިންތިހާބު ކާމިޔާބު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އެވެ.
"މި ހުރިހާ ކުޅިވަރެއް ޖަހަން ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނެވި ކަމަށް ވަނީ، އިއްޔެއަކީ ހަގީގަތުގައި އެމްޑީޕީއަށް ހެޔޮއެދޭ ބޭފުޅުންނަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔަ ދުވަހެއް، ރައީސް ނަޝީދު ހޮވަން އުޅުނު ކެނޑިޑޭޓް ނުހޮވުނު ކަމަށް ވަނީ، އަބްދުﷲ ޝާހިދު ކަމަށް ވަނީ އިއްޔެގެ އިންތިހާބު ކާމިޔާބު ކުރެއްވީ، އަބްދުﷲ ޝާހިދަށް ވެސް އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުންނާއި އަބްދުﷲ ޝާހިދާ ގުޅިގެން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ބާއްވަންޖެހޭ ކަމަށާއި "އެމްޑީޕީއަކީ ރައީސް ނަޝީދު ޖަހާހާ ބެރަކަށް ނަށާ ޕާޓީއަކަށް" ވެގެން ނުވާނެ ކަމަށެވެ.
"އެމްޑީޕީއަކީ ރައީސް ނަޝީދު ޖަހާހާ ބެރަކަށް ނަށާ ޕާޓީއަކަށް ވެގެންނުވާނެ، ހާއްސަކޮށް ރައީސް ނަޝީދު ވެސް ވަރަށް ބަލިވެ އުޅުއްވާ ދުވަސްކޮޅެއް މިއީ، ހަމައެއާއެއްކޮށް ރައީސް ނަޝީދު އެކަނި ނުކޮށްލަންވެގެން އަޅުގަނޑުމެންގެ ތެރެެއިން ހޮވުނު މެންބަރެއް، އަހުމަދު މަހުލޫފް ކިޔާ މެންބަރަކު ގޮސް ނަޝީދު ނިންދަވަން ލަންކާގައި އުޅުއްވާ ކަމަށް ވަނީ،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ގެންނަވާ ތަރައްގީއާ މެދު އިދިކޮޅު ފަރާތްތަކުން ސުވާލުކުރާއިރު، އިދިކޮޅު ފަރާތްތަކުން ބޭނުންވެގެން އެ އުޅޭ ތަރައްގީ އަކީ ކޮބައިކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"ރައީސް ނަޝީދަށް ތަރައްގީ ކަމަށް ވާނީ މާލެއާއި ރާއްޖެތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި "ބާ އާއި ޑިސްކޯތައް" ހެދީމަ، އެކަމެއް ނުވާނެ އިނގޭތީ ނަޝީދު، މަނިކުފާނު އެ މަސައްކަތް ކުރައްވަން މަސައްކަތް ނުކުއްވާ ދިވެހިރާއްޖޭގައި، ދިވެހިރާއްޖޭގައި މަނިކުފާނު ވެރިކަމަށް ކުރާ ހުވެފެން މިހާރު މިވަނީ އެއްކޮށް ނިމިފަ،" އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރެގެން އިންތިގާލީ ވެރިކަމެއް ގާއިމްކުރުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ފަލާހު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެ މަސައްކަތް ކުރަނީ ރައީސް މުހައްމަދު ވަހީދަށް ދިން "ކަހަލަ ލަނޑެއް" ދޭންތޯ އޭނާ ސުވާލުކުރެއްވި އެވެ.
"ރައީސް ނަޝީދު ތި ހުންނެވީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ފާޑުފާޑު އެއްޗެހި ބޮއެބޮއެ މުޅިން ބޯހަލާކުވެފައޭ، މިއީ ދޮގެއްތޯ، އަޅުގަނޑު ނުދެކެން މިފަދަ ބޮޑު މޮޔަ ވެރިއަކު ދުވަހަކު މިގައުމަކުންނެއް، އަބަދު އަޅުގަނޑުމެންނަށް މި ފެންނަނީ މޮޔަ ވާހަކަތައް ދައްކާތަން،" ދައުލަތުގެ މީޑިއާއާއި ޗެނަލް 13 އަދި ސަންގުޓީވީން ވަގުތުން ދުރަށް ދެއްކި ޖަލްސާގައި ފަލާހު ވިދާޅުވި އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އެމްޑީޕީ އެތެރޭގެ އިންތިހާބުން ރައީސް ނަޝީދަށް ލިބުނީ ނާކާމިޔާބީއެއް، މޮޅުވީ އަބްދުﷲ ޝާހިދު: ފަލާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ