ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ގއ. ކޮލަމާފުށީ ރައްޔިތުނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވިލިނގިލީ ދާއިރާގެ ބައި އިލެކްޝަނަށް ވަގުތު ކުޑަތަންވެފައި އޮތްއިރު، ދާއިރާގެ ރައްޔިތުންގެ އިހްލާސްތެރިކަން ވޯޓުން ދައްކައި ދެން ޖެހޭ ކަމަށެވެ.
އަދި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ދިމާލަކަށް ތަރައްގީ ގެނައުމާއި ދިވެހިން ގަބޫލުކުރާ އިސްލާމީ ރިވެތި އުސޫލުގެ މަތީގައި ދެމިތިބުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސިޔާސީ މީހުން ލައްކަ ވާހަކަ ދައްކާނެ. އެ ފަހަރަކު ރައްޔިތުންނަށް ގަބޫލުކުރާ މިންވަރަށް ރައްޔިތުން ވާވައްދަން ވާހަކަ ދައްކާނެ. އެކަމަކު، އަޅުގަނޑުމެންނަށް ނުދެއްކޭ ވާހަކައަކީ ކުރާ ކަމެއްގައި، ހާއްސަ ގޮތެއްގައި ބައެއްގެ ހާލަތު ބަދަލުކުރާ ވަރުގެ ނިންމުމެއް ނިންމާއިރު، އެކަން ކުރަންވާނީ އިހްލާސްތެރިކަމާ އެކު" ރައީސް ވިދާޅުވިއެވެ.
އިހްލާސްތެރިކަމާ އެކު އެކަން ނުކުރެވޭ ކަމަށްވާ ނަމަ، އެ ގޮނޑިއާ ހަވާލުވެގެން އަންނަ މީހުންގެ އިހްލާސްތެރިކަން އުފެދުމުގައި ނެތް ނަމަ، މި ބައި އިލެކްޝަން ކަހަލަ އެތައް އިލެކްޝަނެއް ކުރިމަތިލާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޕީޕީއެމުން މަޖިލިހުގެ ބައެއް މެމްބަރުން ވަކިވެގެން ދިއުމަކީ "ބަޣާވާތެއް" ކަމަށް ސިފަވާ މޭރުމަކުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ޕާޓީން ވަކިވެގެން ބަޔަކު ދިޔައީ އިހްލާސްތެރިކަން ނެތުމުން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާ ހަމައަށް ދާއިރު، ކޮލަމާފުށިން އެކަނި 80 ޕަސަންޓު ވޯޓު ލިބޭނެކަމުގެ ޔަގީންކަން ކައުންސިލުން ދީފައިވާ ކަމަށެވެ. އެހެންވެ ޕީޕީއެމްގެ ފިކުރާ، ހިޔާލު ތަފާތުވާ މީހުންނާ ބައްދަލުކޮށް، އެ ހިޔާލު ތަފާތުވަނީ ކީއްވެގެން ކަން ދެނެގަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ހާލަތު ބަދަލުކުރުމުގެ ހިޔާލު ސަރުކާރުގައި ނެތް ނަމަ، އެތަނެއް ތަރައްގީ ނުވާނެ ކަމަށެވެ. އަދި އަވައްޓެރި ގައުމުތަކުގައި އުޅޭ ބަޔަކު އެ ހާލަތު ބަދަލުކުރަން ނާންނާނެ ކަމަށާއި ހާލަތު ބަދަލުކުރަން ޖެހޭނީ ދިވެހިން އަމިއްލަ އަށް ކަމަށް ވެސް ވިދާޅުވި އެވެ.
"އެމްޑީޕީއެއް، އަދާލަތެއް، އެހެން ޕާޓީއެއް ކިޔާނެ ކަމެއް ނެތް. ޕާޓީއަކަށް ނުވަދެ ތިބި ނަމަވެސް އަޅުގަނޑުމެންގެ ފިކުރަށް ތާއީދުނުކުރެވޭ ކަމަށްވާ ނަމަ އެކަން އެނގެން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ވިލިނގިލީ ދާއިރާގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރާނެ - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ