ޝަހުސް އޮޅުވާލީ ފާރިސްއެއް ނޫން، ޕީޕީއެމް ހައިޖެކްކުރި ޕީއޭ މީހުން: މައުމޫން

ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނަށް ޝަހުސް އޮޅުވާލުމުގެ ދައުވާ އުފުލާފައިވާއިރު، ހަގީގަތުގައި ޝަހުސް އޮޅުވާލީ ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން އައިސް ޕީޕީއެމް ހައިޖެކްކުރި މީހުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
މ. ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސްގައި އެމަނިކުފާނު ފަސް އަހަރުގެ ދައުރަކަށް ހޮވާފައިވާތީވެ ޕާޓީގެ ރައީސްގެ ނަމުން އެމަނިކުފާނާ ގިނަ ބަޔަކު އަދިވެސް މުހާތަބުކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން، އެމަނިކުފާނަށް އެގޮތަށް މުހާތަބުކުރާ މީހުންނަށް ޝަހުސް އޮޅުވާލުމުގެ ދައުވާ ނުއުފުއްލަވާނެތޯ މައުމޫން ސުވާލު އުފެއްދެވި އެވެ.
ޕީޕީއެމްގެ ބާރުތައް މައުމޫންގެ އަތްޕުޅުން އަތުލައި، ޕާޓީގެ ރައީސް ކަމުގެ މަގާމުން ވެސް ވަނީ ވަކިކޮށްފަ އެވެ. އެއީ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން ޚިލާފު ނިންމުމަކަށްވާތީ އެކަން ގަބޫލުނުކުރައްވާނެ ކަމަށް މައުމޫން މިރޭ ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފާރިސްއާ މެދު ފާރިސްގެ މައްޗަށް ޝަހުސް އޮޅުވާލުމުގެ ދައުވާ އުފުލީ ޕީޕީއެމްގެ ދިދައެއް ހުރި ތަނެއްގައި އިށީންނެވުމުން ކަމަށެވެ. އެއީ އިންސާފެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ޝަހުސް އޮޅުވާލީ ޕީޕީއެމް ހައިޖެކްކުރި ޕީއޭ މީހުން. ޕީޕީއެމްގެ ވިސްނުމާއި ފިކުރުގައި ސަރުކާރާއި އެތަން މިތަނަށް ހޮވި އަމަލުކުރަނީ ޕީޕީއެމްގެ ވިސްނުމާއި ފިކުރާ ހިލާފަށް. ހަގީގަތް ފޮރުވުމަށް އެހެން ގަމީހެއް ލައްވައިގެން ޕީއޭ ބަޔަކު ތިބީ. މހާރު އެތިބީ އަސްލަށް ރުޖޫއަވެ، އެހެންވީމާ ކާކުތޯ މިތަނުން ޝަހުސް އޮޅުވާލީ،" މައުމޫން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މައުމޫން ވާހަކަފުޅު ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިޝްވަތުގެ ތުހުމަތުކޮށް، ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލައި ފާސްކުރަމުން ދަނިކޮށް އޭނާ ހައްޔަރުކުރަން އިތުރު އަމުރެއް ނެރުނީ އެ ގެއިން އެއްޗެހިތަކެއް ފެނުނު ކަމަށް ދެއްކުމަށެވެ. އެކަމަކު ފާރިސްއާ މެދު ކޮށްފައިވާ ތުހުމަތުތަކާއި އުފުލާފައިވާ ދައުވާ އަކީ ވެސް އިންސާފުން ބޭރު އަމަލެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ފާރިސްއާ މެދު އަމަލުކުރަމުންދަނީ، ވަރަށް ފަހުން އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ވެސް ޚިލާފަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފާރިސްއެކޭ އެއްގޮތަށް އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންނަށް އަދަބު ލިބެމުންދާއިރު، ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިއަސް މިހާރު ފެންނަމުން ދަނީ ގާނޫނާ ޚިލާފަށް އަމަލުކުރަމުންދާ މަންޒަރެވެ. އެންމެ ބޮޑު މައްސަލައަކީ ގާނޫނީ ހުކޫމާތު ނުދެމެހެއްޓުން ކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތުގެ ބާރުތައް ފެށެނީ އަދި ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަން ފާހަގަކުރައްވައި ވިދާޅުވީ ސަރުކާރަށް ވެސް އޮންނާނީ ރައްޔިތުން ދިން ބާރުތަކެއް ކަމަށެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވެސް ގާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ މިނިވަން ކަމެއް ކަން ފާހަގަކުރައްވައި ވިދާޅުވީ ވަކި ފަރާތަކުން ހިތްހަމަނުޖެހޭ ނަމަ އެ ހައްގު ވެސް މަނާކުރަމުންދާ ކަމަށެވެ. އެކަމަކު އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ވެސް ވެރިކަން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަން މައުމޫން ފާހަގަކުރެއްވި އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އަމަލުކުރުމުގެ ހައްގެއް ނެތް ކަން ރައީސުލްޖުމްހޫރިއްޔާ ވެސް ގަބޫލުފުޅުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ރައީސް ޔާމީން ވެރިކަމަށް ގެންނަން ވޯޓު ދޭން ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ ހެޔޮ ނިޔަތަކާ އެކުގައި ނަމަވެސް، އެމަނިކުފާނުގެ އަމަލުތައް ހުރީ ރައްޔިތުންނަށް އަނިޔާވެރިވާ ގޮތަށް ކަމަށް ވިދާޅުވެ މައުމޫން މިރޭ ވަނީ ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ